އީރާނާއި އެމެރިކާއާ ދެމެދު ގާއިމުކުރަން ތައްޔާރުވަމުންދާ ތާރީޚީ އެއްބަސްވުމަށް "އިސްލާމްއާބާދު އެގްރީމަންޓް" ގެ ނަމުން ނަންދީފައިވާ ކަމަށް ރިޕޯޓްތައް ބުނެފިއެވެ.

އެކްސިއޯސް އިން ރިޕޯޓްކޮށްފައިވާ ގޮތުގައި، މި އެއްބަސްވުމުގެ މަޝްވަރާތައް މިހާރު ވަނީ އެންމެ ނާޒުކު މަރުހަލާގައެވެ. މި އެއްބަސްވުމުގެ މެދުވެރިއެއްގެ ދައުރު ޕާކިސްތާނާއި ގަތަރުން އަދާކުރަމުންދާއިރު، އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތު ބޭއްވުމަށް އެންމެ ބޮޑަށް ބެލެވެނީ ޕާކިސްތާނުގެ ވެރިރަށް އިސްލާމްއާބާދުގައެވެ.

Ad
rt

އެއްބަސްވުމުގެ މުހިންމު ބައިތައް

މި އެއްބަސްވުމުގެ ދަށުން އީރާނުން ހޯރްމޫޒް ކަނޑުއޮޅި ބައިނަލްއަގުވާމީ ވިޔަފާރި އުޅަނދުފަހަރަށް ވަގުތުން ހުޅުވާލުމަށް ވަނީ އެއްބަސްވެފައެވެ. އީރާނުގެ ދައުލަތުގެ މީޑިއާތަކުން ބުނާގޮތުގައި، މި އެއްބަސްވުމުގެ ދަށުން އީރާނާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް އުވާލައި، އީރާނު ކައިރީގައިވާ ސަރަހައްދުތަކުން އެމެރިކާގެ ސިފައިން ބޭލުމުގެ އިތުރުން ކަނޑުގެ ބްލޮކޭޑް ނިމުމަކަށް އަންނާނެއެވެ. މީގެ އިތުރުން، އެމެރިކާއިން ހިފަހައްޓާފައިވާ އީރާނުގެ 12 ބިލިއަން ޑޮލަރުގެ އެސެޓްތައް ދޫކޮށްލުމަށް ވެސް ވަނީ ނިންމާފައެވެ.

އީރާނުގެ ފޮރިން މިނިސްޓްރީގެ ތަރުޖަމާނު އިސްމާއިލް ބަގާއީ ވިދާޅުވީ، އެއްބަސްވުމުގެ ގިނަ ކަންތައްތަކެއް ނިމުމަކަށް އައިސްފައިވީ ނަމަވެސް، އަދި އެންމެ ފަހުގެ ނިންމުމަކަށް ނާދެވޭ ކަމަށެވެ. "އެއްބަސްވުން ވަނީ ވަރަށް ބޮޑަށް ފައިނަލް ކުރެވިފައި، ނަމަވެސް ސޮއިކުރުން އަދި ގާތެއް ނޫން،" ބަގާއީ ވިދާޅުވިއެވެ. މި އެއްބަސްވުމަށް އަމަލުކުރަން ފެށޭނީ އީރާނުގެ އެންމެ މަތީ ވެރިޔާ މުޖްތަބާ ޚާމަނާއީގެ ފުރިހަމަ ހުއްދަ ލިބިގެންނެވެ.

ނިއުކްލިއާ މައްސަލަ އާއި ސަރަހައްދީ ހަމަޖެހުން

މި އެއްބަސްވުމުގައި ނިއުކްލިއާ މައްސަލަ ވަނީ ވަގުތީ ގޮތުން ސަރަހައްދީ ހަމަނުޖެހުންތަކާ ވަކިކުރެވިފައެވެ. އީރާނުން ވަނީ އެގައުމުގައި ހުރި މަތީ ދަރަޖައަކަށް ފައްކާކޮށްފައިވާ ޔުރޭނިއަމްގެ ރައްކާކުރެވިފައިވާ މިންވަރު މަދުކުރުމަށް އެއްބަސްވެފައެވެ. ނަމަވެސް، ނިއުކްލިއާ ޕްރޮގްރާމާ ގުޅޭ ދާއިމީ އަދި ހަރުކަށި ނިންމުންތައް ވަނީ އެއްބަސްވުމުގައި ސޮއިކުރުމަށްފަހު ފެށޭ 60 ދުވަހުގެ މަޝްވަރާ މަރުހަލާއަކަށް ފަސްކުރެވިފައެވެ.

މި އެއްބަސްވުމާ ގުޅިގެން އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ހިތްހަމަނުޖެހުން ފާޅުކުރައްވާފައިވާއިރު، ލުބުނާނާއި ސޫރިޔާގައި އިސްރާއީލުން ހިންގާ އަސްކަރީ ހަރަކާތްތަކަށް މި އެއްބަސްވުމުގެ ސަބަބުން އަސަރުކުރާނެތޯ ވަނީ ސުވާލު އުފެދިފައެވެ. އަދި އެމެރިކާއިން ދަތިކުރުމުގެ ފިޔަވަޅުތައް އުވާލާނެ ކަމާމެދު އީރާނުގެ ބައެއް ހަރުކަށި މެންބަރުން ދަނީ ޝައްކު އުފައްދަމުންނެވެ.