ސަރުކާރުގެ "މޯލްޑިވްސް ފަސްޓް" ސިޔާސަތުގެ ދަށުން، ރާއްޖޭގެ ތަރައްޤީގެ މަޝްރޫޢުތަކާއި އިޤްތިޞާދު ސިންދަފާތުކުރުމަށް ޤައުމަށް ފައިދާހުރި ކަންކަމުގައި ދިވެހިރާއްޖެ އޮތީ ހުޅުވާލެވިފައިކަމުގެ ޔަޤީންކަން ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު އެމެރިކާ އަށް ދެއްވައިފިއެވެ.

ރައީސް މި ޔަގީންކަން ދެއްވީ އެމެރިކާގެ އެސިސްޓެންޓް ސެކްރެޓަރީ އޮފް ސްޓޭޓް ފޮރ ސައުތު އެންޑް ސެންޓްރަލް އެފެއަރޒް، އެސް. ޕޯލް ކަޕޫރު މިއަދު އެމަނިކުފާނުގެ އަރިހަށް ކުރެއްވި އިޙްތިރާމުގެ ޒިޔާރަތުގައި ކުރިއަށް ގެންދެވި ބައްދަލުވުމުގައެވެ.

Ad
rt

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ހެނދުނު ބޭއްވެވި މި ބައްދަލުކުރެއްވުމުގައި، ދިވެހިރާއްޖެއާއި އެމެރިކާއާ ދެމެދު ސިޔާސީ ގުޅުން ޤާއިމުކުރިތާ މިއަހަރަށް 60 އަހަރު ފުރޭކަން ދެ ބޭފުޅުން ފާހަގަކުރަށްވާފައިވާއިރު، ފާއިތުވި 60 އަހަރުގެ ތެރޭގައި ދެ ޤައުމުގެ ދެމެދުގައި އޮތް ގާތް ރަޙުމަތްތެރިކަމުގެ ގުޅުން އިތުރަށް ބަދަހިކުރުމަށް ކުރެވިދާނެ ކަންކަމާ ގުޅޭގޮތުން ދެ ބޭފުޅުން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރެއްވިކަމަށް ރައީސް އޮފީހުން ވަނީ މައުލޫމާތު ދީފައެވެ.

ރައީސް އޮފީހުން މައުލޫމާތު ދިން ގޮތުގައި މި ބައްދަލުކުރެއްވުމުގައި އެމެރިކާގެ އެސިސްޓެންޓް ސެކްރެޓަރީ އޮފް ސްޓޭޓް ދެއްކެވި ވާހަކަފުޅުގައި، ވިޔަފާރިއާއި އިޤްތިޞާދު ކުރިއެރުވުމުގެ އިތުރުން ފަތުރުވެރިކަމުގެ ދާއިރާއިން ގުޅުން ބަދަހިކުރުމަށް ޝައުޤުވެރިކަން ފާޅުކުރެއްވިއެވެ. މީގެ އިތުރުން ސަރަޙައްދީ ސަލާމަތާއި މެރިޓައިމް ސެކިއުރިޓީ ފަދަ މުހިންމު ދާއިރާތަކުން ދެ ޤައުމު ގުޅިގެން މަސައްކަތް ކުރުމުގެ މުހިންމުކަން އޭނާ ފާހަގަކުރެއްވިއެވެ.

މި ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޢިއްޒު ވަނީ ރާއްޖޭގެ އިޤްތިޞާދީ ކުރިއެރުމަށް ބޭނުންވާ މުހިންމު މަޝްރޫޢުތަކަށް އެހީތެރިކަން ބޭނުންވާކަން ފާހަގަކުރައްވައި، ރާއްޖޭގެ މަޞްލަޙަތު އިސްކޮށް ކުރިއަށްގެންދާ ކޮންމެ މަޝްރޫޢަކަށްވެސް މަރުޙަބާ ވިދާޅުވާނެ ކަމަށް ވިދާޅުވެފައެވެ.