ޤައުމުގެ ޒުވާނުންގެ ކުރިއެރުމަށް ޚާއްޞަ ސަމާލުކަމެއް ދިނުމާއެކު، ރާއްޖޭގައި އިތުރުވަމުންދާ ދުވަސްވީ މީހުންގެ އާބާދީއަށް އެއްބާރުލުންދީ އެހީތެރިވުމަށް ތައްޔާރުވާންޖެހޭ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވީ ދުނިޔޭގެ އާބާދީ ދުވަހުގެ މުނާސަބަތުގައި ފޮނުއްވި މެސެޖުގައެވެ.

Ad
rt

މި މެސެޖުގައި އެމަނިކުފާނު ފާހަގަކުރެއްވި ގޮތުގައި، މިއަދުގެ ޒުވާނުންގެ ކިބައިގައި ދުޅަހެޔޮ އާދަތައް އަށަގަންނުވައިގެން، ދިގުދެމިގެންދާ ބަލިމަޑުކަމުން ޒުވާނުން ރައްކާތެރިކުރުމަކީ މުހިންމު ކަމެކެވެ. މީގެ ސަބަބުން ދުވަސްވުމާ ގުޅިގެން ކުރިމަތިވާ ބަލިތައް ފަސްކުރެވި، އުފެއްދުންތެރި މަސައްކަތްތެރީންނާއި މަދަދުވެރީން ބިނާކުރެވޭނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސްގެ މެސެޖުގައި 'ކެއަރ އިކޮނޮމީ' ނުވަތަ އަޅާލުމުގެ އިޤުތިޞާދެއްގައި ވުނަކުރުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވާލެއްވިއެވެ. މިފަދަ އިންވެސްޓްމަންޓްތަކުގެ ސަބަބުން ދުވަސްވީ މީހުންނަށް ފެންވަރު ރަނގަޅު ޞިއްޙީ ފަރުވާއާއި އިޖުތިމާޢީ އެއްބާރުލުން ކަށަވަރުވާނެ ކަމަށާއި، ވަކީން ޚާއްޞަކޮށް އަންހެނުންނާއި އަންހެންކުދީން، އާމްދަނީއެއް ނުލިބޭ ގޮތަށް މީހުން ބެލުމަށް އުފުލަންޖެހޭ ބުރަ ލުއިވެގެންދާނެ ކަމަށް ވިދާޅުވިއެވެ.

ދެމެހެއްޓެނިވި ތަރައްޤީއާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ތަރައްޤީ ބަރޯސާވަނީ ހަމައެކަނި އާބާދީގެ ކުޑަބޮޑުމިނުގެ މައްޗަށް ނޫން ކަމަށާއި، އެއީ ޒުވާނުންގެ ފުރިހަމަ ޤާބިލިއްޔަތު ބޭނުންކުރުމަށް އެމީހުން ބާރުވެރިކޮށްދެވޭ މިންވަރުގެ މައްޗަށް ބަރޯސާވާ ކަމެއް ކަމަށެވެ.

ރާއްޖޭގެ އާބާދީގެ 39 އިންސައްތައަކީ ޒުވާނުންކަން ފާހަގަކުރައްވައި، އެ ފަރާތްތަކަށް ފެންވަރު ރަނގަޅު ތަޢުލީމާއި ވަޒީފާގެ ފުރުޞަތުތައް ހޯދައިދިނުމަކީ ސަރުކާރުގެ އިސް އަމާޒެއް ކަމަށް ވިދާޅުވިއެވެ.

މީގެ އިތުރުން، 'މޯލްޑިވްސް 2.0' މަސައްކަތުގެ ދަށުން ޢާންމު ޚިދުމަތްތައް ޒަމާނީކޮށް، ސުމޭކު (ޑިޖިޓަލް) އިޤުތިޞާދެއް ބިނާކުރުމުގެ މަސައްކަތް ކުރިއަށްދާކަން ރައީސް ހާމަކުރެއްވިއެވެ. އަދި ތަރައްޤީގެ ސިޔާސަތުތައް ކަނޑައެޅުމުގައި އާބާދީގެ ޞައްޙަ ތަފާސްހިސާބު ބޭނުންކުރުމުގެ މުހިންމުކަން ފާހަގަކުރައްވައި، 2030 ވަނަ އަހަރުގެ ބޯހިމެނުން ކުރިއަށްގެންދަވާނީ އިދާރީ ދަފުތަރުތަކާއި ބޯހިމެނުމުގެ އުސޫލުތައް އެކުލެވޭ 'ހައިބްރިޑް' ނިޒާމަކުން ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވިއެވެ.