އާންމު މުދަލުގެ ގޮތުގައި ރާއްޖެއަށް އެތެރެކުރަން އުޅުނު ގިނަ އަދަދެއްގެ ވޭޕް މޯލްޑިވްސް ކަސްޓަމްސް އިން އަތުލައިގެންފިއެވެ.
ކަސްޓަމްސް އިން ބުނީ ކަނޑުމަގުން ރާއްޖެ ގެނައި މުދާ ޝިޕްމެންޓެއްގައި ގާނޫނާއި ގަވާއިދާ ހިލާފު ތަކެތި ހުރެދާނެ ކަމަށް ބެލެވިގެން، ޖޫން 20 ވަނަ ދުވަހު މާލޭ ކޮމާޝަލް ހާބަރުގައި ހިންގި ހާއްސަ އޮޕަރޭޝަނެއްގައި 6,328 ވޭޕް ކާޓްރިޖް އަތުލައިގެންފައިވާ ކަމަށެވެ.
މި އޮޕަރޭޝަންގައި "ޖެނެރަލް ކާގޯ" ނުވަތަ އާންމު މުދަލުގެ ގޮތުގައި ޑިކްލެއަރކޮށްފައިވާ ޝިޕްމަންޓެއް ބަލާފާސްކުރިއިރު، އޭގެ ތެރޭގައި ގިނަ އަދަދެއްގެ ވޭޕް ފޮރުވާފައި ހުއްޓާ ވަނީ ފެނިފައެވެ. މި ތަކެތި މިހާރު ކަސްޓަމްސްގެ ބެލުމުގެ ދަށަށް ގެނެސްފައިވާއިރު، މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންދާ ކަމަށް އެ އިދާރާއިން މައުލޫމާތު ދެއެވެ.
ޖޫން މަހު އަތުލައިގަތް ވޭޕްގެ އަދަދު އިތުރުވުން
މި މަހުގެ ތެރޭގައި ކަސްޓަމްސް އިން ވަނީ ސިލްސިލާ އޮޕަރޭޝަންތަކެއް ހިންގައި ގިނަ އަދަދެއްގެ ވޭޕް އަތުލައިގެންފައެވެ. އެގޮތުން ޖޫން 18 ވަނަ ދުވަހު ހިންގި އޮޕަރޭޝަނެއްގައި 15,601 ވޭޕް ކާޓްރިޖް އަތުލައިގަނެފައިވެއެވެ. މިއީ 15 ނޮވެންބަރު 2024 ގައި ވޭޕާއި އިލެކްޓްރޯނިކް ސިނގިރޭޓް ރާއްޖެއަށް އެތެރެކުރުން މަނާކުރި ފަހުން އަތުލައިގަނެވުނު އެންމެ ބޮޑު ޝިޕްމަންޓެވެ.
މީގެ އިތުރުން ޖޫން 17 ވަނަ ދުވަހު ހިންގި އޮޕަރޭޝަނެއްގައި 5,600 ވޭޕް ކާޓްރިޖް އަތުލައިގަނެފައިވާއިރު، ޖޫން 14 އަދި 15 ވަނަ ދުވަހު ހިންގި އޮޕަރޭޝަންތަކުގައި ޕޮޓޭޓޯ ޗިޕްސް ދަޅުތަކާއި ޗޮކްލެޓް ޕައުޑަރު ޕެކެޓުތަކުގެ ތެރޭގައި ފޮރުވައިގެން އެތެރެކުރަން އުޅުނު 1,108 ވޭޕް ކާޓްރިޖާއި 27 ވޭޕް ޑިވައިސް ވަނީ އަތުލައިގެންފައެވެ.
ރާއްޖެއަށް ވޭޕް އެތެރެކުރުން މަނާކޮށްފައިވާ ދަނޑިވަޅެއްގައި، އެކި ގޮތްގޮތަށް ފޮރުވައިގެން މިފަދަ ތަކެތި އެތެރެކުރުން ހުއްޓުވުމަށް ކަސްޓަމްސް އިން ދަނީ ވަރުގަދަ ފިޔަވަޅުތަކެއް އަޅަމުންނެވެ. މިފަދަ ހުރިހާ ޝިޕްމަންޓްތަކެއްވެސް އެތެރެކުރަން އުޅެފައިވަނީ އާންމު މުދަލުގެ ގޮތުގައި ލިޔެކިޔުންތައް ތައްޔާރުކޮށްގެންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!