ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސާއި ކުޅުދުއްފުށީ ޕޮލިސް ގުޅިގެން ހދ. ކުޅުދުއްފުށީގައި ހިންގި މަސްތުވާތަކެތީގެ ދެ އޮޕަރޭޝަނެއްގައި ހަތަރު މީހަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން ބުނިގޮތުގައި މިއީ މި އޮޕަރޭޝަންތަކަކީ އެ ރަށުގައި މަސްތުވާތަކެތި ގެންގުޅެ، އޭގެ ވިޔަފާރިކުރާކަމަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަންތަކެކެވެ.
މި ޖުލައި މަހުގެ 7 ވަނަ ދުވަހު ހިންގި ފުރަތަމަ އޮޕަރޭޝަންގައި ހައްޔަރުކޮށްފައިވަނީ ކުޅުދުއްފުށީ ލޭކޮކާ، ޙަސަން އިބްރާހީމް (27އ) އާއި، އެ ރަށު ކަގި، ފާޠިމަތު ޢަލީ (32އ) އެވެ. މި ދެ މީހުން ހައްޔަރުކޮށް، އެ މީހުން ތިބި ގެސްޓްހައުސް ބަލައިފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ ތަކެތި ފެނިފައިވާ ކަމަށް ފުލުހުން ބުނެއެވެ. މި ތަކެތީގެ ވަގުތީ ބަރުދަނަކީ 3.9 ގުރާމެވެ.
މަސްތުވާތަކެތި ވިއްކައި ވިޔަފާރިކޮށް އަދި އެ ތަކެތި ބޭނުންކުރާކަމުގެ ތުހުމަތުގައި ހައްޔަރުކުރި މި ދެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، ޙަސަން އިބްރާހީމް 10 ދުވަހަށް އަދި ފާޠިމަތު ޢަލީ ތިން ދުވަހަށް ބަންދުކުރުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ.
މީގެ އިތުރުން، ޖޫން މަހުގެ 30 ވަނަ ދުވަހު ހިންގި ދެވަނަ އޮޕަރޭޝަންގައި ހައްޔަރުކޮށްފައިވަނީ ކުޅުދުއްފުށީ އެނީޒާ، އާދަމް މުޙައްމަދު (42އ) އާއި، އެ ރަށު ހުވަފެނީއައްސޭރި، އަޙްމަދު އިސްމާޢީލް (33އ) އެވެ. ކޯޓު އަމުރެއްގެ ދަށުން އެ މީހުން ހައްޔަރުކޮށް، އެވަގުތު ތިބި ގެ ބަލައިފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ 14.06 ގުރާމުގެ ތަކެތި ފެނިފައިވެއެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކުރި މި ދެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، ދެ މީހުންވެސް 8 ދުވަހުގެ މުއްދަތަށް ބަންދުގައި ބޭތިއްބުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ.
ފުލުހުން ދަނީ މި ދެ މައްސަލަވެސް އިތުރަށް ތަހުގީގު ކުރަމުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!