އައްޑޫ ސިޓީގައި މަސްތުވާތަކެތި ބޭނުންކުރުމުގެ ހިދުމަތް ދެމުންދާކަމުގެ ތުހުމަތުގައި، ސ. މަރަދޫގައި ހުރި ގެއެއް ބަންދުކުރުމަށް މަރަދޫ މެޖިސްޓްރޭޓް ކޯޓުން އަމުރުކޮށްފިއެވެ.

ދިވެހި ފުލުހުންގެ ހިދުމަތުން މައުލޫމާތު ދީފައިވާ ގޮތުގައި، ކޯޓު އަމުރުގެ ދަށުން ބަންދުކުރުމަށް ނިންމާފައިވަނީ ސ. މަރަދޫ / ބޯޅަދަނޑުގެ އެވެ. މި އަމުރު ނެރެފައިވަނީ 2026 ޖުލައި 12 ވަނަ ދުވަހުން ފެށިގެން 90 ދުވަހުގެ މުއްދަތަށެވެ.

Ad
rt

މަސްތުވާތަކެއްޗާ ބެހޭ ގާނޫނުގެ ދަށުން ނެރުނު މި އަމުރަކީ، މަސްތުވާތަކެތި ބޭނުންކުރުމުގެ ހިދުމަތްދޭ ތަނެއް ނުވަތަ 'ޑްރަގް ކެފޭ' އެއް ބަންދުކުރުމަށް މަރަދޫ މެޖިސްޓްރޭޓް ކޯޓުން ނެރުނު ފުރަތަމަ އަމުރެވެ.

ފުލުހުން ބުނި ގޮތުގައި، ކޯޓު އަމުރުގެ ދަށުން ބަންދުކުރާ ތަންތަނަށް، އެ އަމުރުގެ މުއްދަތުގައި ހުއްދަނެތި ވަދެނުކުމެ ހެދުމަކީ ގާނޫނީ ކުށެކެވެ. އަދި މިފަދަ ތަންތަނަށް ހުއްދަނެތި ވަންނަ ފަރާތްތަކާއި، އެ ތަންތަނަށް އެކި ގޮތްގޮތުން ގެއްލުންދޭ ފަރާތްތަކާމެދު ގާނޫނީ ގޮތުން ހަރުކަށި ފިޔަވަޅު އެޅޭނެ ކަމުގެ އިންޒާރު ވެސް ފުލުހުން ވަނީ ދީފައެވެ.

އައްޑޫ ސިޓީގައި މަސްތުވާތަކެތި ވިއްކައި ވިޔަފާރިކުރާ ފަރާތްތައް ހުއްޓުވުމަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކަށް ރައްޔިތުންގެ ފަރާތުން ލިބެމުންދާ އެހީތެރިކަމާއި އެއްބާރުލުމަށް ފުލުހުން ވަނީ ޝުކުރު އަދާކޮށްފައެވެ. މަސްތުވާތަކެއްޗާ ބެހޭ ގާނޫނުން ފުލުހުންނަށް ލިބިދީފައިވާ ބާރުތަކުގެ ދަށުން، މިފަދަ ތަންތަން ބަންދުކުރުމުގެ މަސައްކަތް ހުއްޓުމެއްނެތި ކުރިއަށްދާނެ ކަމަށް ވެސް ފުލުހުން ބުނެއެވެ.

މީގެ ކުރިން ވެސް އައްޑޫ ސިޓީ ހިތަދޫ މެޖިސްޓްރޭޓް ކޯޓުން ވަނީ އެ ރަށުގެ ދެ ގެއެއް ބަންދުކުރުމަށް އަމުރުކޮށްފައެވެ. މީގެ އިތުރުން ފުވައްމުލަކު ސިޓީގައި ހުރި 'ޑްރަގް ކެފޭ' އެއް ބަންދުކުރުމަށް ވެސް އެ ރަށު މެޖިސްޓްރޭޓް ކޯޓުން މީގެ ކުރިން އަމުރު ނެރެފައިވެއެވެ.

މަސްތުވާތަކެތީގެ ވަބާއިން މުޖުތަމައު ސަލާމަތްކުރުމަށްޓަކައި، މިފަދަ ވިޔަފާރިތައް ހިންގާ ތަންތަން ހޯދައި ގާނޫނީ އިމުގެ ތެރެއިން އެ ތަންތަން ބަންދުކުރުމުގެ މަސައްކަތް ފުލުހުން ދަނީ ވަރުގަދަ ކުރަމުންނެވެ.