ކޭޕް ވާޑްގެ ގޯލްކީޕަރު ވޮޒީނިއާގެ މަންމަ، އޭނާގެ ދަރިފުޅު ވޯލްޑް ކަޕްގައި ކުޅޭ މަންޒަރު ބަލަން އެމެރިކާއަށް ގެންދިއުމަށް އެހީތެރިވުމަށް މަސައްކަތް ކުރަމުންދާ ކަމަށް އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުގެ އޮފިޝަލަކު އަންގާރަ ދުވަހު ވިދާޅުވެއްޖެއެވެ.

މިކަން ހާމަކޮށްފައިވަނީ ސްޕެއިންއާ ދެކޮޅަށް ކޭޕް ވާޑުން ހޯދި ތާރީޚީ ނަތީޖާއަށްފަހު، ވިސާ ހޯދުމަށް ދައްކަންޖެހޭ ބޮންޑް ފައިސާ ދެއްކޭނެ ތަނަވަސްކަން ނެތުމުގެ ސަބަބުން މަންމައަށް މެޗަށް ނާދެވުނު ކަމަށް ބުނެ ވޮޒީނިއާ ކަންބޮޑުވުން ފާޅުކޮށްފައިވަނިކޮށެވެ.

Ad
rt

ހޯމަ ދުވަހު ސްޕެއިންއާ ދެކޮޅަށް ކޭޕް ވާޑުން ހައިރާންކުރުވަނިވި ނަތީޖާއަކުން އެއްވަރުކުރި މެޗަށްފަހު ނޫސްވެރިންނާ ވާހަކަދައްކަމުން ވޮޒީނިއާ ބުނީ، އޭނާގެ މަންމަ އަށް އޭނާ ކުޅޭތަން ބަލަން ނާދެވުނީ ވިސާގެ ސަބަބުން ކަމަށެވެ.

"ވިސާއަށް އަހަރެމެން ދައްކަންޖެހޭ ފައިސާގެ ނެތުމުގެ ސަބަބުން މަންމަ އަށް މިތަނަށް ނާދެވުނީ،" އޭނާ ބުނެފަވެއެވެ.

އޭނާ އިތުރަށް ބުނިގޮތުގައި ވަގުތަށް އެކަން ހަމަނުޖެހުނު ނަމަވެސް، އޭނާގެ މަންމަ އެމެރިކާގައި ހުރުމަކީ އޭނާ ވަރަށް ބޮޑަށް ބޭނުންވާ ކަމެކެވެ.

ކޭޕް ވާޑަކީ ވިސާގެ މުއްދަތު ހަމަވުމަށްފަހު އެ ގައުމުގައި މަޑުކުރާ މީހުންގެ ނިސްބަތް މަތިކަމަށް ބުނެ، 15,000 ޑޮލަރާ ހަމައަށް ބޮންޑް ފައިސާ ދައްކަން ލާޒިމްކޮށްފައިވާ 50 ގައުމުގެ ތެރެއިން ގައުމެކެވެ.

ނަމަވެސް، އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުގެ އޮފިޝަލް ވިދާޅުވީ ވޮޒީނިއާގެ މަންމަ ވިސާއަށް އެދިފައިވާ ކަމުގެ އެއްވެސް ރެކޯޑެއް ނެތް ކަމަށާއި، ވޯލްޑް ކަޕްގައި ވާދަކުރާ ކުޅުންތެރިންގެ އާއިލީ މެންބަރުންނަށް ބޮންޑް ފައިސާ ދެއްކުމުން އިސްތިސްނާ ލިބޭނެ ކަމަށެވެ.

"ވިސާގެ ހިދުމަތްތަކުގައި އެހީތެރިވުމަށް ޑިޕާޓްމަންޓުން ދަނީ މި ކުޅުންތެރިޔާގެ އާއިލާއާ ގުޅަމުން،" އޮފިޝަލް ވިދާޅުވިއެވެ.

ދަރިފުޅު ކުޅޭތަން ބަލަން ދާން ބޭނުންވާ ވޮޒީނިއާގެ މަންމަގެ އަތުގައި މިވަގުތު މުއްދަތު ހަމަނުވާ ޕާސްޕޯޓެއް ނެތުމުން، އޭނާ ދަނީ އާ ޕާސްޕޯޓެއް ހެއްދުމުގެ މަސައްކަތް ކުރަމުންނެވެ.

ޕޯޗުގަލްގެ ދެވަނަ ޑިވިޝަނުގައި ކުޅޭ އުމުރުން 40 އަހަރުގެ ވޮޒީނިއާ ވަނީ ސްޕެއިންއާ ދެކޮޅަށް ކުޅުނު މެޗުގައި ހަތް ސޭވްކޮށް، މުޅި ދުނިޔޭގެ ސަމާލުކަން ހޯދާފައެވެ. ގާތްގަނޑަކަށް 530,000 މީހުންގެ އާބާދީއެއް އޮންނަ ކޭޕް ވާޑުން ހޯދި މި ކާމިޔާބީއާއެކު، ވޮޒީނިއާގެ މަގުބޫލުކަން ވަނީ އިންތިހާއަށް އިތުރުވެފައެވެ. އޭނާގެ އިންސްޓަގްރާމް ފޮލޯވަރުންގެ އަދަދު 50,000 އިން 9.7 މިލިއަނަށް ވުރެ މައްޗަށް ވަނީ އަރާފައެވެ.

ކޭޕް ވާޑްގެ ދެން އޮތް މެޗު އޮންނާނީ އާދީއްތަ ދުވަހު މިއާމީގައި އުރުގުއޭއާ ދެކޮޅަށެވެ. ސްޓޭޓް ޑިޕާޓްމަންޓުން މަސައްކަތް ކުރަމުންދަނީ އެ މެޗުގެ ކުރިން ވޮޒީނިއާގެ މަންމައަށް އެމެރިކާއަށް ދެވޭނެ އިންތިޒާމުތައް ހަމަޖެއްސުމަށެވެ.