މާލޭ ހުޅަނގު ބަނދަރު ފުޑް ކޯޓުތަކުގައި ޤަވާޢިދާ ޚިލާފަށް މަސައްކަތް ކުރަމުންދިޔަ 27 ބިދޭސީން މޯލްޑިވްސް އިމިޤްރޭޝަނުން އާދީއްތަ ދުވަހު ރޭ ހިންގި ހާއްސަ ރެއިޑް އޮޕަރޭޝަނެއްގައި ހައްޔަރުކޮށްފިއެވެ.

މި އޮޕަރޭޝަނަކީ ރާއްޖޭގައި ޤަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ޙައްލުކުރުމަށް ސަރުކާރާއި އިމިޤްރޭޝަން ގުޅިގެން ކުރިއަށްގެންދާ މަސައްކަތްތަކުގެ ބައެކެވެ.

Ad
rt

އިމިގްރޭޝަނުން މައުލޫމާތު ދޭ ގޮތުގައި، ގިނަ އަދަދަކަށް ގަވާއިދާ ހިލާފަށް މަސައްކަތް ކުރާ ބިދޭސީން ހަރަކާތްތެރިވާކަމަށް ފާހަގަކުރެވިފައިވާ ހުޅަނގު ބަނދަރު ސަރަހައްދުގައި ހިންގި މި އޮޕަރޭޝަނުގައި ޖުމްލަ 88 ބިދޭސީއަކު ބަލައި ފާސްކޮށްފައިވެއެވެ. މީގެ ތެރެއިން 27 ބިދޭސީއަކު ވަނީ އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.

ބިދޭސީންގެ މަޢުލޫމާތު އެއްކުރުމަށް ހިންގާ "އޮޕަރޭޝަން ކުރަނގީ" ގެ ދަށުން މިހާތަނަށް ދެ ލައްކަ ދެ ހާހަށްވުރެ ގިނަ ބިދޭސީންގެ މަޢުލޫމާތު ވަނީ އެއްކޮށްފައެވެ. ސަރުކާރުން ބުނެފައިވަނީ އަންނަ އަހަރުން ފެށިގެން ޤަވާއިދާ ޚިލާފަށް އުޅޭ އެއްވެސް ބިދޭސީއަކު ފެނިއްޖެނަމަ، އިތުރު ފުރުސަތަކާ ނުލާ ޑީޕޯޓު ކުރާނެ ކަމަށެވެ.

މިހާރު ކުރިއަށްދާ އޮޕަރޭޝަން ކުރަނގި ފޭސް ތިނެއްގެ ދަށުން 2895 މީހުން ހޯދައި ޑީޕޯޓުކުރުމުގެ މަސައްކަތާއި، ޤަވާޢިދާ ޚިލާފަށް ރާއްޖޭގައި ވިޔަފާރި ކުރާ ފަރާތްތައް ހޯދުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ. މީގެ އިތުރުން ސައްހަ ވޯކްޕާމިޓް އަދި ވިސާ ނެތް މީހުން ހޯދައި ރާއްޖެއިން ފޮނުވާލުމަށް ވަނީ ހަމަޖެހިފައެވެ.

ވިޔަފާރިތަކުގައި މަސައްކަތް ކުރާ ބިދޭސީންގެ ވޯކް ޕާމިޓް ފީ ދެއްކުމަށް ބާރު އެޅުމުގެ ގޮތުން، މިހާރު ފީ ނުދެއްކިވާ ފަރާތްތަކަށް ލުއި ފަސޭހަ އިންތިޒާމުތަކެއް މި ފޭސްގެ ތެރެއިން ލިބިގެންދާނެއެވެ.

ގަވާއިދާ ޚިލާފަށް ރާއްޖޭގައި އުޅެމުންދާ ބިދޭސީންގެ މައްސަލައަށް ދާއިމީ ހައްލެއް ގެނައުމަށް ކުރެވޭ މި މަސައްކަތްތައް ކުރިއަށް އޮތް 6 މަސް ދުވަހު މެދުކެނޑުމެއްނެތި ކުރިއަށްދާނެ ކަމަށް ކަމާބެހޭ އިދާރާތަކުން ބުނެއެވެ.