މުހައްމަދު ސަލާހްގެ މިސްރު ޓީމުން ވޯލްޑް ކަޕްގެ ނޮކްއައުޓް ބުރަށް ފުރަތަމަ ފަހަރަށް ދަތުރުކުރުމުގެ ފުރުސަތު 92 އަހަރަށްފަހު ހޯދުމަށް ހުކުރު ދުވަހުގެ ރޭ ސިއެޓްލްގައި ނުކުންނައިރު، މި މެޗުގައި އެމީހުންނާ ދެކޮޅަށް ނުކުންނަ އީރާން ޓީމަށް މި މުބާރާތުގައި ކުޅުމަށްވުރެ ބޮޑަށް ކުރިމަތިލާން ޖެހިފައިވަނީ ސިޔާސީ ގޮންޖެހުންތަކާއެވެ.

ނިއުޒީލެންޑް އަތުން 3-1 އިން މޮޅުވެފައިވާއިރު، މިއީ ވޯލްޑް ކަޕެއްގައި މިސްރު ހޯދި ފުރަތަމަ މޮޅެވެ. ހިތްވަރު ލިބިފައިވާ އެފްރިކާގެ ހަތް ފަހަރުގެ ޗެމްޕިއަނުންނަށް އީރާން ބަލިކޮށްގެން ގަދަ 32 އަށް ދަތުރުކުރުމުގެ މަގު ތަނަވަސްވެފައިވާއިރު، އަދި އެހެން މެޗުތަކުގެ ނަތީޖާ ނުކުންނަ ގޮތަކުން އެއްވަރުވުމަކުންވެސް އެ ފުރުސަތު ލިބިދާނެއެވެ.

Ad
rt

އީރާން ޓީމަށް ވަނީ މި މުބާރާތް ބާއްވާ އެއް ގައުމު ކަމަށްވާ އެމެރިކާއިން އެ ގައުމާ ދެކޮޅަށް ހަނގުރާމަ އިއުލާންކުރުމާ ގުޅިގެން ދަތުރުފަތުރުގެ ދަތިތަކާ ކުރިމަތިލާން ޖެހިފައެވެ. މިފަދަ އުނދަގޫ ހާލަތެއްގައިވެސް ޖެހިޖެހިގެން ދެ މެޗުން އެއްވަރުކޮށްފައިވާ އީރާނަށްވެސް، ފުރަތަމަ ފަހަރަށް ނޮކްއައުޓް ބުރަށް ދިއުމުގެ ފުރުސަތު އެބައޮތެވެ.

ސަލާހާއި މިސްރު ނުކުންނަނީ ތާރީހު ބަދަލުކުރަން

އެފްރިކާ ބައްރުގައި ރަސްކަން ކުރި ނަމަވެސް، ދުނިޔޭގެ ފެންވަރުގައި މިސްރަށް އަދި އެދެވޭ ކާމިޔާބީއެއް ހޯދިފައެއް ނުވެއެވެ. ނަމަވެސް އަންނަ ހުކުރު ދުވަހު މިކަން ބަދަލުވެދާނެއެވެ.

1934 ވަނަ އަހަރު ވޯލްޑް ކަޕްގައި ފުރަތަމަ ފަހަރަށް ކުޅުނުތާ 92 އަހަރު ފަހުން، މިސްރު މިވަނީ ނޮކްއައުޓް ބުރަށް ދިއުމާ ދާދި ގާތުގައެވެ. އެ ގައުމުގެ މަގުބޫލު ފޯވާޑް މުހައްމަދު ސަލާހް ބުނި ގޮތުގައި، މި ބުރަށް ކޮލިފައިވުމަކީ އެ ގައުމުގެ ތާރީހުގައި ލިބޭނެ "އެންމެ ބޮޑު ކާމިޔާބީ" އެވެ.

މިލިއަނުން ގުނާލެވޭ މިސްރުގެ ރައްޔިތުންނަށް އީރާނާ ދެކޮޅަށް ކުޅޭ މެޗަކީ އުފާފާޅުކުރަންވީ ގިނަ ސަބަބުތަކެއް އޮތް މެޗެކެވެ. ސަލާހް ހުރީ އަމިއްލަ ރެކޯޑަކާވެސް ވަރަށް ގާތުގައެވެ. "އީޖިިޕްޝަން ކިންގް" ގެ ނަމުން މަޝްހޫރު ސަލާހަށް މިސްރުގެ އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާގެ ރެކޯޑާ ހަމަކުރަން ބޭނުންވަނީ އެންމެ ލަނޑެކެވެ. މިހާރު އެ ރެކޯޑް އޮތީ 69 ލަނޑު ޖަހާފައިވާ ހުސާމް ހަސަން އަތުގައެވެ.

ފާހަގަކޮށްލެވޭ ގޮތުގައި، 1985 އާއި 2006 އާ ދެމެދު މިސްރަށް ކުޅުނު ކުރީގެ ފޯވާޑް ހަސަން އަކީ މިހާރު އެ ގައުމުގެ ހެޑް ކޯޗެވެ.

