ށ. ގޮއިދޫ ސްކޫލުން ބާއްވާ ސްޕޯރޓްސް ފިއެސްޓާގެ އެކި ވަނަތަކަށް ހޮވޭ ފަރާތްތަކަށް ދޭނެ ޓްރޮފީތައް އެ ރަށު ކައުންސިލުން ހަދިޔާކޮށްފިއެވެ.

ގޮއިދޫ ކައުންސިލުން ހާމަކޮށްފައިވާ ގޮތުގައި، މި ޓްރޮފީތަކަކީ އެރަށު ސްކޫލްގެ އިންޓަރ ހައުސް ސްޕޯރޓްސް ފިއެސްޓާ 2026 ގައި ހިމެނޭ ފުޓްސަލް އަދި ހޭންޑްބޯލް މުބާރާތުގެ އެކިއެކި މަގާމުތަކަށާއި ވަނަތަކަށް ހޮވޭ ޓީމުތަކަށް ދިނުމަށް ހަމަޖެހިފައިވާ ތަކެއްޗެވެ.

Ad
rt

މި ޓްރޮފީތައް ހޯދުމަށްޓަކައި ކައުންސިލްގެ ބަޖެޓުން 10,000 ރުފިޔާ ހަރަދުކޮށްފައިވާއިރު، އެ ރަށު އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީ (ޑަބްލިޔުޑީސީ) ގެ ބަޖެޓުން 6,000 ރުފިޔާ ވަނީ ހަރަދުކޮށްފައެވެ.

މީގެ އިތުރުން، ޓްރޮފީ އެމްވީގެ ފަރާތުން ސްޕޮންސަރޝިޕްގެ ގޮތުގައި 26,450 ރުފިޔާގެ އަގުހުރި ޓްރޮފީތަކެއް ކައުންސިލަށް ފޯރުކޮށްދީފައިވާކަން ކައުންސިލުން ވަނީ ފާހަގަކޮށްފައެވެ.

"ޓްރޮފީ އެމްވީގެ ފަރާތުން ލިބުނު މި ދީލަތީ އެހީތެރިކަމަށްޓަކައި އެ ފަރާތަށް ކައުންސިލްގެ ނަމުގައި ނުހަނު އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވަން،" ކައުންސިލުން ބުނެފައިވެއެވެ.

މިފަދަ މުބާރާތްތަކަކީ ދަރިވަރުންގެ މެދުގައި އެކުވެރިކަން ބަދަހިކޮށް، ކުޅިވަރުގެ ހުނަރުތައް އިތުރުކުރުމަށް މަގުފަހިވެގެންދާނެ ހަރަކާތްތަކެއް ކަމަށް ގޮއިދޫ ކައުންސިލުން ދެކެއެވެ.

މިއީ އެ ސްކޫލްގެ ދަރިވަރުންގެ މެދުގައި ކުޅިވަރުގެ ރޫހު އާލާކުރުމަށް ބާއްވާ މުހިންމު ހަރަކާތެކެވެ.