2026 ވަނަ އަހަރުގެ ވޯލްޑް ކަޕް ފެށުމުގެ ގޮތުން މެކްސިކޯގެ އެސްޓާޑިއޯ އަޒްޓެކާގައި ކުޅުނު ފުރަތަމަ މެޗު، 2-0 ގެ ނަތީޖާއަކުން ސައުތު އެފްރިކާ ބަލިކޮށް މެކްސިކޯ އިން ކާމިޔާބުކޮށްފިއެވެ.
މެޗުގެ ވަރަށް ކުރީކޮޅު، 8 ވަނަ މިނެޓުގައި މެކްސިކޯ އިން ވަނީ ލަނޑެއް ޖަހައި ލީޑު ނަގާފައެވެ. ސައުތު އެފްރިކާގެ ޑިފެންސަށް ހެދުނު ގޯހެއްގެ ފައިދާ ނަގައި، މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ސައޫދީ ލީގުގައި ކުޅޭ ޖޫލިއަން ކީނޯނެސް އެވެ. މިއީ މި ފަހަރުގެ ވޯލްޑް ކަޕްގައި ފެނިގެންދިޔަ ފުރަތަމަ ލަނޑެވެ.
މެކްސިކޯގެ ދެވަނަ ލަނޑު 66 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ތަޖުރިބާކާރު ފޯވާޑް ރައުލް ހިމެނޭޒް އެވެ. ރޮބާޓޯ އަލްވަރާޑޯ ނަގައިދިން ހުރަހަކުން ބޮލުން ފޮނުވާލި މި ހިތްގައިމު ލަނޑަކީ ހިމެނޭޒްގެ ވޯލްޑް ކަޕް ކެރިއަރުގައި އޭނާ ޖެހި ފުރަތަމަ ލަނޑެވެ. ލަނޑަށްފަހު އޭނާ އުފަލުން ރޮއިފައިވާއިރު، މެޗުގެ 76 ވަނަ މިނެޓުގައި އޭނާ ބަދަލުކުރި ވަގުތު ސަޕޯޓަރުން ވަނީ ކޮޅަށް ތެދުވެ އޭނާއަށް މަރުހަބާ ކިޔާފައެވެ.
ތަޖުރިބާކާރު ފޯވާޑް ރައުލް ހިމެނޭޒް މެކްސިކޯގެ ލީޑު ފުޅާކޮށްދިން ލަނޑު ޖަހައިދިނުމަށްފަހު، ފޮޓޯ: އޭޕީ
މެޗުގެ ފޯރިގަދަވި ނަމަވެސް، ދެވަނަ ހާފުގައި ކުޅުންތެރިންގެ އަހުލާގީ މިންގަނޑު ވަނީ ވަރަށް ބޮޑަށް ދަށަށް ގޮސްފައެވެ. މެޗުގެ ތެރޭގައި ޖުމްލަ ތިން ރަތް ކާޑު ފެނިގެންދިޔައެވެ. އެގޮތުން 49 ވަނަ މިނެޓުގައި ސައުތު އެފްރިކާގެ މިޑްފީލްޑަރު ޔާޔާ ސިތޯލް އަށް ރަތް ކާޑު ދެއްކިއިރު، 83 ވަނަ މިނެޓުގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ނުކުތް ތެމްބާ ޒްވާނީ އަށް ވެސް ވަނީ ސީދާ ރަތް ކާޑެއް ދައްކާފައެވެ. މެކްސިކޯގެ ޑިފެންޑަރު ސޭސާ މޮންޓޭސް އަށް ރަތް ކާޑު ދެއްކީ މެޗުގެ އިތުރު ވަގުތުގައެވެ.
މި މޮޅާއެކު މެކްސިކޯ މިވަގުތު އޮތީ ގްރޫޕް އޭ ގެ އެއްވަނައިގައެވެ. ތިން ޕޮއިންޓާއި ފައިދާ ދެ ގޯލާއެކު މެކްސިކޯ އިން މުބާރާތް ވަރުގަދަކޮށް ފެށިއިރު، ސައުތު އެފްރިކާއަށް ދެން އޮތް މެޗަށް ނުކުންނަން ޖެހޭނީ ސަސްޕެންޝަނުގެ ސަބަބުން މުހިންމު ދެ ކުޅުންތެރިން ނުލައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!