ކުޑަކުދިން ހެދިބޮޑުވާގޮތް ބަލައި ފަރުވާ ދިނުމުގެ ދާއިރާއިން ޚާއްޞަ ސުޕަޝެލިސްޓެއްގެ ގޮތުގައި ޤައުމަށް ޚިދުމަތްކޮށްދެއްވަން ފެށްޓެވި ފުރަތަމަ ދިވެހި ޑޮކްޓަރު، ޑރ. އާމިނަތު ފަޒުނާ ނިޔާވުމާ ގުޅިގެން ރައީސް ޑރ. މުޙައްމަދު މުޢިއްޒު ތަޢުޒިޔާ ވިދާޅުވެއްޖެއެވެ.

ޑރ. ފަޒުނާ ނިޔާވީ ކެންސަރު ބައްޔަށް އައިޖީއެމްއެޗުގައި ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށް، އުމުރުން 47 އަހަރުގައެވެ.

Ad
rt

ރައީސް މުޢިއްޒު މީސްމީޑިއާގައި ހިއްސާކުރެއްވި ތަޢުޒިޔާގެ މެސެޖުގައި ވިދާޅުވީ، ޑރ. ފަޒުނާ އަވަހާރަވުމުގެ ހިތާމައިގައި، އެ ކަމަނާގެ ޢާއިލާއަށާއި، ދަރުމަވަންތަ ހޮސްޕިޓަލާއި އައިޖީއެމްއެޗްގެ ހުރިހާ މުވައްޒަފުންނަށް އަދި ޞިއްޙީ ދާއިރާގައި މަސައްކަތްކުރައްވާ ފަރާތްތަކަށް ތަޢުޒިޔާ ދަންނަވާ ކަމަށެވެ. އަދި މަރުޙޫމާއަށް ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރުކޮށްދެއްވައި، މާތްﷲގެ ތަނަވަސް ރަޙްމަތުގައި ލަހައްޓަވައިދެއްވުމަށް އެދިވަޑައިގެން ދުޢާ ކުރެއްވިއެވެ.

ޑރ. އާމިނަތު ފަޒުނާއަކީ މެލޭޝިއާ އަދި އެމެރިކާގެ ޔުނިވަރސިޓީތަކުން ޑިވެލޮޕްމަންޓަލް ޕީޑިއެޓްރީޝަންގެ ދާއިރާއިން މަތީ ތައުލީމު ހާސިލުކުރައްވާފައިވާ ބޭފުޅެކެވެ. ޑރ. ފަޒުނާ އައިޖީއެމްއެޗުގައި ބަލިމީހުން ބައްލަވަން ފެއްޓެވީ 2024 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ ތެރޭގައެވެ.

ޚާއްޞަގޮތެއްގައި އޯޓިޒަމް، އޭޑީއެޗްޑީ އަދި އުނގެނުމުގެ އުނދަގޫތައް ހުންނަ ކުދިން ދެނެގަތުމަށް ޑރ. ފަޒުނާ ގިނަ މަސައްކަތްތަކެއް ކުރައްވާފައިވެއެވެ. ޑރ. ފަޒުނާ ފާހަގަކުރެވިފައިވަނީ ބަލިމީހުންނާއި އާއިލާތަކަށް އޯގާތެރިކަމާއެކު ހިދުމަތް ދެއްވި ނަމޫނާ ޑޮކްޓަރެއްގެ ގޮތުގައެވެ.