ވޯލްޑް ކަޕްގެ ތާރީޚުގައި 52 އަހަރު ވަންދެން ކޮންގޯއަށް އޮތް އެންމެ ހިތްދަތި ހަނދާނަކީ 1974 ވަނަ އަހަރު ޔޫގޯސްލާވިއާ އަތުން 9-0 އިން ބަލިވި މެޗެވެ. ނަމަވެސް، ހޮނިހިރު ދުވަހުގެ ރޭ އުޒްބެކިސްތާން އަތުން 3-1 އިން މޮޅުވެ، ކޮންގޯގެ އާ ޖީލުގެ ކުޅުންތެރިން ވަނީ އެ ގައުމުގެ ފުޓްބޯޅަ ތާރީޚުގައި އާ ސަފުހާއެއް ލިޔެ، ފުރަތަމަ ފަހަރަށް ވޯލްޑް ކަޕްގެ ގަދަ 32 ގެ ބުރަށް ދަތުރުކޮށްފައެވެ.

މި މެޗުގެ ފުރަތަމަ ހާފުގެ 10 ވަނަ މިނެޓުގައި އެލްޑޯ ޝޮމުރޮޑޯވް ޖަހައިދިން ލަނޑާއެކު އުޒްބެކިސްތާނުން ކުރި ހޯދާފައިވަނިކޮށް، ސެބަސްޓިއަން ޑެސަބްރޭގެ އިރުޝާދުގެ ދަށުން ކުޅޭ ކޮންގޯ ޓީމުން މެޗުގެ ނަތީޖާ އަނބުރާލީ ދެވަނަ ހާފުގައެވެ. މި މޮޅާއެކު ކޮންގޯ ވެގެން ގޮސްފައިވަނީ މި މުބާރާތުގެ ގްރޫޕް ސްޓޭޖް ފަހަނައަޅައި ދިޔަ އެފްރިކާގެ އަށްވަނަ ގައުމަށެވެ.

Ad
rt

ކޮންގޯއަށް ނަތީޖާ އެއްވަރުކޮށްދިނީ 68 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުން ޔޮއާން ވިއްސާއެވެ. މިއީ އުޒްބެކިސްތާނުގެ އަބްދުކޯދިރު ޚުސަނޯވް، ވިއްސާއަށް އޭރިއާ ތެރެއިން ކުރި ފައުލަކަށް ރެފްރީ ދިން ޕެނަލްޓީއެކެވެ. ވިއްސާ ވަނީ ވަރަށް ހަމަޖެހިލާފައި ގޯލުގެ ތިރީ ކަނަށް ބޯޅަ ފޮނުވާލައިގެން ނަތީޖާ އެއްވަރުކޮށްދީފައެވެ.

މެޗުގެ 78 ވަނަ މިނެޓުގައި ފިސްޓަން މައީލޭ ވަނީ ކޮންގޯއަށް ފުރަތަމަ ފަހަރަށް ކުރި ހޯދައިދީފައެވެ. މިއީ މެޝަކް އެލިއާ ފޮނުވާލި ހަމަލާއެއް ޑިފެންޑަރެއްގެ ގައިގައި ޖެހިފައި އައި ވަގުތު، މައީލޭ ވަރަށް ހުޝިޔާރުކަމާއެކު ގޯލުގެ ތެރެއަށް ފޮނުވާލައިގެން ކާމިޔާބުކުރި ލަނޑެކެވެ. އަދި މެޗުގެ އިތުރު ވަގުތުގައި ވިއްސާ ވަނީ އޭނާގެ ދެވަނަ ލަނޑު ޖަހައި ކޮންގޯގެ މޮޅު ކަށަވަރުކޮށްދީފައެވެ.

ޒަޔަރްގެ ނަމުގައި 1974 ވަނަ އަހަރު ވާދަކުރި ފަހުން ކޮންގޯ ވޯލްޑް ކަޕަކުން ފެނުނު މިއީ ފުރަތަމަ ފަހަރެވެ. މި މުބާރާތުގައި ޕޯޗުގަލްއާ ވާދަކޮށް 1-1 އިން އެއްވަރުކޮށް ހޯދި ޕޮއިންޓަކީ ވޯލްޑް ކަޕްގެ ތާރީޚުގައި އެ ގައުމުން ހޯދި ފުރަތަމަ ޕޮއިންޓެވެ. އަދި އުޒްބެކިސްތާން އަތުން ހޯދި މި މޮޅަކީ އެ ގައުމުން ވޯލްޑް ކަޕްގައި ހޯދި ފުރަތަމަ މޮޅެވެ.

މި ނަތީޖާއާއެކު އެންމެ ރަނގަޅު ތިންވަނަ ޓީމުތަކުގެ ތެރޭގައި ހިމެނިގެން ކޮންގޯ ނޮކްއައުޓް ބުރަށް ދަތުރުކުރިއިރު، ދެން އޮންނަ ބުރުގައި އެ ގައުމު ބައްދަލުކުރަން ޖެހޭނީ އިނގިރޭސިވިލާތާ އެވެ.