ބުދަ ދުވަހުގެ ރޭ ކުޅުނު ވޯލްޑް ކަޕް ގްރޫޕް ސްޓޭޖުގެ ފަހު މެޗުގައި ދެކުނު ކޮރެއާގެ މައްޗަށް 1-0 ގެ ނަތީޖާއަކުން ކުރިހޯދައި، ދެކުނު އެފްރިކާ ފުރަތަމަ ފަހަރަށް މުބާރާތުގެ ނޮކައުޓް މަރުހަލާއަށް ދަތުރުކޮށްފިއެވެ.
މި މެޗުގައި ދެކުނު އެފްރިކާއިން ޖެހި ހަމައެކަނި ލަނޑު މެޗުގެ 63 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ތަޕޭލޯ މަސޭކޯ އެވެ. މިއީ ޝެޕަންގް މޮރޭމީ ނަގައިދިން ފުރިހަމަ ހުރަހަކުން އޭނާ ކާމިޔާބުކުރި ލަނޑެކެވެ. މި މޮޅާއެކު ދެކުނު އެފްރިކާ ވަނީ ގްރޫޕް އޭގެ ދެވަނަ ޓީމުގެ ގޮތުގައި ގަދަ 16 އިން ޖާގަ ހޯދާފައެވެ. މި ގްރޫޕުގެ އެއްވަނަ ހޯދީ ކުޅުނު ތިން މެޗުންވެސް މޮޅުވި މެކްސިކޯއެވެ.
ނޮކައުޓް ބުރުގައި ދެކުނު އެފްރިކާ ބައްދަލުކުރާނީ ގްރޫޕް ބީގެ ދެވަނަ ހޯދި ކެނެޑާއާއެވެ. މި މެޗު އޮންނާނީ އަންނަ އާދީއްތަ ދުވަހު ކެލިފޯނިއާގެ އިންގްލްވުޑްގައެވެ. މިއީ ދެކުނު އެފްރިކާގެ ފުޓްބޯޅަ ތާރީޚުގައި ލިބުނު ބޮޑު ކާމިޔާބީއެކެވެ. މީގެ ކުރިން 1998، 2002 އަދި އަމިއްލަ ގައުމުގައި ބޭއްވި 2010 ވަނަ އަހަރުގެ ވޯލްޑް ކަޕްގައިވެސް އެ ގައުމަށް ގްރޫޕް ސްޓޭޖުން ކުރިއަށް ދެވޭގޮތެއް ނުވިއެވެ.
މި މުބާރާތް ދެކުނު އެފްރިކާއިން ފެށީ މެކްސިކޯ އަތުން 2-0 އިން ބަލިވެގެންނެވެ. ނަމަވެސް ދެވަނަ މެޗުގައި ޗެކް ރިޕަބްލިކާ ބައްދަލުކޮށް ފަހު ވަގުތު ޖެހި ލަނޑުން 1-1 އިން އެއްވަރުކޮށް އުއްމީދު އާކުރިއެވެ. ގްރޫޕްގެ ފަހު މެޗަށް ނުކުތްއިރު ގިނަ ބަޔަކު ގަބޫލުކުރި ގޮތުގައި މެޗުގެ ފޭވަރިޓަކީ ދެކުނު ކޮރެއާއެވެ. ނަމަވެސް ދެކުނު އެފްރިކާއިން ވަނީ ހައިރާންކުރުވަނިވި ކުޅުމަކާއެކު ކޮރެއާ ބަލިކޮށްފައެވެ.
ދެކުނު ކޮރެއާއިން މުބާރާތް ފެށީ ޗެކް ރިޕަބްލިކް އަތުން 2-1 އިން މޮޅުވެގެންނެވެ. ނަމަވެސް ދެވަނަ މެޗުގައި މެކްސިކޯ އަތުން 1-0 އިން ވަނީ ބަލިވެފައެވެ. ދެކުނު ކޮރެއާއަށް އަދިވެސް މުބާރާތުގެ ކުރިއަށް ދިއުމުގެ ފުރުސަތު އެބައޮތެވެ. އެއީ މި ހަފްތާގައި ކުޅޭ އެހެން މެޗުތަކުގެ ނަތީޖާ ނުކުންނަ ގޮތަކުންނެވެ.
ދެކުނު ކޮރެއާއަކީ 2002 ވަނަ އަހަރު ވޯލްޑް ކަޕްގެ ނޮކައުޓް ބުރަށް ދަތުރުކުރި ފުރަތަމަ އޭޝިއާގެ ގައުމެވެ. އެ އަހަރު އެ ގައުމުން ވަނީ މުބާރާތުގެ ހަތަރުވަނަ ހޯދާފައެވެ. މީގެ އިތުރުން 2010 އަދި 2022 ވަނަ އަހަރުވެސް އެ ގައުމުން ވަނީ ގްރޫޕް ސްޓޭޖު ފަހަނައަޅައި ގަދަ 16 އަށް ދަތުރުކޮށްފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!