ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތިބި ފުޓްބޯޅަ ސަޕޯޓަރުންނަށް އުފާވެރިކަން ގެނެސްދޭ މުބާރާތެކެވެ. ނަމަވެސް، އީރާނުގެ ގައުމީ ޓީމަށް މިފަހަރުގެ މުބާރާތަކީ ހަމައެކަނި ކުޅިވަރުގެ މުބާރާތެއް ނޫނެވެ. އީރާނުގެ ސިޔާސީ މަސްރަހު އޮތް ގޮތުން، އެމެރިކާގެ ސަަދަން ކެލިފޯނިއާ ފަދަ އީރާނުގެ ގިނަ ރައްޔިތުން ދިރިއުޅޭ ސަރަހައްދުތަކުގައި ވަނީ ބޮޑެތި ހިޔާލުތަފާތުވުންތަކެއް އުފެދިފައެވެ.

ސަޕޯޓްކުރުމާއި މުޒާހަރާކުރުން: ދެބަސްވުމެއްގެ ތެރޭގައި

Ad
rt

އެމެރިކާގައި ދިރިއުޅޭ އީރާނުގެ ބައެއް ރައްޔިތުން ގައުމީ ޓީމަށް ސަޕޯޓްކުރުމަށް ތައްޔާރުވަމުންދާއިރު، އަނެއް ބަޔަކު ދަނީ އީރާނުގެ މިހާރުގެ ސަރުކާރާ ދެކޮޅަށް އަޑުއުފުލުމަށް ރާވަމުންނެވެ. މުޒާހަރާކުރާ ފަރާތްތަކުން ގަބޫލުކުރާ ގޮތުގައި ގައުމީ ޓީމަކީ ސަރުކާރުގެ ރަމްޒެކެވެ. އެހެންކަމުން، ސްޓޭޑިއަމްގެ ބޭރުގައި މުޒާހަރާކޮށް، އީރާނުގެ މިހާރުގެ ވެރިކަމާއި ދެކޮޅަށް ދުނިޔޭގެ ސަމާލުކަން ހޯދުމަކީ އެމީހުންގެ މަގުސަދެވެ. މުޒާހަރާ ކުރަން ރާވާ މީހުންނަކީ އީރާނުގެ މިހާރުގެ ވެރިކަމާ ދެކޮޅު، އީރާނުގެ ދުޝްމަނުންގެ ފުށުން އެކި މަދަދުތައް ލިބޭ މީހުންނެވެ.

މީގެ އިތުރުން މުޒާހަރާކުރަން ރާވަމުންދާ މީހުންނަކީ ކުރިމަތިވި އިގްތިސޯދީ ދަތިކަމުގެ ތެރެއިން އީރާން ހަމަނުޖެހުމުގެ ތެރެއަށް ވައްޓާލުމުގައި ހުޅަނގާއި އެމެރިކާ އަދި އިސްރާއީލަށް މަދަދުދޭ އިސް މޭސްތިރިއެއްގެ ގޮތުގައި ހުރި އީރާނުގެ އެންމެ ފަހުގެ ރަސްގެފާނު (ޝާހް) މުޙައްމަދު ރިޒާ ޕަހްލަވީ އާއި އެމްޕްރެސް ފަރަޙް ޕަހްލަވީގެ ދޮށީ ފިރިހެން ދަރިކަލުން ރެޒާ ޕަހްލަވީ އަލުން އީރާނުގެ ވެރިކަމަށް ގެނައުމަށް ތާއީދުކުރާ މީހުންނެވެ.

