މޯލްޑިވްސް މަނިޓަރީ އޮޓޯރިޓީ (އެމްއެމްއޭ) އިން މަތީ ތައުލީމު ހާސިލުކުރުމަށް ބޭނުންވާ ފަރާތްތަކަށް ސްކޮލަރޝިޕްގެ ފުރުސަތުތަކެއް އިއްޔެ ހުޅުވާލައިފިއެވެ.
މި ޕްރޮގްރާމުގެ ދަށުން ބެޗްލާސް ޑިގްރީ، މާސްޓަރސް ޑިގްރީ އަދި ޕީއެޗްޑީ ފެންވަރަށް ކިޔެވުމުގެ ފުރުސަތު ވަނީ ހަމަޖައްސައިދީފައެވެ.
އެމްއެމްއޭއިން ހުޅުވާލާފައިވާ ފުރުސަތުތަކުގެ ތެރޭގައި ހިމެނެނީ މެލޭޝިޔާގެ މަޝްހޫރު ޔުނިވަރސިޓީތަކުން ކިޔެވުމުގެ ފުރުސަތެވެ. އޭގެ ތެރޭގައި:
• ބެޗްލަރ އޮފް އެކައުންޓިންގ (ސެލަންގޯރ އިސްލާމިކް ޔުނިވަރސިޓީ)
• މާސްޓަރ އޮފް ލޯސް އަދި މާސްޓަރ އޮފް އިކޮނޮމިކްސް (އިންޓަރނޭޝަލް އިސްލާމިކް ޔުނިވަރސިޓީ)
• ޕީއެޗްޑީގެ ދާއިރާތަކުން އިސްލާމިކް ފައިނޭންސް އަދި އެޕްލައިޑް މުއާމަލާތު (އިންސީފް ޔުނިވަރސިޓީ)
މި ސްކޮލަރޝިޕްތަކަށް ހޮވޭ ފަރާތްތަކަށް ޓިއުޝަން ފީއާއި ޔުނިވަރސިޓީއަށް ދައްކަންޖެހޭ އެހެނިހެން ޚަރަދުތައް އެމްއެމްއޭއިން ހަމަޖައްސައިދޭނެއެވެ. މީގެ އިތުރުން، ކިޔަވަން ހުންނަ މުއްދަތުގައި ދިރިއުޅުމުގެ ޚަރަދާއި، ބުކް އެލަވަންސް، އެސްޓެބްލިޝްމަންޓް އެލަވަންސް، ޑިޕާޗަރ އެލަވަންސް، ވިސާ ޚަރަދު އަދި ހެލްތު އިންޝުއަރެންސް ވެސް ލިބިގެންދާނެ ކަމަށް އެ އޮތޯރިޓީން ވިދާޅުވެއެވެ.
މި ސްކޮލަރޝިޕްތަކަށް ކުރިމަތިލުމުގެ އެންމެ ފަހު ތާރީޚަކީ 30 ޖޫން ވާ އާދީއްތަ ދުވަހުގެ 14:00 އެވެ. އެމްއެމްއޭއިން ހާމަކުރި ގޮތުގައި، މި ސްކޮލަރޝިޕްގެ ދަށުން ކޯސް ފުރިހަމަކުރާ ފަރާތްތަކުން ކިޔަވައި ނިމުމަށްފަހު ފަސް އަހަރު ދުވަހުގެ މުއްދަތަށް ދިވެހިރާއްޖެއަށް ޚިދުމަތް ކުރުމަށް ބޮންޑު ކުރެވޭނެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!