"އަހަރެމެން ހުރިހާ ކަމެއް އެއް ކުޅުންތެރިއަކަށް ނުވަތަ ދެ ކުޅުންތެރިއަކަށް ދޫކޮށްލައިގެން ނުތިބޭނަން،" 34 އަހަރުގެ ސަލާހަށް އޮތް ޕްރެޝަރު ކުޑަކުރުމުގެ ގޮތުން ހަސަން ބުންޏެވެ.

މީގެ އިތުރުން، ސަލާހް މިހާރު ކުޅޭ ސެންޓްރަލް ޕޮޒިޝަންގެ ސަބަބުން އޭނާއަށް ކުޅުމުގައި މިނިވަންކަން ލިބިފައިވާ ކަމަށާއި، ލިވަޕޫލްގެ ކުރީގެ ތަރި މިހާތަނަށް އެއް ލަނޑު ޖަހައި ދެ އެސިސްޓް ހަދާފައިވާކަން ކޯޗު ފާހަގަކުރިއެވެ.

އީރާން ބޭނުންވަނީ ގައުމު ފަހުރުވެރިކޮށްދޭން

ވޯލްޑް ކަޕް 2026 ގެ ތެރޭގައި އީރާނަށް ވަނީ އެމެރިކާއިން ކުރިމަތިކުރި ދަތުރުފަތުރުގެ ހަރުކަށި ހުރަސްތަކާ ކުރިމަތިލާން ޖެހިފައެވެ. ފެބްރުއަރީ 28 ގައި އެމެރިކާއާއި އިސްރާއީލުން މެދުއިރުމަތީގެ އެ ގައުމާ ދެކޮޅަށް ހަނގުރާމަ ފެށުމާ ގުޅިގެން، މި ހުރަސްތަކުގެ ސަބަބުން ކުޅުންތެރިންގެ ތައްޔާރީތަކަށާއި މެޗަށްފަހު އަރާމުކުރުމަށް ބޮޑެތި ދަތިތަކެއް ކުރިމަތިވި ކަމަށް ޓީމުން ބުނެއެވެ.

ނިއުޒީލެންޑާއި ބެލްޖިއަމާ ދެކޮޅަށް ކުޅުނު ފުރަތަމަ ދެ މެޗަށް އީރާން ޓީމަށް އެމެރިކާއަށް ދަތުރުކުރުމުގެ ހުއްދަ ލިބުނީ މެޗު ފެށުމުގެ އެންމެ 24 ގަޑިއިރު ކުރިންނެވެ. އަދި ކޮންމެ މެޗެއް ނިމުމާއެކު ވަގުތުން މެކްސިކޯގެ ޓިހުއާނާގައި ހުންނަ އެމީހުންގެ ޓްރޭނިން ބޭސްއަށް އެނބުރި ދާން ޖެހުނެވެ. މިޞްރާ ދެކޮޅަށް ކުޅޭ މެޗުގެ ކުރިން އެމެރިކާގެ ކަމާބެހޭ ފަރާތްތަކުން ދަތުރުފަތުރުގެ ހުރަސްތަކަށް ލުއިދީފައިވީ ނަމަވެސް، ހުކުރު ދުވަހުގެ މެޗަށް މެކްސިކޯގައި ހުރި އެ ގައުމުގެ ބޭހުން އީރާން ޓީމު ދަތުރުކުރިއިރު އޮފިޝަލުން "ދަތިތަކެއް ކުރިމަތިކުރުވި" ކަމަށް އީރާނުގެ ފުޓްބޯޅަ ފެޑެރޭޝަނުން ބުދަ ދުވަހު ބުނެފައިވެއެވެ.

އީރާނުގެ ކޯޗު އާމިރު ޤަލެނޯއީ ބުރާސްފަތި ދުވަހު ނޫސްވެރިންނަށް ބުނީ، ކުރީގެ މެޗުތަކުގައި އެ ހުރަސްތަކުގެ ސަބަބުން "ޖިސްމާނީ ގޮތުން އަސަރުކުރި" ކަމަށާއި، ނަމަވެސް މިހާރު އީރާން އޮތީ "މާ ފިޓްކޮށް އަދި މާ ރަނގަޅު ހާލަތެއްގައި" ކަމަށެވެ.

"އަހަރެމެން މަސައްކަތް ކުރާނީ ޕޮޒިޓިވްކޮށް. އެހެން އެއްވެސް ކަމަކާ މެދު އަހަރެމެން ނުވިސްނާނަން... އަހަރެމެން ބޭނުންވަނީ އަހަރެމެންގެ ރައްޔިތުންނަށް އުފާވެރިކަން ގެނެސްދޭން،" މެޗާ ގުޅިގެން ބާއްވާ 'ޕްރައިޑް' ފާހަގަކުރުންތަކާ ބެހޭގޮތުން ވާހަކަދައްކަން އިންކާރު ކުރަމުން ޤަލެނޯއީ ބުންޏެވެ.

