އޯޑިނަރީ އިލެކްޓްރޯނިކް ޕާސްޕޯޓުގެ ޚިދުމަތް އަލުން ފެށުމަށްޓަކައި ވާންޖެހޭ ތައްޔާރީތައް ވަމުން އަންނަ ކަމަށް ކޮންޓްރޯލަރ ޖެނަރަލް އޮފް އިމިގްރޭޝަން އަޙްމަދު ފަސީހް ވިދާޅުވެއްޖެއެވެ.

އޯޑިނަރީ އިލެކްޓްރޯނިކް ޕާސްޕޯޓު ދޫކުރުން މެދުކަނޑާލަން ޖެހުނީ ޕާސްޕޯޓު ޕްރިންޓް ކުރުމަށް ބޭނުންކުރާ "ޕާސްޕޯޓު ބުކްލެޓް" ގެ ސްޓޮކް ރާއްޖެއަށް ގެނައުމުގައި ދިމާވި ލަސްތަކަކާ ގުޅިގެންނެވެ. މިކަމާ ގުޅޭގޮތުން ކޮންޓްރޯލަރ ޖެނަރަލް ވިދާޅުވީ ޕާސްޕޯޓް ހެއްދުމަށް ބޭނުންވާ ތަކެތި އުފެއްދުމަށް މިހާރު އޯޑަރު ދީފައިވާ ކަމަށެވެ.

Ad
rt

އިމިގްރޭޝަނުން ލަފާކުރާ ގޮތުގައި މިމަހުގެ ފަހުކޮޅު ނުވަތަ އަންނަ މަހުގެ ކުރީކޮޅު ޕާސްޕޯޓު ހެއްދުމަށް ބޭނުންވާ ސާމާނު ލިބޭނެއެވެ.

"ޕާސްޕޯޓު ހެދުމަށް ބޭނުންވާ ސާމާނު ލިބުމުން އަލުން އެ ޚިދުމަތް ފަށާނެ،" ކޮންޓްރޯލަރ ވިދާޅުވިއެވެ.

އިލެކްޓްރޯނިކް ޕާސްޕޯޓުގެ ޚިދުމަތް މެދުކަނޑާލާފައިވާ މުއްދަތުގައި ދޫކުރަމުންދާ ނޮން-އިލެކްޓްރޯނިކް ޕާސްޕޯޓަކީ ވެސް އިންޓަރނޭޝަނަލް ސިވިލް އޭވިއޭޝަން އޯގަނައިޒޭޝަން (އައިކާއޯ)ގެ މިންގަނޑުތަކަށް ފެތޭ، 5 އަހަރު ދުވަހުގެ މުއްދަތަށް ދޫކުރެވޭ މެޝިން ރީޑަބަލް ޕާސްޕޯޓެކެވެ.

އަގުތަކަށް ބަލާއިރު، އޯޑިނަރީ އިލެކްޓްރޯނިކް ޕާސްޕޯޓުގެ ފީއަކީ 1,000 ރުފިޔާއެވެ. ނަމަވެސް އޯޑިނަރީ ނޮން-އިލެކްޓްރޯނިކް ޕާސްޕޯޓެއް ހެއްދުމަށް ހޭދަވަނީ 600 ރުފިޔާއެވެ.

މިފަހަރު އިމިގްރޭޝަނުން ވަނީ އާންމުންނަށް ލުއި ފަސޭހަ ގޮތްތަކެއް ހަމަޖައްސައިދީފައެވެ. އެގޮތުން، އޯޑިނަރީ ނޮން-އިލެކްޓްރޯނިކް ޕާސްޕޯޓު ދޫކުރާ ފަރާތްތަކުން ޕާސްޕޯޓުގެ މުއްދަތު ހަމަވުމުގެ ކުރިން އޯޑިނަރީ އިލެކްޓްރޯނިކް ޕާސްޕޯޓެއް ހަދަން ބޭނުންވާ ހާލަތްތަކުގައި "ކެންސަލޭޝަން ފީ" ނެގުމަކާ ނުލައި ޕާސްޕޯޓު ހެއްދޭނެ އިންތިޒާމް މިހާރު ވަނީ ހަމަޖައްސާފައެވެ.