1966 ވަނަ އަހަރުގެ ވޯލްޑް ކަޕްގައި ހިނގި ހާދިސާއަކާ ގުޅިގެން ފުޓްބޯޅައިގެ ގަވާއިދުތަކަށް ބޮޑު ބަދަލެއް ގެނައުމަށް މެދުވެރިވި އާޖެންޓީނާގެ ކުރީގެ މަޝްހޫރު ފުޓްބޯޅަ ކުޅުންތެރިޔާ އެންޓޯނިއޯ ރަޓިން، އުމުރުން 89 އަހަރުގައި މަރުވެއްޖެއެވެ.
އާޖެންޓީނާގެ ފުޓްބޯޅަ އެސޯސިއޭޝަން (އޭއެފްއޭ) އިން ހޮނިހިރު ދުވަހު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ގައުމީ ޓީމާއި ބޮކާ ޖޫނިއާސްގެ ތާރީޚީ ރަމްޒެއް ކަމަށްވާ ރަޓިން މަރުވީ އާޖެންޓީނާގެ ވެރިރަށް ބިއުނޯސް އައިރެސްގައި ކަމަށެވެ. އޭނާ މަރުވުމާ ގުޅިގެން އެ އެސޯސިއޭޝަނުން ވަނީ ފުން ހިތާމައެއް ފާޅުކޮށްފައެވެ.
ރަޓިން އަކީ އޭނާގެ 14 އަހަރުވީ ފުޓްބޯޅަ ކެރިއަރުގައި ހަމައެކަނި ބޮކާ ޖޫނިއާސްއަށް ކުޅުނު، އެ ކްލަބަށް ވަފާތެރި ކުޅުންތެރިއެކެވެ. ޑިފެންސިވް މިޑްފީލްޑަރެއްގެ ގޮތުގައި ކުޅުނު ރަޓިން ވަނީ ބޮކާ ޖޫނިއާސްއާއެކު އާޖެންޓީނާ ލީގު ހަ ފަހަރު ކާމިޔާބުކޮށް، 1963 ވަނަ އަހަރުގެ ކޮޕާ ލިބަޓަޑޯރޭސްގެ ފައިނަލަށް އެ ޓީމު ގެންގޮސްދީފައެވެ.
ދުނިޔޭގެ ސަމާލުކަން ރަޓިންއަށް އެންމެ ބޮޑަށް ހުއްޓުނީ 1966 ވަނަ އަހަރު އިންގްލެންޑްގައި ބޭއްވި ވޯލްޑް ކަޕްގެ ކުއާޓާ ފައިނަލްގައި އާޖެންޓީނާ އާއި އިންގްލެންޑް ބައްދަލުކުރި މެޗުގައެވެ. އެ މެޗުގެ 36 ވަނަ މިނެޓުގައި ރަޓިން ރެފްރީއާ ދެކޮޅަށް ވާހަކަދެއްކުމުން އޭނާ ދަނޑުން ފޮނުވާލިއެވެ. އެ ދުވަސްވަރު ކާޑު ބޭނުންކުރުމުގެ އުސޫލެއް ނޯވެއެވެ.
ދަނޑުން ފޭބުމަށް އިންކާރުކޮށް ރަޓިން ކުރި އިހުތިޖާޖުގެ ތެރޭގައި، އިންގްލެންޑްގެ ދިދަ ޖަހާފައި ހުރި ކޯނަރު ދިދައެއް މޮޅި ކޮށްލުމަށްފަހު، ރާނީ އެލިޒަބަތު އިށީނދެވަޑައިގަންނަވަން ހާއްސަކޮށްފައިވާ ރަތް ދޫލައިގެ މަތީގައި އިށީނެވެ. މި ހާދިސާގެ ސަބަބުން ފީފާއިން ވަނީ ކުޅުންތެރިންނަށް އިންޒާރު ދިނުމަށާއި ދަނޑުން ފޮނުވާލުމަށް އެންމެންނަށް ފަސޭހައިން ދޭހަވާނެ ނިޒާމެއް ގާއިމުކުރުމަށް ނިންމާފައެވެ.
އެގޮތުން، ފީފާގެ ރެފްރީ ކޮމިޓީގެ އޭރުގެ އިސްވެރިޔާ ކެނެތު ޖޯޖް އެސްޓަން، ޓްރެފިކް ލައިޓުން މިސާލު ނަގައިގެން 1967 ވަނަ އަހަރު ރަތް ކާޑާއި ރީނދޫ ކާޑު ފުޓްބޯޅައަށް ތައާރަފުކުރިއެވެ.
ރަޓިންގެ މި އަމަލަކީ އާޖެންޓީނާ އާއި އިންގްލެންޑުގެ ފުޓްބޯޅަ ވާދަވެރިކަން ފެށުނު މުހިންމު ހާދިސާއެއްގެ ގޮތުގައި ތާރީޚުގައި ވަނީ ލިޔެވިފައެވެ. އޭނާ އަކީ އާޖެންޓީނާގެ ގައުމީ ޓީމަށް ދެ ވޯލްޑް ކަޕެއްގައި ކުޅެދީފައިވާ، އެ ގައުމުގެ ފުޓްބޯޅައިގެ ވަރަށް މުހިންމު ޝަޚްސިއްޔަތެކެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!