ރާއްޖެއަށް މަސްތުވާތަކެތި އެތެރެކޮށް، އެ ތަކެތި ވިއްކައި ވިޔަފާރިކުރާކަމުގެ ތުހުމަތުގައި ވ. ކެޔޮދޫއިން މީހަކު ހައްޔަރުކޮށްފައިވާކަމަށް ފުލުހުން މިއަދު ބުނެފިއެވެ.
ފުލުހުން ބުނިގޮތުގައި މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ވ. ކެޔޮދޫ، ސޭންޑީސައިޑް، ފައުޒާން އަޙްމަދު ޙުސައިން (25އ) އެވެ.
ފުލުހުން ބުނީ، އޭނާ ހައްޔަރުކޮށްފައިވަނީ ކިލޯއަކަށްވުރެ ގިނަ މަސްތުވާތަކެތި ރާއްޖެ އެތެރެކޮށްފައިވާ ކަމަށް މޯލްޑިވްސް ކަސްޓަމްސް ސާވިސްއިން ދިން މައުލޫމާތާ ގުޅިގެން ހިންގި ހާއްސަ އޮޕަރޭޝަނެއްގައެވެ.
މި އޮޕަރޭޝަން ހިންގާފައިވަނީ ޑްރަގް އެންފޯސްމަންޓާއި، ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސާއި، ވ. އަތޮޅު ފުލުހުންގެ އިތުރުން މޯލްޑިވްސް ކަސްޓަމްސް ސާވިސް ގުޅިގެންނެވެ.
މި ޖޫން މަހުގެ 18 ވަނަ ދުވަހު ހިންގި މި އޮޕަރޭޝަންގައި އޭނާ ހައްޔަރުކޮށް، ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ.
މި މައްސަލަ ފުލުހުންގެ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓުން މިހާރު ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!