ކ. ގުޅިއާއި ފުށިދިއްގަރުފަޅު ކަނޑުއޮޅިތެރެއިން އުޅަނދެއްގެ ބައެއް ތަކެތި އޮޔާ ދާތީ، އެ ސަރަހައްދުން ދަތުރުކުރާ އުޅަނދުފަހަރުގެ ކެޕްޓަނުންނާއި ދަތުރުވެރިން ސަމާލުކަން ދެއްވުމަށް މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން މިރޭ އިލްތިމާސްކޮށްފިއެވެ.
އެމްއެންޑީއެފް ކޯސްޓްގާޑަށް ލިބިފައިވާ މަޢުލޫމާތަށް ބަލާއިރު، މި ތަކެތި އޮޔާދާ ކަމަށް ލަފާކުރެވެނީ އެ ސަރަހައްދުން އިރުމައްޗަށެވެ. މީގެ ތެރޭގައި އުޅަނދެއްގެ ބައެއް ސާމާނުތައް ހިމެނޭ ކަމަށް ކޯސްޓްގާޑުން ބުނެއެވެ.
މިކަމާ ގުޅިގެން ކޯސްޓްގާޑުން ވަނީ އެ ސަރަހައްދުން ދަތުރުކުރާ ފަރާތްތަކުން މިކަމަށް ޚާއްޞަ ސަމާލުކަމެއް ދެއްވުމަށް އެދިފައެވެ. "މި ސަރަހައްދުން ދަތުރުކުރައްވާ ފަރާތްތަކުން މި ކަމަށް ސަމާލުކަން ދެއްވުމަށާއި އަދި، މި ސަރަހައްދުން ރޭގަނޑު ދަތުރުކުރައްވާ ނަމަ، މި ކަމަށް ޚާއްޞަ ސަމާލުކަމެއް ދެއްވުމަށް ވެސް ދަންނަވަމެވެ،" އެމްއެންޑީއެފްގެ ބަޔާނުގައިވެއެވެ.
ކަނޑުމަތީގެ މިފަދަ ހާދިސާތަކުން ރައްކާތެރިވުމަށްޓަކައި، ދަތުރުވެރިން އަބަދުވެސް މޫސުމަށާއި ކަނޑުމަތީގެ ހާލަތަށް ބަލައިގެން ދަތުރުފަތުރު ކުރުމަށް ކަމާބެހޭ އިދާރާތަކުން އަބަދުވެސް އިރުޝާދު ދެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!