މާލޭގައި ހުންނަ ހާޑްވެއަރ ފިހާރައެއްގެ ބިއްލޫރިގަނޑު ތަޅާލައި، އެ ފިހާރައިން ވައްކަންކުރި ދެ މީހަކު ފުލުހުން ހައްޔަރުކޮށްފިއެވެ.
މާލޭގެ ހިތަށްފިނިވާމަގުގައި ހުންނަ މި ފިހާރައިން ވައްކަން ކުރި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ޏ. ފުވައްމުލައް، ދިގުވާނޑު، ފެއަރީ، އަޙްމަދު ނަޞްރު (46އ) އާއި ށ. ޅައިމަގު، ހިތަށްފިނިވާގެ، ފާރިސް ޢަލީ ޝަރީފް (35އ) އެވެ.
ފުލުހުން ބުނި ގޮތުގައި، މި ދެމީހުން ހައްޔަރުކޮށްފައިވަނީ މި ޖުލައި މަހުގެ 4 ވަނަ ދުވަހު ކޯޓު އަމުރެއްގެ ދަށުންނެވެ.
މި މަހުގެ 4 ވަނަ ދުވަހު ފުލުހުންނަށް މި ވައްކަމުގެ މައްސަލަ ހުށަހެޅުމާއެކު އެއިދާރާއިން ވަނީ އެ ފިހާރަ ހުރި ސަރަހައްދުގެ ސީސީޓީވީ ފުޓޭޖުތައް ބަލައި، މި ވައްކަންކުރިކަމަށް ތުހުމަތުކުރެވޭ މީހުން ދެނެގަނެފައެވެ. އަދި އެއަށްފަހު އެ ދެ އެމީހުން ވަނީ ހައްޔަރުކޮށްފައެވެ.
މީގެ އިތުރުން، އެ ފިހާރައިގެ ބިއްލޫރިގަނޑު ތަޅާލައިގެން ވަގަށްނެގި ލޮއިނަރު ރޯލުތައްވެސް ފުލުހުން ވަނީ ހޯދާފައެވެ. ފުލުހުން ބުނީ ވަގަށްނެގި ތަކެތި މިހާރު ވެރިފަރާތާ ހަވާލުކޮށްފައިވާ ކަމަށެވެ.
މި މައްސަލައިގެ ތަހުގީގަށް އެ ދެމީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، ކޯޓުން ވަނީ އެމީހުންގެ ބަންދަށް 15 ދުވަހުގެ މުއްދަތެއް ދީފައެވެ.
މި މައްސަލަ ފުލުހުން އިތުރަށް ތަހުގީގު ކުރަމުންދާ ކަމަށްވެސް ފުލުހުން މައުލޫމާތު ދީފައިވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!