ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގައި ރޭ ކުޅުނު މެޗުން އައިވަރީ ކޯސްޓް އަތުން 2-1 އިން މޮޅުވެ، ހަތަރު ފަހަރުގެ ޗެމްޕިއަން ޖަރުމަނުވިލާތުން މުބާރާތުގެ ނޮކްއައުޓް ބުރުން ޖާގަ ކަށަވަރުކޮށްފިއެވެ.

މި މެޗުގައި ޖަރުމަނަށް މޮޅުކޮށްދިނުމުގައި އެންމެ މުހިންމު ދައުރެއް އަދާކުރީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނުކުމެ ދެ ލަނޑު ކާމިޔާބުކުރި ޑެނިޒް އުންޑާވް އެވެ.

Ad
rt

މެޗުގެ ފުރަތަމަ ހާފުގައި އައިވަރީ ކޯސްޓުން ވަނީ މޮޅު ކުޅުމެއް ދައްކައި ޖަރުމަނަށް ބާރުބޮޑުކޮށްފައެވެ. މެޗުގެ 30 ވަނަ މިނެޓުގައި އައިވަރީ ކޯސްޓުގެ ކެޕްޓަން ފްރޭންކް ކެސިއޭ ވަނީ ލަނޑެއް ޖަހައި އެ ޓީމަށް ކުރިހޯދައިދީފައެވެ. މީގެ އިތުރުން ފުރަތަމަ ހާފުގައި ޖަރުމަނުން ޖެހި ދެ ލަނޑެއް ފައުލްގެ ސަބަބުން ރެފްރީ ގަބޫލެއް ނުކުރެއެވެ.

ޖަރުމަނުގެ ކޯޗު ޖޫލިއަން ނާގަލްސްމަން މެޗުގެ އޮއިވަރު ބަދަލުކޮށްލީ ދެވަނަ ހާފުގައި ގެނައި ބަދަލުތަކުންނެވެ. މެޗުގެ 60 ވަނަ މިނެޓުގައި ކުޅެން ނުކުތް އުންޑާވް ވަނީ އޭގެ އަށް މިނެޓު ފަހުން ޖަރުމަނަށް ނަތީޖާ އެއްވަރުކޮށްދީފައެވެ. އަދި މެޗުގެ އިތުރު ވަގުތުގެ ހަތަރުވަނަ މިނެޓުގައި ފެލިކްސް އެންމެޗާ ދިން ބޯޅައަކުން އުންޑާވް ވަނީ ދެވަނަ ލަނޑު ޖަހައި ޖަރުމަނަށް މެޗުން މޮޅުކޮށްދީފައެވެ.

"ބެންޗުން އަރާ ކުޅުންތެރިންނަށް ވެސް މެޗުތައް ކާމިޔާބުކޮށްދެވޭނެކަން އެންމެންނަށް ފެނުމަކީ މުހިންމު ކަމެއް" މެޗަށްފަހު ވާހަކަދައްކަމުން އުންޑާވް ބުނެފަވެއެވެ.

ކޯޗު ނާގަލްސްމަން ވެސް ވަނީ އުންޑާވްގެ ކުޅުމަށް ތައުރީފުކޮށް، އޭނާއަކީ ކޮންމެ ވަގުތަކުވެސް ކުޅެން ތައްޔާރަށް ހުންނަ ކުޅުންތެރިއެއްކަން ފާހަގަކޮށްފައެވެ.

މިއީ 2025 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުން ފެށިގެން ޖަރުމަނު ޓީމުން ޖެހިޖެހިގެން ހޯދި 11 ވަނަ މޮޅެވެ. 2018 އަދި 2022 ވަނަ އަހަރުގެ ވޯލްޑް ކަޕް ގްރޫޕް ސްޓޭޖުން ކެޓި ޖަރުމަނު މިފަހަރު ނޮކްއައުޓް ބުރަށް ދަތުރުކުރިއިރު، އެ ޓީމު އެންމެ ފަހުން ގްރޫޕް ސްޓޭޖް ފަހަނައަޅައި ދިޔަ 2014 ވަނަ އަހަރު ވަނީ މުބާރާތުގެ ތަށި އުފުލާލާފައެވެ.

ބަލިވި ނަމަވެސް އައިވަރީ ކޯސްޓަށް އަދިވެސް ނޮކްއައުޓް ބުރަށް ދިއުމުގެ ފުރުސަތު އެބައޮތެވެ. އެ ޓީމު މަސައްކަތް ކުރަމުންދަނީ އެ ގައުމުގެ ތާރީޚުގައި ފުރަތަމަ ފަހަރަށް ވޯލްޑް ކަޕްގެ ދެވަނަ ބުރަށް ދަތުރުކުރުމަށެވެ.