އީރާނުގެ އަރުވާލެވިފައިވާ ވަލީއަހުދު ރެޒާ ޕަހްލަވީ އާއި އީރާނުގައި ހިނގަމުންދާކަންކަން

މިކަމާއި ގުޅިގެން އެމެރިކާގައި ދިރިއުޅޭ އުމުރުން 57 އަހަރުގެ ރިޒާ ގަރަޖެދާގީ ބުނެފައި ވަނީ، އޭނާ މެޗު ބަލާނީ ސެން ޑިއޭގޯގައި ހުރި އޭނާގެ 96 އަހަރުގެ ބައްޕައާއެކު ކަމަށެވެ. އޭނާ މެޗުގެ ޓިކެޓް ނުގަތީ އަގުތައް އިންތިހާއަށް ބޮޑުވުމުން ކަމަށްވެސް ބުންޏެވެ. ނަމަވެސް، ސިޔާސީ ކަންކަން އެއްފަރާތްކޮށް އޭނާ ޓީމަށް ތާއީދުކުރާ ކަމަށާއި، ހަމައެއާއެކު ގައުމުން ބޭރުގައި އުޅޭ އީރާނު މީހުންގެ ތަފާތު ހިޔާލުތަކަށް އިހުތިރާމްކުރާ ކަމަށް ބުންޏެވެ.

"އަހަރެން މިއީ ފުޓްބޯޅައަށް މަރުދޭ މީހެއް، އަދި އެ ކުދިން އެ ތަމްސީލުކުރަނީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތިބި ހުރިހާ ފާރިސީންނާއި އީރާނު މީހުން، އަހަންނަށް މިއީ އީރާނުގައި އޮތީ ކޮންކަހަލަ ސަރުކާރެއްތޯ ބެލުމާ އެއްވެސް ގުޅުމެއް އޮތް ކަމެއް ނޫން." ،" އުމުރުން 10 އަހަރުގައި އީރާނުން ފުރައިގެން ދިޔަ ގަރަޖެދާގީ ބުނެފަވެއެވެ.

ދިދައިގެ މައްސަލަ އާއި ގާނޫނީ ހުރަސްތައް

މުޒާހަރާކުރާ ފަރާތްތަކަކީ އީރާނުގެ މިހާރުގެ ވެރިކަމާއި ދެކޮޅު އަދި ހުޅަނގުގެ މަދަދު ލިބޭ ފަރާތްތަކެއްކަމުން އެމީހުން ބޭނުންވަނީ 1979 ގެ އިސްލާމީ އިންގިލާބުގެ ކުރިން ބޭނުންކުރި 'ލަޔަން އެންޑް ސަން' ހިމެނޭ ދިދަ ބޭނުންކުރުމަށެވެ. މިއީ މިހާރުގެ ސަރުކާރާ ދެކޮޅުކަން ހާމަކުރުމުގެ ރަމްޒެކެވެ. ނަމަވެސް، ފީފާގެ ގަވާއިދުތައް ބުނާގޮތުން ސިޔާސީ އެއްވެސް ރަމްޒެއް ހިމެނޭ ދިދައެއް ނުވަތަ ޝިއާރެއް ދަނޑުތަކުގައި ބޭނުންކުރުމަކީ މަނާކަމެކެވެ. މިކަމާ ގުޅިގެން ގައުމުން ބޭރުގައި އުޅޭ އީރާނުގެ ބައެއް ޖަމިއްޔާތަކުން ވަނީ ފީފާއާ ދެކޮޅަށް ގާނޫނީ ފިޔަވަޅު އެޅުމަށްވެސް މަސައްކަތް ކޮށްފައެވެ.

ޓީމުގެ ރޫހާއި ކުޅުންތެރިންގެ ބަސް

މި ހުރިހާ ސިޔާސީ ހަލަބޮލިކަމެއްގެ ތެރޭގައިވެސް، އީރާނު ޓީމުގެ ކެޕްޓަން މަހްދީ ތާރޭމީ ބުނެފައިވަނީ ޓީމުގެ މައިގަނޑު އަމާޒަކީ ސިޔާސީ ކަންކަމުން އެއްކިބާވެ، ހުރިހާ އީރާނު ރައްޔިތުންނަށް އުފާވެރިކަން ގެނެސްދިނުން ކަމަށެވެ. ޓީމުގެ ކޯޗުވެސް ވަނީ ސަޕޯޓަރުންގެ ފަރާތުން ފުރިހަމަ އެއްބާރުލުމަށް އެދިފައެވެ. ބައެއް ސަޕޯޓަރުން ގަބޫލުކުރާ ގޮތުގައި ފުޓްބޯޅައަކީ ގައުމު އެއްބައިވަންތަކޮށްދޭ ވަސީލަތެކެވެ.

