އުތުރު ކޮރެއާގެ ސަރަހައްދަށް ޑްރޯން ފޮނުވި މައްސަލާގައި ދެކުނު ކޮރެއާގެ ކުރީގެ ރައީސް ޔޫން ސުކް ޔޯލްގެ މައްޗަށް އެ ގައުމުގެ ކޯޓަކުން 30 އަހަރުގެ ޖަލު ހުކުމެއް އިއްވައިފިއެވެ.
މި ހުކުމް އައީ މާޝަލް ލޯ އިއުލާންކޮށް ބަޣާވާތް ކުރަން އުޅުނު މައްސަލާގައި އޭނާގެ މައްޗަށް އުމުރު ދުވަހުގެ ޖަލު ހުކުމެއް އިއްވާފައި ވަނިކޮށެވެ.
ޕްރޮސެކިއުޓަރުން ބުނާ ގޮތުގައި 2024 ވަނަ އަހަރުގެ އޮކްޓޯބަރު މަހު ޔޫން ޑްރޯން ފޮނުވަން އަމުރު ކުރެއްވީ އުތުރު ކޮރެއާ ރުޅިއަރުވައި، އޭގެ ބޭނުމުގައި ގައުމުގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރުމުގެ ބަހަނާއެއް ހޯދުމަށެވެ. ޔޫން ޑިސެމްބަރު 3 ގައި މާޝަލް ލޯ އިއުލާން ކުރެއްވިއިރު ވިދާޅުވީ އެއީ އުތުރު ކޮރެއާއަށް ތާއީދުކުރާ "ދައުލަތާ އިދިކޮޅު" ބާރުތަކުން ގައުމު ސަލާމަތް ކުރުމަށް ކުރި ކަމެއް ކަމަށެވެ. ނަމަވެސް އެއީ އޭނާގެ ސިޔާސީ މަގާމު ދިފާއު ކުރަން ކުރި ކަމެއްކަން ހާމަވެ، އާންމުންގެ ބޮޑެތި މުޒާހަރާތަކާ ގުޅިގެން އެ އަމުރު ފަހުން ވަނީ ބާތިލްކޮށްފައެވެ.
ސޯލް ޑިސްޓްރިކްޓް ކޯޓުން ހުކުރު ދުވަހު ވަނީ ޔޫންގެ އިތުރުން ކުރީގެ ޑިފެންސް މިނިސްޓަރު ކިމް ޔޮން-ހިޔުން އާއި އިތުރު ދެ އަސްކަރީ ވެރިއަކު ގައުމަށް ޣައްދާރުވުމާއި ބާރުގެ ބޭނުން ނަހަމަ ގޮތުގައި ހިފިކަމުގެ ކުށް ސާބިތުވާ ކަމަށް ކަނޑައަޅާފައެވެ. މި މައްސަލާގައި ކިމްގެ މައްޗަށް 30 އަހަރުގެ ޖަލު ހުކުމެއް އިއްވިއިރު، އަނެއް ދެ ބޭފުޅުންނަށް ވެސް ވަނީ އެކި މުއްދަތުގެ ޖަލު ހުކުމްތައް އިއްވާފައެވެ.
"މި ބޭފުޅުން އަސްކަރީ އޮޕަރޭޝަނެއްގެ ނަމުގައި އުތުރު ކޮރެއާ ރުޅިއަރުވައި، ގައުމުގައި ކުއްލި ނުރައްކަލުގެ ހާލަތެއް އުފެއްދުމަށް މަސައްކަތް ކުރި" ޝަރީއަތް ނިންމަވަމުން ފަނޑިޔާރު ވިދާޅުވެފަވެއެވެ.
މީގެ ސަބަބުން ދެ ގައުމުގެ ދެމެދުގައި ހަނގުރާމައެއް ފެށުމުގެ ބިރު ބޮޑުވި ކަމަށާއި، މިކަމުގެ އެންމެ ބޮޑު ޒިންމާއެއް އުފުލަން ޖެހޭނީ ޔޫން ކަމަށް ކޯޓުން ފާހަގަކުރިއެވެ.
ޔޫންގެ ވަކީލުން ބުނަމުން ދިޔައީ މިއީ އުތުރު ކޮރެއާއިން ކުނި އެޅި ފުއްޕާހަންތައް ފޮނުވުމާ ގުޅިގެން ދިން ގާނޫނީ ރައްދު ލޮޖިކަލް ޖަވާބެއް ކަމަށެވެ. ނަމަވެސް ކޯޓުން ނިންމީ ޔޫން ޑްރޯން ފޮނުވީ އުތުރު ކޮރެއާއިން ރައްދު ހަމަލާއެއް ދޭނެ ކަމަށް އުއްމީދުކޮށްގެން ކަމަށެވެ. މި ހާދިސާތަކާ ގުޅިގެން ދެކުނު ކޮރެއާގެ ސިޔާސީ މަސްރަހު ގަޑުބަޑުވެ، ފަހުން ބޭއްވި އިންތިޚާބު ކާމިޔާބު ކުރެއްވީ އިދިކޮޅު ލީޑަރު ލީ ޖައި-މިޔުންގް އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!