ފ. ނިލަންދޫއަށް ދިގު މުއްދަތަކަށް އަގުހުރި ޚިދުމަތްތަކެއް ކޮށްދެއްވާފައިވާ އެ ރަށު އަތިރީގޭ އަޙްމަދު މޫސާ (ކަތީބު ދޮންބެ) އުމުރުން 100 އަހަރުގައި ނިޔާވުމާ ގުޅިގެން ރައީސް ޑރ. މުޙައްމަދު މުޢިއްޒު ތައުޒިޔާ ފޮނުއްވައިފިއެވެ.
ކަތީބު ދޮންބެއަކީ ނިލަންދޫގެ ކަތީބުކަމުގެ މަގާމުގައި އެ ރަށުގެ ތަރައްގީއަށް ގިނަގުނަ މަސައްކަތްތަކެއް ކުރެއްވި ބޭފުޅެކެވެ. މީގެ އިތުރުން ދަނޑުވެރިކަމުގެ ރޮނގުން ހިތްވަރުދިނުމުގެ ގައުމީ އިނާމު 1992 ވަނަ އަހަރު އޭނާ ވަނީ ހާސިލުކުރައްވާފައެވެ.
ކަތީބު ދޮންބެ ނިޔާވުމުން ފޮނުއްވި ތައުޒިޔާގެ މެސެޖުގައި ރައީސް މުޢިއްޒު ވިދާޅުވީ ކަތީބު ދޮންބެ ނިޔާވި ޚަބަރަކީ ވަރަށް ބޮޑު ހިތާމައަކާއި ފުން އަސަރެއް އިހްސާސްވި ޚަބަރެއް ކަމަށެވެ.
ރައީސްގެ ތައުޒިޔާގެ މެސެޖުގައި ކަތީބު ދޮންބެގެ އަމާނާތްތެރިކަމާއި، ހިތްޕުޅުހެޔޮކަމާއި، މަސައްކަތްތެރިކަމުގެ ހުނަރާއި މުރާލިކަން ފާހަގަކުރައްވައި، އެއީ މުޅި ރާއްޖެއަށް ހުރި ރީތި ނަމޫނާއެއްގެ ގޮތުގައި ސިފަކުރެއްވިއެވެ. އަދި އެ މަރުހޫމުގެ ދަރިންނާއި ކާފަ އަދި މުނިކާފަ ދަރިންގެ ތެރޭގައި ތައުލީމީ ގާބިލު ޚިދުމަތްތެރިން ތިއްބެވުމަކީ އެމަނިކުފާނުގެ ހަޔާތްޕުޅުގައި ލިބިވަޑައިގަތް ބޮޑު ފަޚުރެއްކަންވެސް ރައީސް ފާހަގަކުރެއްވިއެވެ.
"އަޅުގަނޑުގެ އިޚުލާޞްތެރި ތަޢުޒިޔާ، މަރްޙޫމް އަޙްމަދު މޫސާގެ ލޮބުވެތި ޢާއިލާއަށް އަދި ފ.ނިލަންދޫގެ ހުރިހާ ރައްޔިތުންނަށް ދަންނަވަން،" ރައީސްގެ މެސެޖުގައި ވިދާޅުވެފައިވެއެވެ.
ރައީސްގެ މެސެޖު ނިންމަވާލައްވާފައިވަނީ މަރުހޫމަށް ސުވަރުގޭގެ މަތިވެރި ނިއުމަތް މިންވަރުކޮށްދެއްވުން އެދި ދުޢާ ކުރައްވަމުންނެވެ.
ކަތީބު ދޮންބެއަކީ ނިލަންދޫގެ އިޖުތިމާއީ އަދި އިގްތިސާދީ ތަރައްގީގައި މުހިންމު ދައުރެއް އަދާކުރެއްވި، ރަށުގެ އެންމެންގެ އިހުތިރާމް ލިބިވަޑައިގެންފައިވާ ހަރުދަނާ ޝަޚްޞިއްޔަތެކެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!