ހއ، ހދ، އަދި ށ. އަތޮޅުގެ ރަށްތަކަށް އަމާޒުކޮށްގެން ހިންގާ "ދަނޑުވެރި މަންފާ" އެގްރިބިޒްނަސް މެޗިން ގްރާންޓް ޕްރޮގްރާމްގެ ދެވަނަ ބުރަށް މިނިސްޓްރީ އޮފް ފިޝަރީޒް، އެގްރިކަލްޗަރ އެންޑް އޯޝަން ރިސޯސަސް އިން ހުޅުވާލައިފިއެވެ.
މިއީ އިންޓަރނޭޝަނަލް ފަންޑް ފޯރ އެގްރިކަލްޗަރަލް ޑިވެލޮޕްމަންޓް (އިފާޑު) އާއި ދިވެހި ސަރުކާރު ގުޅިގެން ފަސް އަހަރު ދުވަހުގެ މުއްދަތަށް ކުރިއަށްގެންދާ "މޯލްޑިވްސް އެގްރިބިޒްނަސް ޕްރޮގްރާމް" (މެޕް) ގެ ދަށުން ހިންގާ ޕްރޮގްރާމެކެވެ.
މި ޕްރޮގްރާމްގެ މައިގަނޑު މަޤްޞަދަކީ ދަނޑުވެރިކަމުގައި ޒަމާނީ ޓެކްނޮލޮޖީ އާއި ވަޞީލަތްތައް ބޭނުންކޮށްގެން ތިމާވެއްޓާއި ރައްޓެހި، ދެމެހެއްޓެނިވި ދަނޑުވެރިކަން ކުރެވޭނެ ގޮތްތައް ދަނޑުވެރިންނަށް ތަޢާރަފްކޮށްދިނުމެވެ.
މީގެ އިތުރުން ދަނޑުވެރިންނާއި ވިޔަފާރިވެރިން ގުޅުވައިދީ، ވިޔަފާރީގެ ގުޅުން ދެމެހެއްޓެނިވި ގޮތެއްގައި ޤާއިމުކުރުމަށް އެހީތެރިވެދިނުމަކީވެސް މި ޕްރޮގްރާމްގެ އަމާޒެކެވެ. މި ޕްރޮގްރާމް ހާއްސަކޮށްފައިވަނީ ހއ، ހދ އަދި ށ އަތޮޅުގެ ޖުމްލަ 26 ރަށަކަށެވެ.
މި ހިލޭ އެހީގެ ސްކީމް އަމާޒުކުރެވިފައިވަނީ ދަނޑުވެރިކަން ކުރާ ވަކިވަކި ފަރުދުންނާއި، ކޯޕަރޭޓިވްސްތަކާއި، ދަނޑުވެރިކަމުގެ ދާއިރާގައި މަސައްކަތްކުރާ ޖަމްޢިއްޔާ ޖަމާޢަތްތަކުގެ އިތުރުން އައިލެންޑް ފާރމާ ފޯރަމް (އައި.އެފް.އެފް) ގެ މެމްބަރުންނަށެވެ. އަދި އެންމެ ކުދި، ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށްވެސް މި ފުރުސަތު އޮންނާނެއެވެ. ގްރާންޓްގެ ދެވަނަ ބުރުގައި ހާއްސަ އިސްކަމެއް ދެނީ ގްރީން ހައުސް ތަކުގައި ދަނޑުވެރިކަމުގެ ބާވަތްތައް އުފެއްދުމަށެވެ.
މި ޕްރޮގްރާމަށް އެޕްލިކޭޝަން ބަލައިގަންނަން ފަށާނީ 22 ޖުލައި 2026 އިން ފެށިގެންނެވެ. އެޕްލިކޭޝަން ހުށަހަޅަންޖެހޭނީ އެސްއެމްއީ ޑިޖިޓަލް ޕޯޓަލް މެދުވެރިކޮށް، ހުށަހަޅާ ފަރާތުގެ އީ-ފާސް ބޭނުންކޮށްގެންނެވެ. ޕްރޮގްރާމާ ގުޅޭ ގައިޑްލައިން މިހާރު އާންމުކޮށްފައިވާއިރު، އޭގައި އެޕްލިކޭޝަން ހުށަހަޅާނެ ގޮތާއި، އިވެލުއޭޝަން މަރުހަލާ އަދި ފައިސާ ދޫކުރާނެ އުސޫލުތައް ތަފްސީލުކޮށް ބަޔާންކޮށްފައިވެއެވެ.
މި ޕްރޮގްރާމާ ގުޅޭ އިތުރު މަޢުލޫމާތު ސާފުކުރުމަށް އެސްއެމްއީ ޑިޖިޓަލްގެ ހޮޓްލައިން ނަންބަރު 1613 އަށް ގުޅުއްވައިގެން ނުވަތަ portfolio@smedigital.mv އަށް އީމެއިލް ކުރެއްވުމަށް މިނިސްޓްރީން އިރުޝާދު ދެއްވައެވެ. އެޕްލިކޭޝަން ހުޅުވާލާފައިވާ މުއްދަތުގައި ގައިޑްލައިނަށް އެއްވެސް ބަދަލެއް އަތުވެއްޖެނަމަ، އެ މަޢުލޫމާތު ސަރުކާރުގެ ގެޒެޓުގައި އާންމުކުރެވޭނެ ކަމަށްވެސް މިނިސްޓްރީން ބުނެފައިވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!