ވޯލްޑް ކަޕްގެ ގްރޫޕް ސްޓޭޖުގައި ކުޅުނު ތިން މެޗުން ވެސް މޮޅުވެ، މެކްސިކޯއިން އެ ގައުމުގެ ފުޓްބޯޅަ ތާރީޚުގައި ފުރަތަމަ ފަހަރަށް ވޯލްޑް ކަޕެއްގެ ގްރޫޕް ސްޓޭޖުގެ ހުރިހާ މެޗަކުން މޮޅުވުމުގެ ރެކޯޑު ގާއިމުކޮށްފިއެވެ. ބުދަ ދުވަހުގެ ރޭ ކުޅުނު މެޗުގައި މެކްސިކޯއިން ވަނީ ޗެކް ރިޕަބްލިކްގެ މައްޗަށް 3-0 ގެ ނަތީޖާއަކުން ކުރިހޯދާފައެވެ.
މި މެޗުގެ ފުރަތަމަ ހާފު ލަނޑެއް ނުޖެހި އެއްވަރުވެފައި އޮތް ނަމަވެސް، ދެވަނަ ހާފުގެ ކުރީކޮޅު މެކްސިކޯއިން ވަނީ ހަ މިނެޓުގެ ތެރޭގައި ދެ ލަނޑު ޖަހާފައެވެ. މެޗުގެ 55 ވަނަ މިނެޓުގައި މެކްސިކޯއަށް ލީޑު ނަގައިދިނީ އުމުރުން 22 އަހަރުގެ މާޓެއޯ ޗާވޭޒް އެވެ. މިއީ އޭނާ ވޯލްޑް ކަޕްގައި ކުޅޭ ފުރަތަމަ މުބާރާތެވެ. އޭގެ ފަހުން 61 ވަނަ މިނެޓުގައި ޖޫލިއަން ކީނޯނޭޒް ވަނީ އެ ގައުމުގެ ދެވަނަ ލަނޑު ޖަހާފައެވެ. މެކްސިކޯގެ ފަހު ލަނޑު މެޗުގެ އިތުރު ވަގުތުގެ ތެރޭގައި ކާމިޔާބުކޮށްދިނީ އަލްވާރޯ ފިޑަލްގޯ އެވެ.
މީގެ ކުރިން މެކްސިކޯއަށް ވޯލްޑް ކަޕެއްގެ ގްރޫޕް ސްޓޭޖުގައި އެންމެ ރަނގަޅު ނަތީޖާއެއް ނެރެވިފައިވަނީ 1986 އަދި 2002 ވަނަ އަހަރުއެވެ. އެ ދެ އަހަރުވެސް އެޓީމު ވަނީ ދެ މެޗުން މޮޅުވެ އެއް މެޗުން އެއްވަރުވެފައެވެ. ފާހަގަކޮށްލެވޭ ގޮތުގައި އެ ދެ އަހަރުވެސް ޓީމުގައި ހަވިއޭ އަގީރޭ ހިމެނުނެވެ. ފުރަތަމަ ފަހަރު މިޑްފީލްޑަރެއްގެ ގޮތުގައެވެ. އަދި ދެވަނަ ފަހަރު ކޯޗެއްގެ ގޮތުގައެވެ.
މި މެޗަކީ މެކްސިކޯގެ ފުޓްބޯޅައިގެ މާޒީއާއި މުސްތަގުބަލު ފެނިގެންދިޔަ މެޗެކެވެ. އެގޮތުން އުމުރުން އެންމެ 17 އަހަރުގެ ގިލްބާޓޯ މޯރާ ވަނީ ވޯލްޑް ކަޕް މެޗެއްގައި މެކްސިކޯގެ ފަރާތުން ފުރަތަމަ އެގާރައިގައި ހިމެނިގެން ކުޅުނު އެންމެ ޒުވާން ކުޅުންތެރިޔާގެ ޝަރަފު ހޯދާފައެވެ. އަދި 77 ވަނަ މިނެޓުގައި ކުޅެން އެރި އުމުރުން 40 އަހަރުގެ ގޯލްކީޕަރު ގިލާމޯ "މެމޯ" އޮޗޯއާ ވަނީ ހަ ވޯލްޑް ކަޕްގައި ކުޅުނު މަދު ކުޅުންތެރިންގެ ލިސްޓުން ޖާގަ ހޯދާފައެވެ. މި ލިސްޓުގައި ދެން ހިމެނެނީ އާޖެންޓީނާގެ ލިއޮނަލް މެސީ އާއި ޕޯޗުގަލްގެ ކްރިސްޓިއާނޯ ރޮނާލްޑޯ އެވެ.
ގްރޫޕް އޭގެ އެއްވަނަ ޓީމުގެ ގޮތުގައި މެކްސިކޯ ދެން ނުކުންނާނީ އަންގާރަ ދުވަހު އަޒްޓެކާ ސްޓޭޑިއަމްގައި ކުޅޭ ގަދަ 32 ގެ މެޗަށެވެ. މި މެޗުގައި މެކްސިކޯއާ ދެކޮޅަށް ނުކުންނާނެ ޓީމެއް އަދި ކަށަވަރެއް ނުވެއެވެ. މި ނަތީޖާއާއެކު ޗެކް ރިޕަބްލިކް ވަނީ މުބާރާތުން ކަޓާފައެވެ. އެޓީމަށް ތިން މެޗުން ލިބުނީ އެންމެ ޕޮއިންޓެކެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!