ލޭ ހަދިޔާކުރައްވާ ފަރާތްތަކަކީ އެއް ގޮތަށްވުރެ ގިނަ ގޮތުން ޚާއްޞަ ޝަރަފުވެރި ބައެއްކަމަށާއި، އެއީ އިންސާނީ މަތިވެރި ޞަދަޤާތެއް ކުރާ ބައެއްގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުހައްމަދު ރޭ ވިދާޅުވެއްޖެއެވެ.
އެކަމަނާ މިފަދައިން ވިދާޅުވީ ދުނިޔޭގެ ލޭ ހަދިޔާކުރައްވާ ފަރާތްތަކުގެ ދުވަސް ފާހަގަކުރުމުގެ ގޮތުން އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައި ބޭއްވި ޚާއްޞަ ހަފްލާ ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުންނެވެ.
މި ހަފްލާގައި ވާހަކަފުޅު ދައްކަވަމުން މެޑަމް ސާޖިދާ ވިދާޅުވީ، ލޭ ހަދިޔާކުރައްވާ ފަރާތްތަކުގެ ދުވަހެއް ފާހަގަކުރުމުގެ މުހިންމު ސަބަބުތަކެއްވާ ކަމަށެވެ. އެގޮތުން މި ދުވަސް ފާހަގަކުރުމުގެ އެންމެ ބޮޑު މަގުސަދަކީ އަނެކުންގެ ފުރާނަ ސަލާމަތްކުރުމަށް ހިތްވަރުދީ، މުޖުތަމަޢުގައި ކުލުނާއި އިޙްތިރާމު އާލާކުރުންކަން އެކަމަނާ ފާހަގަކުރެއްވިއެވެ. އަދި ލޭ ހަދިޔާކުރުމަށް ފަސްޖެހޭ ފަރާތްތަކުން އެކަމުގެ ދަރުމަ ލިބިގަތުމަށްވެސް އެކަމަނާ ވަނީ ހިތްވަރު ދެއްވާފައެވެ.
މި ރަސްމިއްޔާތުގައި ދިގު މުއްދަތަކަށް ލޭ ހަދިޔާކުރާ ފަރާތްތަކަށާއި، އަލަށް ލޭ ހަދިޔާކުރަން ފެށި ޒުވާނުންގެ އަގުވަޒަންކޮށް ހަނދާނީ ލިޔުމާއި ފިލާ ވަނީ ހަވާލުކޮށްފައެވެ.
މީގެ އިތުރުން، އެންމެ ގިނައިން ލޭ ހަދިޔާކުރި ފަރާތްތަކަށް ޚާއްޞަ 'ލައިފްޓައިމް ކޮންޓްރިބިއުޝަން އެވޯޑް' އާއި 'ގޯލްޑް އެވޯޑް' ވެސް މި ހަފްލާގައި ވަނީ ދީފައެވެ.
ރޭ ބޭއްވުނު މި ހަފްލާގައި ދިވެހިރާއްޖޭގެ ޞިއްޙީ ދާއިރާގެ އިސް ޚިދުމަތްތެރީންނާއި، ގަވާއިދުން ލޭ ހަދިޔާކުރައްވާ ގިނަ ޢަދަދެއްގެ ބޭފުޅުން ބައިވެރިވެވަޑައިގެންފައިވެއެވެ.
ބައިނަލްއަޤުވާމީ ފެންވަރުގައި ދުނިޔޭގެ ލޭ ހަދިޔާކުރައްވާ ފަރާތްތަކުގެ ދުވަހުގެ ގޮތުގައި ފާހަގަކުރަނީ ކޮންމެ އަހަރެއްގެވެސް ޖޫން މަހުގެ 14 ވަނަ ދުވަހެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!