އީރާނުން އަމާޒު ހިފާފައިވަނީ އަށްވަނަ ފަހަރަށް ކުރާ މަސައްކަތުން ވޯލްޑް ކަޕްގެ ނޮކްއައުޓް ބުރަށް ދިއުމަށެވެ.

ގްރޫޕް ޖީގެ ހާލަތަކީ ކޮބައި؟

ގްރޫޕް ޖީ އޮތީ ވަރަށް ވާދަވެރިކޮށެވެ. ހަތަރު ޓީމަށްވެސް ނޮކްއައުޓް ބުރަށް ދިއުމުގެ ފުރުސަތު އެބައޮތެވެ.

ދެ މެޗަށްފަހު، ހަތަރު ޕޮއިންޓާއެކު ގްރޫޕްގެ އެއްވަނައިގައި އޮތީ މިޞްރެވެ. ދެ ޕޮއިންޓާއެކު އީރާން ދެވަނައިގައި އޮތްއިރު، ބެލްޖިއަމް ތިންވަނައިގައި އޮތީ ހަމަ އެ އަދަދަށް ޕޮއިންޓް ހޯދައިގެންނެވެ. އެއް ޕޮއިންޓާއެކު ނިއުޒީލެންޑް އޮތީ ފުލުގައެވެ.

12 ގްރޫޕުން ކޮންމެ ގްރޫޕެއްގެ އެންމެ މޮޅު ދެ ޓީމާއި، ތިންވަނައަށްދާ ޓީމުތަކުގެ ތެރެއިން އެންމެ މޮޅު އަށް ޓީމު 32 ޓީމުގެ ބުރަށް ދަތުރުކުރާނެއެވެ.

މިޞްރު ނުވަތަ އީރާނަށް ގްރޫޕް ޖީގެ އެއްވަނަ ހޯދިދާނެތަ؟

އާނއެކެވެ. މިޞްރުން އީރާން ބަލިކޮށްފިނަމަ އެއްވަނަ ކަށަވަރުވާނެއެވެ. އަދި ބެލްޖިއަމް އަތުން ތިން ލަނޑު ނުވަތަ އެއަށްވުރެ ގިނަ ލަނޑުގެ ތަފާތަކުން ނިއުޒީލެންޑް ބަލިނުވެއްޖެނަމަ، އެއްވަރުވިޔަސް މިޞްރަށް ފުދޭނެއެވެ.

އީރާނަށްވެސް އެއްވަނަ ހޯދުމުގެ ފުރުސަތު އެބައޮތެވެ. އެއީ މިޞްރު ބަލިކޮށް، ބެލްޖިއަމް އަތުން ނިއުޒީލެންޑް ބަލިނުވެއްޖެނަމައެވެ. އީރާން ގްރޫޕްގެ އެއްވަނަ ހޯދައިފިނަމަ، 16 ޓީމުގެ ބުރުގައި އެމެރިކާއާ ދެކޮޅަށް ކުޅެން ޖެހުމުގެ ފުރުސަތު އެބައޮތެވެ.

ފަހު ފަސް މެޗަށް ބަލާއިރު އީރާނުގެ ރެކޯޑް މިޞްރަށްވުރެ ރަނގަޅެވެ.

އީރާނުން އެންމެ ފަހުން ކުޅުނު މެޗުގައި ބެލްޖިއަމްއާ ލަނޑެއް ނުޖެހި އެއްވަރުވިއިރު، ވޯލްޑް ކަޕްގެ ފުރަތަމަ މެޗުގައި ނިއުޒީލެންޑާ އެއްވަރުވިއެވެ. އޭގެ ކުރިން ވޯލްޑް ކަޕްގެ ކުރިން ކުޅުނު އެކުވެރިކަމުގެ މެޗުތަކުގައި މާލީ އާއި ގޭމްބިއާ ބަލިކުރިއިރު، މާޗް މަހު ކުޅުނު އެކުވެރިކަމުގެ މެޗެއްގައި ކޮސްޓަރިކާ އަތުން ބޮޑު މޮޅެއް ހޯދިއެވެ.

މިޞްރުން ވޯލްޑް ކަޕްގެ ތާރީޚުގައި ހޯދި ފުރަތަމަ މޮޅު ހޯދީ ގްރޫޕްގެ ދެވަނަ މެޗުގައި ނިއުޒީލެންޑް ބަލިކޮށްގެންނެވެ. މުބާރާތުގެ ފުރަތަމަ މެޗުގައި އެޓީމު ބެލްޖިއަމްއާ އެއްވަރުވިއެވެ. ވޯލްޑް ކަޕްގެ ކުރިން ކުޅުނު އެކުވެރިކަމުގެ މެޗުތަކުގައި ބްރެޒިލް އަތުން ބަލިވެ، ރަޝިއާ ބަލިކުރިއިރު، މާޗް މަހު ސްޕެއިންއާ ކުޅުނު މެޗު އެއްވަރުވިއެވެ.

=އަލްޖަޒީރާ=