މޯލްޑިވްސް ހައްޖު ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުން މުހައްމަދު ޝަކީލް އިސްތިއުފާދެއްވައިފިއެވެ.

ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރޭޝަން ބޯޑުން ބުނީ ޝަކީލް ހައްޖު ކޯޕަރޭޝަންގެ އެމްޑީ ކަމުންނާއި، ޑިރެކްޓަރުންގެ ބޯޑުން އިސްތިއުފާދެއްވާފައިވާ ކަމަށެވެ.

Ad
rt

ހައްޖު ކޯޕަރޭޝަނުން ޝަކީލް އިސްތިއުފާ ދެއްވާފައިވާއިރު، އޭނާ އިލެކްޝަން ކޮމިޝަން (އީސީ)ގެ މެމްބަރުކަމަށް ޢައްޔަނުކުރަން ރައްޔިތުންގެ މަޖިލީހުން ވަނީ މިއަދު ރުހުން ދީފައެވެ.

ޝަކީލް ޙައްޖު ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ ކަމަށް ޢައްޔަނު ކުރީ 2023 ވަނަ އަހަރުގެ ނޮވެންބަރު 29ވަނަ ދުވަހުއެވެ.

ޝަކީލް ވަނީ 3 ޑިސެންބަރު 2014 އިން ފެށިގެން 9 މޭ 2018 އާ ހަމައަށް އީސީގެ މެންބަރުކަން ކުރައްވާފައެވެ. އަދި 1 ސެޕްޓެންބަރު 2013 އިން 3 ޑިސެންބަރު 2014 އަށް އެ ކޮމިޝަންގެ ޑިރެކްޓަރު ޖެނެރަލްގެ މަގާމުވެސް އޭނާ ވަނީ އަދާކުރައްވާފައެވެ.

ރައީސް އަބުދުﷲ ޔާމީން އަބުދުލް ޤައްޔޫމްގެ ސަރުކާރުގައި އީސީ މެމްބަރުކަމުން ޝަކީލް އިސްތިއުފާދެއްވުމުން ފަހުން ޢައްޔަނުކުރެއްވީ އިކޮނޮމިކް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުގެ މަގާމަށެވެ.