ރާއްޖޭގެ ސިއްޙީ ނިޒާމު ޑިޖިޓަލްކުރުމަށް އަޅާ މުހިންމު ފިޔަވަޅެއްގެ ގޮތުގައި "މޯލްޑިވްސް ޑިޖިޓަލް ހެލްތު ބްލޫޕްރިންޓް 2026-2030" ރަސްމީކޮށް އިފްތިތާޙުކޮށްފިއެވެ.
މިކަމަށް ބޭއްވި ރަސްމިއްޔާތުގައި މި ބްލޫޕްރިންޓް ރަސްމީކޮށް އިފްތިތާހްކޮށްދެއްވީ ސިއްހަތާ، ޢާއިލާ އަދި އިޖްތިމާއީ ދާއިރާގެ ވަޒީރު ގީލާ ޢަލީ އެވެ.
ޑިޖިޓަލް ވަސީލަތްތަކުގެ އެހީގައި ރާއްޖޭގެ ސިއްޙީ ދާއިރާ ހަރުދަނާކޮށް ޒަމާނީ ކުރުމަށް ކުރެވޭ މަސައްކަތްތަކުގެ ދަށުން އިފްތިތާހްކުރި މި ބްލޫޕްރިންޓަކީ ދުނިޔޭގެ ސިއްޙަތު ޖަމިއްޔާ (ޑަބްލިޔުއެޗްއޯ)، އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް (އޭޑިބީ) އަދި ޖަޕާނު ސަރުކާރުގެ ފަންނީ އަދި މާލީ އެހީތެރިކަމާއެކު އެކުލަވާލެވުނު މަޝްރޫޢެކެވެ.
ސިއްހަތާ ބެހޭ ވުޒާރާއިން ބުނިގޮތުގައި މި ބްލޫޕްރިންޓްގައި ރާއްޖޭގެ ސިއްޙީ ޚިދުމަތްތައް ޑިޖިޓަލައިޒް ކުރުމަށް ގެންގުޅޭނެ ޤައުމީ ތަޞައްވުރާއި މިޞްރާބު ވަނީ ވަރަށް ސާފުކޮށް ބަޔާންކޮށްފައެވެ. އޭގެ ތެރޭގައި ރައްޔިތުންނަށް އިސްކަންދޭ، ރައްކާތެރި ޑިޖިޓަލް ސިއްޙީ ނިޒާމެއް ބިނާކުރުމަށް ބޭނުންވާ ހިންގުމުގެ އޮނިގަނޑުތަކާއި، މިންގަނޑުތަކުގެ އިތުރުން، ޑިޖިޓަލް ޤާބިލުކަން އިތުރުކުރުމާއި އަސާސީ އިންވެސްޓްމަންޓްތަކުގެ ތަފްޞީލުތައް ހިމެނެއެވެ.
މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ސިއްހަތާ، ޢާއިލާ އަދި އިޖްތިމާއީ ދާއިރާގެ ވަޒީރު ގީލާ ޢަލީ ވަނީ ސިއްޙީ ޚިދުމަތް ދިނުން ހަރުދަނާކުރުމަށާއި، ރައްޔިތުންނަށް ފަސޭހައިން ސިއްޙީ ޚިދުމަތްތަކެއް ލިބޭނެ ގޮތް ކަށަވަރުކުރުމަށްޓަކައި ޑިޖިޓަލް ބަދަލެއް ގެނައުމަކީ ކޮންމެހެން ބޭނުންތެރި ކަމެއްކަން ފާހަގަކުރަށްވާފައެވެ.
މި ބްލޫޕްރިންޓް އިފްތިތާޙްކުރުމަށްފަހު، ކުރިއަށް އޮތް 12 މަހާއި 18 މަސްދުވަހުގެ ތެރޭގައި ކަނޑައެޅިފައިވާ މުހިންމު ކަންތައްތައް ތަންފީޒުކުރުމަށް ވަނީ ނިންމާފައެވެ. މީގެ ތެރޭގައި ޑިޖިޓަލް ސިއްޙީ ނިޒާމުގެ ހިންގުން ހަރުދަނާކުރުމާއި، އެކި ސިސްޓަމްތައް ގުޅާލުމުގެ މަސައްކަތްތަކާއި، މުވައްޒަފުންގެ ފަންނީ ގާބިލުކަން އިތުރުކުރުން ހިމެނެއެވެ.
މީގެ އިތުރުން ކުރިމަގުގައި ޑިޖިޓަލައިޒޭޝަންއަށް ކުރެވޭ އިންވެސްޓްމަންޓްތައް އިތުރަށް ހަރުދަނާކުރުމަކީވެސް މި މަޝްރޫޢުގެ މުހިންމު އަމާޒެކެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!