އީރާނުގެ އަމުރަށް ބޯނުލަނބައި ހޮރްމުޒް ކަނޑުއޮޅިން ދަތުރުކުރި ތިން އުޅަނދަކަށް އީރާނުން ފިޔަވަޅު އެޅިކަމަށްބުނެ، އެމެރިކާ ސިފައިން ބުދަ ދުވަހުގެ ފަތިހު އީރާނަށް ވަރުގަދަ ހަމަލާތަކެއް ދީފިއެވެ.

މި ހަމަލާތަކަށް ރައްދު ދިނުމުގެ ގޮތުން އީރާނުން ވަނީ ބަޙްރައިނާއި ކުވެއިތުގައި ހުރި އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް އަމާޒުކޮށް ހަމަލާދީފައެވެ.

Ad
rt

އެމެރިކާ އިން ދިން ހަމަލާތަކުގެ މަތިއޮމާންކުރުމުގެ ގޮތުން އެ ގައުމުގެ ސެންޓްރަލް ކޮމާންޑުން ބުނިވެފައިވަނީ، އީރާނަށް ހަމަލާދޭން ޖެހުނީ ބައިނަލްއަގުވާމީ ކަނޑުގެ ސަރަހައްދުން ދަތުރުކުރާ އާންމު އުޅަނދުފަހަރަށް އީރާނުން ފިޔަވަޅުއަޅައި، ކަނޑުގެ ސަލާމަތަށް ނުރައްކާ ކުރަމުންދާތީއެވެ. އެމެރިކާގެ މި ހަމަލާތަކުގައި އީރާނުގެ ވައިގެ ދިފާއީ ނިޒާމުތަކާއި، ރޭޑާރުތަކާއި، އަދި ރިވޮލިއުޝަނަރީ ގާޑުން ބޭނުންކުރާ 60 އަށްވުރެ ގިނަ ކުދި ބޯޓުތަކަށް ވަނީ އަމާޒުކޮށްފައެވެ.

މި ހަމަލާތަކާ ގުޅިގެން، އީރާނުން ބަޙްރައިނާއި ކުވެއިތުގައި ހުރި އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް މިސައިލް ހަމަލާ ދީފައިވާކަން އީރާނުގެ ރިވޮލިއުޝަނަރީ ގާޑުން ވަނީ ކަށަވަރުކޮށްދީފައެވެ. އީރާނުން ބުނީ މިއީ އެމެރިކާއިން ހަމަލާ ބަދަލުކުރުން ހުއްޓާލުމުގެ އެއްބަސްވުމާ ޚިލާފުވުމުން ދިން ރައްދެއް ކަމަށެވެ. ބަޙްރައިނަކީ އެމެރިކާގެ ފަސްވަނަ ފްލީޓް އޮންނަ ގައުމެވެ. އަދި ކުވެއިތަކީ އެމެރިކާގެ އެއްގަމު ސިފައިން ތިބޭ ގައުމެކެވެ.

މި ހަމަލާތައް ދީފައިވަނީ އީރާނުގެ ރޫހާނީ ލީޑަރު އާޔަތުﷲ އަލީ ޚާމަނާއީ އަވަހާރަވުމާ ގުޅިގެން ބާއްވަމުންދާ ޖަނާޒާގެ ރަސްމިއްޔާތުތައް ކުރިއަށްދާ ދަނޑިވަޅެއްގައެވެ. ޚާމަނާއީ އަވަހާރަވީ މިދިޔަ ފެބުރުވަރީ މަހުގެ 28 ވަނަ ދުވަހުއެވެ. މި ދަނޑިވަޅަކީ މަސްރަހު ފިނިވާނެ ދުވަސްވަރެއް ކަމަށް ބެލެވުނު ނަމަވެސް، ޖަނާޒާގެ ބައިވެރިން ދަނީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާއި އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ މަރާލުމަށް ގޮވަމުންނެވެ.

ހަމަލާތަކާ ގުޅިގެން އެމެރިކާއިން ވަނީ އީރާނަށް ދުނިޔޭގެ ބާޒާރުގައި ފާޅުގައި ތެޔޮ ވިއްކުމަށް ދީފައިވާ ހުއްދަވެސް ބާތިލުކޮށްފައެވެ. މިއީ އީރާނުގެ އިގްތިސާދަށް ލިބޭނެ ބޮޑު ގެއްލުމެކެވެ.

އީރާނުގެ މަޖިލީހުގެ ރައީސް މުޙައްމަދު ބާގިރު ގާލީބާފް ވިދާޅުވީ، ބިރުދެއްކުމާއި މަޖުބޫރުކުރުމުގެ ޒަމާން މާޒީވެއްޖެ ކަމަށާއި، އީރާނުން އެމެރިކާގެ ކުރިމަތީގައި ކުޑަކަކޫ ނުޖަހާނެ ކަމަށެވެ.

މި ހަމަލާތަކުގެ ސަބަބުން މެދުއިރުމަތީގައި އޮތް ނުތަނަވަސްކަން އިތުރުވެ، ބޮޑު ހަނގުރާމައެއް ފެށިދާނެކަމުގެ ބިރު ވަނީ ބޮޑުވެފައެވެ. އަދި ހަމަލާ ބަދަލުކުރުން ހުއްޓާލުމަށް ވެފައިވާ ވަގުތީ އެއްބަސްވުން އުވާލުމުގެ ފުރުސަތު ބޮޑުވެ، ކުރިއަށް އޮތް މަޝްވަރާތަކަށް ވަނީ ހުރަސް އެޅިފައެވެ.