ދިވެހި ފުލުހުންގެ ޚިދުމަތުގައި ރަސްމީ ވާޖިބު އަދާކުރަމުން ގެންދަނިކޮށް ނިޔާވި ސީނިއާ ސާޖަންޓް އަޙްމަދު އާސިފްގެ ބައްޕަ އާއި ކޮމިޝަނަރ އޮފް ޕޮލިސް އަހްމަދު މުހައްމަދު އިއްޔެ ބައްދަލުކުރަށްވައިފިއެވެ.
މަރްޙޫމް އާސިފްގެ ބައްޕައާއި ސީޕީ ބައްދަލުކުރަށްވާފައިވަނީ ސީޕީ ހދ. އަތޮޅަށް ކުރައްވަމުން ގެންދަވައި ދަތުރުފުޅުގެ ތެރެއިން އިއްޔެ ހއ. އުލިގަމަށް ވަޑައިގެންނެވެ.
މި ބައްދަލުވުމުގައި ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް ފަރުހާދު ފިކުރީ އާއި ދިވެހި ފުލުހުންގެ ޚިދުމަތުގެ ސީނިއަރ ބައެއް އޮފިސަރުން ބައިވެރިވެފައިވާއިރު، މި ބައްދަލުކޮށްލެއްވުމުގައި ސީޕީ ދެއްކެވި ވާހަކަ ފުޅުގައި، ޢާސިފް ގައުމީ ވާޖިބު އަދާކުރައްވަމުން ގެންދަވަނިކޮށް ވަކިވެދިޔުމަކީ އާއިލާގެ އިތުރުން މުޅި ގައުމަށް ލިބުނު ހިތާމައެއްކަން ފާހަގަ ކުރެއްވިކަމަށް ފުލުހުން ބުންޏެވެ.
ސީޕީ އާއި ފުލުހުންގެ އިސް ވެރިން ވަނީ ހޮނިހިރު ދުވަހު މާލޭގައި މަރްޙޫމް އާސިފްގެ އާއިލާއާ ވެސް ބައްދަލުކުރަށްވާފައެވެ.
މަރުހޫމް އަޙްމަދު ޢާސިފް ގައުމަށް ކޮށްދެއްވި ހިދުމަތް ފާހަގަކުރައްވައި، މަރުހޫމްގެ ހިދުމަތާއި ވެވަޑައިގަތް ގުރުބާނީގެ ހަނދާންތައް، ދިވެހި ފުލުހުންގެ ޚިދުމަތުން އަބަދުވެސް އާކުރާނީ އިހުތިރާމާއި ޝަރަފާއެކުކަން ފުލުހުން ވަނީ ތަކުރާރުކޮށްފައެވެ.
އާސިފް، ހއ. އުލިގަމު/ވާދީ ނިޔާވެފައި ވަނީ ފުލުހުންގެ އޮޕަރޭޝަނެއްގައި އުޅެނިކޮށް 2026 ޖޫން 11 ވަނަ ދުވަހުގެ ރެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!