"އަހަރެމެން ކުޅެނީ ކޮންމެ އީރާނު މީހަކަށްޓަކައި، އެއީ ގައުމުން ބޭރުގައި އުޅޭ މީހެއް ކަމަށްވިޔަސް ނުވަތަ އީރާނުގައި އުޅޭ މީހެއް ކަމަށްވިޔަސް. މީހުންގެ ހިޔާލު ތަފާތުވެދާނެ، އެކަމަކު އަހަރެމެން މިތިބީ މީހުން އެއްބައިކުރުވަން. އަދި ކޮންމެ ތަނެއްގައި ދިރިއުޅުނަސް ހުރިހާ އީރާނު މީހުންނަށް އުފާވެރިކަން ގެނެސްދޭން އަހަރެމެން މަސައްކަތް ކުރާނަން، އަހަރެމެން މިތިބީ އީރާނުގެ ރައްޔިތުންނަށް އުފާވެރިކަން ގެނެސްދޭން. އަހަރެމެން ސިޔާސީ ކަންކަމުގެ ތެރެއަކަށް ނުވަންނަން. އަހަރެމެން މިތިބީ ފުޓްބޯޅަ ކުޅެން." އާދީއްތަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޓީމުގެ ކެޕްޓަން މަހްދީ ތާރޭމީ ބުނެފަވެއެވެ.

ސިޔާސީ ގޮންޖެހުންތަކާއި ކުރިމަގު

އީރާނާއި އެމެރިކާ އަދި އިޒްރޭލާ ދެމެދު އޮތް ހަނގުރާމައިގެ ހާލަތުގެ ސަބަބުން ޓީމަށް ވަނީ އަމަލީ ގޮތުން ގިނަ ގޮންޖެހުންތަކެއް ކުރިމަތިވެފައެވެ. މީގެ ތެރޭގައި ޓްރެއިނިންގ ކޭމްޕްތައް ބަދަލުކުރަން ޖެހުމާއި، އޮފިޝަލުންނަށް ވިސާ ހޯދުމުގައި ދިމާވި ދަތިތައް ހިމެނެއެވެ. ނަމަވެސް، އެންމެ ފަހުގެ ހަބަރުތަކުން އެނގޭ ގޮތުގައި ސިޔާސީ މަޝްވަރާތަކުން ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމަކަށް އާދެވިފައިވުމީ، ޓީމަށާއި ސަޕޯޓަރުންނަށް ލިބުނު ބޮޑު ހިތްހަމަޖެހުމެކެވެ.

ޖުމްލަގޮތެއްގައި، އީރާނުގެ ގައުމީ ޓީމުގެ ވޯލްޑް ކަޕް ދަތުރަކީ ހަމައެކަނި ފުޓްބޯޅައިގެ ދަތުރެއް ނޫނެވެ. އެއީ ސިޔާސީ، އިޖުތިމާއީ އަދި ގައުމީ ވަހުދަތުގެ ބޮޑު އިމްތިހާނެކެވެ. އެމެރިކާގައި ތިބި އީރާނު ރައްޔިތުންގެ މެދުގައި ހިޔާލުތަފާތުވުންތައް ހުރި ނަމަވެސް، އެންމެންގެވެސް އުންމީދަކީ އީރާނަށް އަމާންކަމާއި އުފާވެރިކަން ލިބުމެވެ.