ވ. އަތޮޅު އަލިމަތާ ކައިރީގައި އޮންނަ ކަނޑު ހޮހަޅައިގެ ތެރޭ މަރުވި އިޓަލީގެ ޑައިވަރުން ހޯދުމަށް ހަތަރު ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދިޔަ ސާޗް އެންޑް ރިކަވަރީ ބައިވެރިވި ފުލުހުންނާއި ސިފައިންގެ އަގު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަޒަންކުރައްވައިފިއެވެ.
އެކަމަށް ހާއްސަ ރަސްމިއްޔާތެއް ބާއްވާފައިވާއިރު، މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ ފަރާތްޕުޅުން ބައިވެރިވެވަޑައިގަތީ މިނިސްޓަރ އޮފް ހޯމްލޭންޑް ސެކިއުރިޓީ، ލޭބަރ އެންޑް ޓެކްނޯލޮޖީ ޢަލީ އިޙްސާންއާއި، މިނިސްޓަރ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސް ހަސަން ރަޝީދުއެވެ.
މީގެ އިތުރުން ކޮމިޝަނަރ އޮފް ޕޮލިސް އަހުމަދު މުހައްމަދާއި، ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އިބްރާހީމް ޙިލްމީގެ އިތުރުން ފުލުހުންނާއި، ސިފައިންގެ އިސް އޮފިސަރުން މި ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވިއެވެ.
މި ރަސްމިއްޔާތުގައި، ވ. އަތޮޅުގެ ޑައިވިންގ އޮޕަރޭޝަންގައި ބައިވެރިވި ފުލުހުންނާއި ސިފައިން ދެއްކެވި ސާބިތުކަމާއި، ކުރެއްވި ބުރަ މަސައްކަތް ފާހަގަކުރައްވައި އެކަމުގެ އަގުވަޒަންކުރައްވައި ރައީސުލްޖުމްހޫރިއްޔާގެ ފަރާތްޕުޅުން އެ ފަރާތްތަކަށް ވަނީ ހަނދާނީ ލިޔުން ހަވާލުކުރައްވާފައެވެ.
މި އޮޕަރޭޝަންގައި ވަނީ ސިފައިންގެ ބޭކަލެއްކަމަށްވާ ސާޖަންޓް މޭޖަރ މުޙައްމަދު މަހުދީ ވަނީ ނިޔާވެފައެވެ.
މި ހާދިސާގައި އިޓަލީގެ ފަސް ޑައިވަރުން ވަނީ މަރުވެފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!