ދިވެހިރާއްޖޭގެ ރަސްކަމުގެ ބޮޑުގަނޑުވަރުގެ ބިނާތަކުގެ ތެރެއިން މިހާރު ފެންނަން ހުރި ހަމައެކަނި ބައި ކަމަށްވާ އުސްގެކޮޅުގެ ފާރުތަކުގައި ގްރެފިޓީ ކުރަހައި، އެ ތަނަށް ގެއްލުންދޭން ބަޔަކު މަސައްކަތް ކޮށްފިއެވެ.
މިކަމާއި ގުޅިގެން އާޓްސް، ކަލްޗަރ އެންޑް ހެރިޓޭޖް މިނިސްޓްރީން ބުނީ މި މައްސަލަ ސަމާލުކަމަށް އައުމާއެކު، ފުލުހުންނާ ގުޅިގެން މިކަން ހިނގާދިޔަ ގޮތާއި ޒިންމާވާ ފަރާތްތައް ހޯދުމުގެ މަސައްކަތް މިހާރު ފަށާފައިވާ ކަމަށެވެ. އަދި މިކަމުގައި ޒިންމާވާ ފަރާތްތަކާމެދު ދިވެހިރާއްޖޭގެ ސަގާފީ ތަރިކައިގެ ޤާނޫނުގެ ދަށުން ހަރުކަށި ފިޔަވަޅު އަޅާނެ ކަމަށްވެސް އެ ވުޒާރާއިން ވިދާޅުވިއެވެ.
އުސްގެކޮޅަކީ މީލާދީން 20 ވަނަ ގަރުނުގެ ކުރީކޮޅު އައްސުލްޠާން ޙާޖީ ޢިމާދުއްދީން (6 ވަނަ) ބިނާކުރެއްވި، 100 އަހަރަށްވުރެ ގިނަ ދުވަސްވީ އާސާރީ ބިނާއެކެވެ. މިއީ 74 އަހަރު ކުރިން ރާއްޖޭގެ އެންމެ ފުރަތަމަ ގައުމީ ދާރުލްއާސާރުވެސް ހުޅުވި އިމާރާތެވެ. މިނިސްޓްރީން ފާހަގަކުރި ގޮތުގައި މިފަދަ ތާރީޚީ ތަންތަނަށް ދޭ ގެއްލުންތަކުގެ ސަބަބުން ތަނުގެ ސަގާފީ އަގަށް އަސަރުކޮށް، އިއާދަނުކުރެވޭ ފަދަ ގެއްލުންތަކެއް ލިބުމުގެ ފުރުސަތު އޮވެއެވެ.
ދިވެހިރާއްޖޭގެ ރަސްކަމުގެ ބޮޑުގަނޑުވަރުގެ މިހާރު ހުރި ހަމައެކަނި ބައިކަމަށްވާ އުސްގެކޮޅުގެ ފާރުތަކުގައި ގްރެފިޓީ ކުރަހައި ތަނަށް ގެއްލުންދޭން ބަޔަކު މަސައްކަތްކޮށްފައިވާކަން މި ވުޒާރާގެ ސަމާލުކަމަށް ވަނީ އައިސްފައެވެ.
މިކަން މި މަރުކަޒުގެ ސަމާލުކަމަށް އައުމާއެކު ވުޒާރާއިން މި… pic.twitter.com/Ec7JpwgJvK— Ministry of Arts, Culture and Heritage (@MoDLCH) June 25, 2026
މިނިސްޓްރީން އިތުރަށް ހާމަކުރި ގޮތުގައި، އުސްގެކޮޅު ހިމެނޭ ސަރަހައްދު ތަރައްގީކުރުމުގެ މަޝްރޫއަކަށް އެތަނުގެ ތަޅުދަނޑިއާއި ބެލެހެއްޓުމުގެ ކަންކަން މިނިސްޓްރީއާ ހަވާލުކޮށްދިނުމަށް މާލޭ ސިޓީ ކައުންސިލުގައި އެދިފައިވީ ނަމަވެސް، އަދިވެސް އެތަން ހަވާލުކޮށްފައެއް ނުވެއެވެ. އެހެންވެ، ގާނޫނީ އޮނިގަނޑުގެ ތެރެއިން އެތަން ރައްކާތެރިކޮށް ބެލެހެއްޓުމުގެ މަސައްކަތް މިނިސްޓްރީގެ ދަށަށް ބަދަލުކުރުމުގެ މަސައްކަތް މިހާރު ވަނީ ފަށާފައިކަމަށް ވެސް އެ މިނިސްޓްރީން ބުންޏެވެ.
ދިވެހިރާއްޖޭގެ ސަގާފީ ތަރިކަ ރައްކާތެރިކުރުމުގެ ގާނޫނުގެ ދަށުން، ތަރިކައަށް ގެއްލުން ދިނުމަކީ ނުވަތަ އެފަދަ ކަމެއް ކުރަން އުޅުމަކީ ކުށެކެވެ. މީގެ ތެރޭގައި ސަގާފީ ތަރިކައެއް ހަލާކުކުރުން، އޭގެ އަސްލު އޮޅުވާލުން، ގަވާއިދާ ހިލާފަށް އިމްޕޯޓް ނުވަތަ އެކްސްޕޯޓް ކުރުން، ހުއްދަނެތި ތަންތަން ކޮނުން، އަދި ތަރިކައެއް ފެނުމުން އެކަން ނޭންގުމާއި ސަގާފީ ތަރިކައާ ބެހޭ ގޮތުން ދޮގު މައުލޫމާތު ފެތުރުން ހިމެނެއެވެ.
ތަރިކަ އޭގެ އަސްލު ނުގެއްލޭ ގޮތަށް ގިނަ ދުވަހަށް ދެމެހެއްޓުމަށްޓަކައި ކަމާބެހޭ އިދާރާތަކުން ކުރާ މަސައްކަތްތަކަކީ ތަރިކައަށް ގެއްލުން ދިނުން ކަމުގައި ނުބެލެވޭނެއެވެ. ނަމަވެސް، ގާނޫނާ ހިލާފު ކަމެއް މީހަކު ކޮށްފިކަމަށް ބެލެވިއްޖެނަމަ، އެކަން ތަހުގީގުކުރުމަށް ތަހުގީގީ އިދާރާއަކަށް ހުށަހަޅަންޖެހެއެވެ.
މިފަދަ ކުށެއް ކުރާ މީހެއްގެ އަދަބަކީ، އެ ތަރިކައެއްގެ ސަގާފީ އަގަށް ބަލައި 10,000 ރުފިޔާއާއި 1,000,000 ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރުމެވެ. މީގެ އިތުރުން، ކުށުގެ ކުޑަބޮޑުމިނަށް ބަލައި ގާނޫނުލްއުގޫބާތުގެ ދަށުން ޖިނާއީ ދައުވާ ކުރުމުގެ ފުރުސަތުވެސް އޮވެއެވެ. ޖޫރިމަނާ ކުރުމުގެ ތަފްސީލީ އުސޫލުތައް މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރަންވާނެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!