އާންމު މުދަލުގެ ނަމުގައި އޮޅުވާލައިގެން ރާއްޖެއަށް އެތެރެކުރަން އުޅުނު ގިނަ އަދަދެއްގެ ވޭޕްތަކެއް މޯލްޑިވްސް ކަސްޓަމްސް ސާވިސްއިން އަތުލައިގެންފިއެވެ.

މި ތަކެތި އަތުލައިގެންފައިވަނީ ކަސްޓަމްސްއިން މާލޭ ކޮމާޝަލް ހާބަރުގައި ހިންގި ހާއްސަ އޮޕަރޭޝަންތަކެއްގެ ތެރެއިންނެވެ.

Ad
rt

ކަސްޓަމްސްއިން ބުނި ގޮތުގައި، ކަނޑުމަގުން ރާއްޖެ ގެނައި މުދާ ޝިޕްމަންޓެއްގައި ގާނޫނާއި ގަވާއިދާ ހިލާފު ތަކެތި ހުރެދާނެ ކަމަށް ބެލެވިގެން ޖޫން 17 ވަނަ ދުވަހު ހިންގި އޮޕަރޭޝަނެއްގައި، "ޖެނެރަލް ކާގޯ" ނުވަތަ އާންމު މުދަލުގެ ގޮތުގައި ޑިކްލެއަރ ކޮށްފައިވާ ޝިޕްމަންޓެއް ވަނީ ބަލައި ފާސްކޮށްފައެވެ. މި ބަލައި ފާސްކުރުމުގެ ތެރެއިން އެ ޝިޕްމަންޓުގައި ފޮރުވާފައި ހުރި 5,600 ވޭޕް ކާޓްރިޖް ފެނިފައިވާ ކަމަށް ކަސްޓަމްސްއިން މައުލޫމާތު ދެއެވެ.

މީގެ އިތުރުން، މި ހިނގާ ޖޫން މަހުގެ 14 އަދި 15 ވަނަ ދުވަހުވެސް ކަސްޓަމްސްއިން ވަނީ މާލޭ ކޮމާޝަލް ހާބަރުގައި ހާއްސަ އޮޕަރޭޝަންތަކެއް ކުރިއަށް ގެންގޮސްފައެވެ. އެ އޮޕަރޭޝަންތަކުގައި ބަލައި ފާސްކުރި ޝިޕްމަންޓުތަކުގެ ތެރެއިން ޕޮޓޭޓޯ ޗިޕްސް ދަޅުތަކަކާއި ޗޮކްލެޓް ޕައުޑަރު ޕެކެޓުތަކެއްގެ ތެރޭގައި ފޮރުވައިގެން އެތެރެކުރަން އުޅުނު ވޭޕްތަކެއް ވަނީ އަތުލައިގެންފައެވެ.

ކަސްޓަމްސްއިން ހާމަކުރި ތަފާސްހިސާބުތަކަށް ބަލާއިރު، ޗިޕްސް ދަޅުތަކާއި ޗޮކްލެޓް ޕެކެޓުތަކުގެ ތެރެއިން 1,108 ވޭޕް ކާޓްރިޖް އަދި 27 ވޭޕް ޑިވައިސް ވަނީ ފެނިފައެވެ.

މި ހުރިހާ ތަކެއްޗެއްވެސް މިހާރު ވަނީ ކަސްޓަމްސްގެ ބެލުމުގެ ދަށަށް ގެނެވިފައެވެ.

މި މައްސަލަތަކާ ގުޅިގެން ކުރަންޖެހޭ އިތުރު ތަހުގީގުތައް ކަސްޓަމްސްއިން ދަނީ ކުރަމުންނެވެ.

އޮޅުވާލައިގެން ރާއްޖެއަށް މުދާ އެތެރެކުރުން ހުއްޓުވުމަށް ކަސްޓަމްސްއިން ދަނީ ބޯޑަރު ސަރަހައްދުތަކުގައި ހާއްސަ ފާރަވެރިކަމެއް ބަހައްޓަމުންނެވެ.