މާލޭގެ އިސްލާމީ މަރުކަޒުގެ އިމާމްގެ މަގާމުގައި ހުންނެވި އައްސައިޚް އިބްރާހިމް ރަޝީދު ހަސަން އެ މަގާމުން އިސްތިއުފާދެއްވައިފިއެވެ.
ކުޅުދުއްފުށީ ސިޓީ އަށް ނިސްބަތްވެވަޑައިގަންނަވާ ޝައިޚް އިބްރާހިމް ރަޝީދު މިކަން ހާމަކުރެއްވީ މީސްމީޑިއާގައި ކުރެއްވި ޕޯސްޓެއް މެދުވެރިކޮށެވެ.
އިސްތިއުފާ ދެއްވިކަން ހާމަކުރައްވަމުން ޝައިޚް ވިދާޅުވީ، ވޭތުވެދިޔަ 7 އަހަރުގެ ދިގު މުއްދަތުގައި އިސްލާމީ މަރުކަޒުގެ އިމާމެއްގެ މަސްއޫލިއްޔަތު އަދާކުރުމުގެ ފުރުސަތު ލިބިގެންދިޔުމަކީ ލިބުނު ވަރަށް ބޮޑު ޝަރަފަކާއި ފަޚުރެއް ކަމަށެވެ. އަދި އެ މަގާމަށް އައްޔަންކުރެއްވި ކަމަށްޓަކައި ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙަށާއި، މިހާރުގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއަށް ޝައިޚް ވަނީ ޝުކުރު އަދާކުރައްވާފައެވެ.
ޝައިޚްގެ ޕޯސްޓުގައި އިތުރަށް ވިދާޅުވީ، މަގާމުގެ މަސްއޫލިއްޔަތު އަދާކުރުމުގައި ކުރީގެ އިސްލާމިކް މިނިސްޓަރ ޑރ. އަޙްމަދު ޒާހިރު ޢަލީ އާއި މިހާރުގެ އިސްލާމީކަންތައްތަކާއި އައުޤާފާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ދެއްވި އަގުހުރި ނަސޭހަތާއި އިރުޝާދަށް ޝުކުރުވެރިވާ ކަމަށެވެ. މީގެ އިތުރުން އިސްލާމީ މަރުކަޒުގެ އިސްއިމާމް ފަޟީލަތުއް ޝައިޚް މުހައްމަދު ލަތީފާއި، އެކުގައި މަސައްކަތް ކުރެއްވި އެހެނިހެން އިމާމުންނާއި މުއައްޒިނުންނަށްވެސް ޝައިޚް ވަނީ ޝުކުރު ދަންނަވާފައެވެ.
މަގާމުން އިސްތިއުފާ ދެއްވި ސަބަބާ ގުޅޭގޮތުން ޝައިޚް ވިދާޅުވީ، މިއީ ތައުލީމާއި އުނގަންނައި ދިނުމުގެ ދާއިރާއިން ގައުމަށް ހިދުމަތް ކުރުމަށް ލިބުނު ފުރުސަތެއްގެ ބޭނުން ހިފުމަށް ނިންމެވި ނިންމެވުމެއް ކަމަށެވެ. ޝައިޚް މިހާރު ވަނީ ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީ (އައިޔޫއެމް) ގައި ވަޒީފާ އަދާކުރައްވަން ފައްޓަވާފައެވެ.
ޝައިޚް އިބްރާހިމް ރަޝީދު ހަސަންގެ ޕޯސްޓް ނިންމާލައްވާފައިވަނީ އިސްލާމީ ކަންތައްތަކާ ބެހޭ މިނިސްޓްރީއަށް އިތުރު ކުރިއެރުމާއި ފާގަތިކަން މިންވަރު ކުރެއްވުމަށް އެދި ދުއާ ކުރައްވަމުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!