ސްނޯކްލިންގަށް ގޮސް އުޅުމުގެ ތެރޭގައި އޮޔާދިޔަ ޗައިނާ ފަތުރުވެރިއަކު ފުލުހުންގެ ލޯންޗަކަށް ފެނިގެން ސަލާމަތްކޮށް، އޭނާ ޗުއްޓީ ހޭދަކުރަމުން އައި ރިސޯޓަށް ސަލާމަތްތެރިކަމާއެކު ގެންގޮސްދީފިއެވެ.
ފުލުހުން މައުލޫމާތު ދިން ގޮތުގައި މި ހާދިސާ ހިނގާފައިވަނީ މިއަދު މެންދުރުފަހު 14:26 އެހާކަންހާއިރުއެވެ.
މާލެއިން ދ. ވާނީއަށް ދަތުރުކުރަމުންދިޔަ ފުލުހުންގެ "ލޯންޗް 54" އަށް، ކ. އަތޮޅު ރިސޯޓަކުން ސްނޯކްލިންގަށް ގޮސް އުޅުމުގެ ތެރޭގައި އޮޔާދިޔަ ޗައިނާ ފަތުރުވެރިއަކު ފެނިގެން ވަނީ އެހީތެރިކަން ފޯރުކޮށްދީފައެވެ.
މި ފަތުރުވެރިޔާ ފެނިފައިވަނީ އޭނާ ޗުއްޓީ ހޭދަކުރަމުންދިޔަ ރިސޯޓާ ގާތްގަނޑަކަށް މޭލެއްހާ ބޭރަށް އޮޔާ ގޮސްފައި ވަނިކޮށް ކަމަށް ފުލުހުން ބުނެއެވެ. ފުލުހުންގެ ލޯންޗަށް ފަތުރުވެރިޔާ ފެނުމާއެކު ވަނީ ވަގުތުން އޭނާ ކަނޑުމަތިން ސަލާމަތްކޮށްފައެވެ.
ފުލުހުން ވަނީ އެ ފަތުރުވެރިޔާ ރައްކާތެރިކަމާއެކު އަނބުރާ އޭނާ ހުރި ރިސޯޓަށް ގެންގޮސްދީފައެވެ.
ފުލުހުން ބުނި ގޮތުގައި ސަލާމަތްކުރި ފަތުރުވެރިޔާގެ ހާލު ރަނގަޅެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!