ސީދާ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒާ ވަކިވަކީން ބައްދަލުކުރައްވައިގެން ވާހަކަދެއްކުމުގެ ފުރުޞަތު ރައްޔިތުންނަށް ފަހިކޮށްދިނުމަށް ޚާއްޞަ ޕްރޮގްރާމެއް ފައްޓަވާނެކަމަށް އެމަނިކުފާނު ބުރާސްފަތި ދުވަހުގެ ރޭ އިޢުލާނު ކުރައްވައިފިއެވެ.
ރައީސް މިކަން ހާމަކުރެއްވީ ދައުލަތުގެ މީޑިއާ އިން ގެނެސްދޭ "ނޭޝަން ޗެޓް" ޕޮޑްކާސްޓްގެ ދެވަނަ އެޕިސޯޑުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރައްޔިތުންގެ ކަންބޮޑުވުންތައް އަޑުއެއްސެވުމަށް ޚާއްޞަ އިސްކަމެއްދެއްވާކަން ތަކުރާރުކުރައްވަމުން ރައީސް ވިދާޅުވީ، ކުރިއަށް އޮތްތަނުގައި މިހާރަށްވުރެވެސް ބޮޑަށް ސީދާ ރައްޔިތުންނާ ބައްދަލުކުރައްވައި ރައްޔިތުންގެ ވާހަކަތައް އަޑުއައްސަވާނެ ކަމަށެވެ. އެގޮތުން، ވަކިވަކި ދާއިރާތަކުން ސީދާ އެމަނިކުފާނާ ބައްދަލުކޮށް ވާހަކަދެއްކުމުގެ ފުރުޞަތު ލިބޭނެ ޕްރޮގްރާމެއް ދާދި އަވަހަށް ފައްޓަވާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ރައްޔިތުންނާ ބައްދަލުކުރައްވައި ކަންބޮޑުވުންތައް އޮޅުންފިލުއްވުމަށްފަހު އެ ކަންކަމަށް ފިޔަވަޅު ނާޅުއްވާ ކަމަށް ބުނެ އިދިކޮޅު ފަރާތްތަކުން ފަތުރަމުންދާ ވާހަކަތައް ރައީސް ވަނީ ދޮގުކުރައްވާފައެވެ. ރައީސް ވިދާޅުވީ ރާއްޖޭގެ ހުރިހާ ރަށްރަށަށާއި ބޭރުގެ ބައެއް ގައުމުތަކުގައި ދިރިއުޅޭ ދިވެހިންނާ ބައްދަލުކުރައްވައި، ހުށަހަޅާ ކަންކަމަށް ހައްލު ހޯދައިދިނުމަށް ޚާއްސަ ޓީމަކުން މަސައްކަތް ކުރަމުންދާ ކަމަށެވެ.
"އަޅުގަނޑުމެން ހުންނާނެ އެފަރާއްތަކަށް އެކަން ބަލާދީފައި. މިސާލަކައް އެ ފަރާތުގެ އެޕްލިކޭޝަން ރަނގަޅައްތޯ އޮތީ. އެއައް ރަނގަޅަށް ބަލައިފައިތޯ އޮތީ. އެކަން ބަލާދީފައި އެޔައް ޖަވާބުދެން. ދެން އެހެން ހުރިހާކަމެއްގައިވެސް އެކި ކަހަލަ އެހީތެރިކަމަށް އެދޭ. އެކި ކަހަލަ ކަންކަން ލަސްވެފައި ހުރޭ ސަރުކާރުގެ ތެރޭގައި. އެފަދަ އެތައްކަމެއް ވާނެ ބަލާފައި." ރައީސް ވިދާޅުވިއެވެ.
ރައީސް އިތުރަށް ފާހަގަކުރެއްވި ގޮތުގައި، އެމަނިކުފާނާ ބައްދަލުކޮށްގެން ނުވަތަ އެ ނޫން ގޮތްގޮތުން ވިޔަސް ރައްޔިތުން ހުށަހަޅާފައިވާ ކަންކަމުގެ ތެރެއިން ގޮތެއް ނުނިމި ނުވަތަ ހައްލެއް ހޯދައިނުދެވި އެއްވެސް ކަމެއް ނޯންނާނެއެވެ. ޖަވާބެއް ނުލިބި ލަސްވެފައިވާ ކަމެއް އޮތް ނަމަ، އެއީ ފްލެޓް ފަދަ ބޮޑެތި މަޝްރޫޢުތަކާ ގުޅުންހުރި ކަމަކަށް ވުން އެކަށީގެންވާ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
ވަގުތު ހުރިގޮތުން ހުރިހާ ފަރާތްތަކާ ސީދާ ބައްދަލުނުކުރެވުނު ކަމުގައިވީނަމަވެސް، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ވަޒީރުންގެ ފެންވަރުގެ ބޭފުޅުން މެދުވެރިކޮށް ރައްޔިތުންގެ ޝަކުވާތަކާއި މައުލޫމާތުތައް ގާތުން އޮޅުންފިލުއްވަމުން ގެންދަވާކަމުގެ ޔަގީންކަން ރައީސް ޑރ. މުޢިއްޒު ވަނީ ދެއްވާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!