މަސްތުވާތަކެތީގެ ބޭނުންކުރުމާއި އޭގެ ޣައިރުޤާނޫނީ ވިޔަފާރިއާ ދެކޮޅަށް، މިހާރަށްވުރެ ވަރުގަދައަށް ފިޔަވަޅުއެޅުމަށް ރައީސް ޑރ. މުހައްމަދު މުޢިއްޒު މިއަދު ގޮވާލައްވައިފިއެވެ.
ރައީސް މިކަމަށް ގޮވާލެއްވީ މަސްތުވާތަކެތީގެ ބޭނުންކުރުމާއި އޭގެ ޣައިރުޤާނޫނީ ވިޔަފާރިއާ ދެކޮޅަށް ބައިނަލްއަޤުވާމީ ފެންވަރުގައި ފާހަގަކުރާ ދުވަހާ ގުޅިގެން ފޮނުއްވި ޚާއްޞަ މެސެޖެއްގައެވެ.
މި އަހަރުގެ ބައިނަލްއަޤުވާމީ ޝިއާރު ކަމުގައިވާ "ދުނިޔޭގެ މަސްތުވާތަކެތީގެ މައްސަލަ: ދެމިއޮތް ކަންބޮޑުވުންތައް، އާ ގޮންޖެހުންތައް، އާ އީޖާދީ ހައްލުތައް" މި ޝިއާރުގެ ދަށުން މަސައްކަތް ކުރުމުގައި ދިވެހިރާއްޖެ އޮތީ ބައިނަލްއަޤުވާމީ މުޖުތަމަޢާއެކުގައި ކަމަށް ރައީސް ވިދާޅުވިއެވެ. އަދި މި މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަކީ ޤައުމުގެ މުސްތަޤްބަލާއި ޒުވާނުން ރައްކާތެރިކުރުމަށް ކޮންމެހެން ބޭނުންތެރި ކަމެއްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ފަރުވާދޭ ތިން ރިހެބިލިޓޭޝަން ސެންޓަރު މިއަހަރު ހުޅުވާނެ
މަސްތުވާތަކެތީގެ ބޭނުންކުރާ މީހުންނަށް ފަރުވާދިނުމާއި އަލުން މުޖުތަމަޢަށް ނެރުމުގެ ޚިދުމަތްތައް ފުޅާކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ ތަފްސީލު ހާމަކުރައްވަމުން، މިއަހަރުގެ ފަހުކޮޅު މުޅިން އަލަށް، ވަށާޖެހޭ ފުރިހަމަ ޚިދުމަތްދެވޭނެ ތިން ރިހެބިލިޓޭޝަން ސެންޓަރު ހުޅުވުމަށް ރޭވިފައިވާކަން ރައީސުލްޖުމްހޫރިއްޔާ އިޢުލާނު ކުރެއްވިއެވެ.
މީގެއިތުރުން، މިފަހުން ގެނެވުނު ޤާނޫނީ އިޞްލާޙުތަކުގެ ސަބަބުން، ކަމާގުޅުންހުރި މުއައްސަސާތަކުގެ މެދުގައި އޮންނަ ގުޅުން ވަރުގަދަވެފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ. މީގެ ސަބަބުން އިޖުރާއީ ހާމަކަން އިތުރުވެ، މަސްތުވާތަކެތީގެ ވިޔަފާރިކުރާ ނެޓްވޯކްތައް ރޫޅާލުމާއި ކުށްވެރިން ޖަވާބުދާރީކުރުމަށް ކުރެވޭ މަސައްކަތްތައް ހަރުދަނާވެފައިވާ ކަންވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ރައީސްގެ މެސެޖުގައި، އަލަށް އުފެދެމުންދާ ނުރައްކާތަކާއި، އާ ސައިކޯއެކްޓިވް މާއްދާތަކާއި، ބަދަލުވަމުންދާ މަސްތުވާތަކެތީގެ ވިޔަފާރީގެ އުކުޅުތަކާ ދެކޮޅަށް މަސައްކަތް ކުރުމުގައި، ސަރަޙައްދީ އަދި ބައިނަލްއަޤްވާމީ ބައިވެރިންނާއެކު ރާއްޖެއިން އޮންނަ ގުޅުން ދަމަހައްޓާނެކަން ވަނީ ތަކުރާރުކުރައްވާފައެވެ.
މަސްތުވާތަކެތިން ސަލާމަތްވެފައިވާ ޤައުމެއް ބިނާކުރުމަށްޓަކައި އާއިލާތަކާއި، މުޖުތަމަޢުތަކާއި، މަދަނީ ޖަމްޢިއްޔާތަކުގެ އިތުރުން ޕްރައިވެޓް ސެކްޓަރ ގުޅިގެން މަސައްކަތް ކުރުމަށް ރައީސް ވަނީ އިލްތިމާސް ކުރައްވާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!