ވޯލްޑް ކަޕް ސެމީ ފައިނަލްގައި އިންގްލެންޑް ބަލިކުރުމަށްފަހު، ފޯކްލޭންޑް އައިލެންޑްސްއަކީ އާޖެންޓީނާގެ މިލްކެއް ކަމަށް ދޭހަވާ ފަދަ ބެނާއެއް ބޭނުންކުރުމާ ގުޅިގެން އާޖެންޓީނާގެ ފުޓްބޯޅަ ޓީމަށް ފީފާގެ ފަރާތުން އަދަބު ލިބުމުގެ ފުރުސަތު ބޮޑުކަމަށް ބައެއް ރިޕޯޓްތައް ބުނެފިއެވެ.

އެޓްލާންޓާގައި ކުޅުނު މި ފޯރިގަދަ މެޗުގައި، ތޯމަސް ޓުޗެލްގެ އިރުޝާދުގެ ދށުން ކުޅެމުންދިޔަ އިންގްލެންޑް އަތުން އާޖެންޓީނާ މޮޅުވީ ފަހަތުން އަރައި 2-1 ގެ ނަތީޖާއަކުންނެވެ. މި މޮޅާއެކު އާޖެންޓީނާ ވަނީ އާދީއްތަ ދުވަހު އޮންނަ ފައިނަލްގައި ސްޕެއިންއާ ދެކޮޅަށް ކުޅުމަށް ފުރުސަތު ހޯދާފައެވެ.

Ad
rt

މެޗު ނިމުމުގެ ފަހުން އާޖެންޓީނާގެ ކުޅުންތެރިން އުފާފާޅުކުރިއިރު، "ލަސް މަލްވީނަސް ސޮން އާޖެންޓީނާސް" (ފޯކްލޭންޑްސްއަކީ އާޖެންޓީނާގެ ތަނެއް) މިހެން ލިޔެފައިވާ ބެނާއެއް ހިފަހައްޓައިގެން ތިއްބެވެ. އެޓްލާންޓިކް ކަނޑުގެ ދެކުނު ހުޅަނގުގައި އޮންނަ ފޯކްލޭންޑްސް އަކީ އިނގިރޭސިވިލާތުގެ ބާރުގެ ދަށުގައި އޮންނަ ތަނެއް ނަމަވެސް، އެއީ އާޖެންޓީނާގެ ތަނެއް ކަމަށް ބުނެ ދެ ގައުމުގެ ދެމެދުގައި މިލްކުވެރިކަމުގެ ބޮޑު މައްސަލައެއް އޮވެއެވެ.

މި ރަށްތަކުގެ މައްސަލައިގައި 1982 ވަނަ އަހަރު ދެ ގައުމުގެ ދެމެދުގައި ކުރި 74 ދުވަހުގެ ހަނގުރާމައިގައި އާޖެންޓީނާގެ 655 ސިފައިންނާއި އިނގިރޭސިވިލާތުގެ 255 ސިފައިން ވަނީ މަރުވެފައެވެ. މީގެ ކުރިން 2014 ވަނަ އަހަރުވެސް މިފަދަ ބެނާއެއް ބޭނުންކުރުމުން ފީފާއިން ވަނީ އާޖެންޓީނާގެ ފުޓްބޯޅަ އެސޯސިއޭޝަން 20,000 ޕައުންޑުން ޖޫރިމަނާކޮށްފައެވެ.

މި މެޗަށްފަހު އާޖެންޓީނާގެ ނައިބު ރައީސް ވިކްޓޯރިއާ ވިލަރޫލް އެކްސްގައި ވިދާޅުވީ، މިއީ ހަމައެކަނި ފުޓްބޯޅަ މެޗެއް ނޫން ކަމަށާއި، ދަނޑަށް އެ ބެނާ ވެއްދުން މަނާކުރި ނަމަވެސް އެއީ އާޖެންޓީނާގެ ރައްޔިތުންގެ ލޭގައި ހިނގާ ކަމެއް ކަމަށެވެ. ނަމަވެސް އާޖެންޓީނާގެ ކޯޗު ލިއޮނަލް ސްކަލޯނީ މެޗުގެ ކުރިން ބުނެފައިވަނީ ފުޓްބޯޅައާއި ސިޔާސީ ކަންކަން މަސްހުނި ނުކުރާނެ ކަމަށެވެ.

މި މައްސަލައާ ގުޅިގެން އިނގިރޭސިވިލާތުގެ ސެކްރެޓަރީ އޮފް ސްޓޭޓް ފޯ ބިޒްނަސް އެންޑް ޓްރޭޑް، ޕީޓާ ކައިލް ވިދާޅުވީ މިއީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށާއި، ފީފާއިން މިކަން ވަރަށް ސީރިއަސްކޮށް ބަލާނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ. ފީފާގެ ގަވާއިދުތައް ބުނާގޮތުން ފުޓްބޯޅަ މެޗުތަކުގެ ތެރޭގައި ސިޔާސީ އެއްވެސް ހަރަކާތެއް ހިންގުމަކީ މަނާކަމެކެވެ.