2026 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕް ފެށުމުގެ ތައްޔާރީތައް ވަމުންދާއިރު، މުބާރާތް ބާއްވާ އެއް ގައުމު ކަމަށްވާ މެކްސިކޯއިން މުބާރާތް ހުޅުވުމުގެ ރަސްމިއްޔާތު ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

މި ރަސްމިއްޔާތު މެކްސިކޯ ގަޑިން މެންދުރުފަހު 1:30 ގައި ފެށޭއިރު، ދެކުނު އެފްރިކާގައި ބޭއްވި 2010 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕްގެ ރަސްމީ އެންތަމް "ވާކާ ވާކާ (ދިސް ޓައިމް ފޯ އެފްރިކާ)" ފްރެޝްލީގްރައުންޑާ އެކު ތައްޔާރުކޮށް ހުށަހަޅަދިން ކޮލަމްބިއާގެ މަޝްހޫރު ތަރި ޝަކީރާ އާއި، ކޮލަމްބިއާގެ ލަވަކިޔުންތެރިޔާ ޖޭ ބަލްވިން އާއި ކެނެޑާ އާއި މޮރޮކޯއަށް ނިސްބަތްވާ ލަވަކިޔުންތެރިޔާ އަދި ޅެންވެރިޔާ ނޯރާ ފަތޭހީ އަދި ފިއުޖީސް ބޭންޑުގެ ގިނަ ހުނަރުތަކެއް ލިބިފައިވާ ވައިކްލެފް ޖީން ފަދަ ފަންނާނުންތަކެއް މި ރަސްމިއްޔާތުގައި ފެނިގެންދާނެއެވެ.

Ad
rt

މުބާރާތް ހުޅުވާ މެޗުގައި ބައްދަލުކުރާނީ މެކްސިކޯ އާއި ދެކުނު އެފްރިކާއެވެ. މި މެޗު ކުޅުމަށް ހަމަޖެހިފައިވަނީ ބުރާސްފަތި ދުވަހު މެކްސިކޯ ސިޓީގައެވެ. މިއީ މުޅި އުތުރު އެމެރިކާ ބައްރުގައި އެއް މަސް ދުވަހުގެ މުއްދަތަށް ކުރިއަށްދާ ފުޓްބޯޅައިގެ ފޯރިގަދަ އީދުގެ ފެށުމެވެ.

މި މެޗަށް ނުކުންނައިރު މެކްސިކޯ އޮތީ ވަރުގަދަ ފޯމެއްގައެވެ. އެ ޓީމުގައި ތަޖުރިބާކާރު ފޯވާޑް ރައުލް ހިމެނޭޒް އާއި 17 އަހަރުގެ ޒުވާން މިޑްފީލްޑަރު ގިލްބާޓޯ މޯރާ ހިމެނެއެވެ. އަދި ކީޕަރު ގިލެރްމޯ އޮޗޯއާ މި މުބާރާތުގައި ވާދަކުރާއިރު، މިއީ އޭނާ ވޯލްޑް ކަޕެއްގައި ވާދަކުރާ ރެކޯޑް 6 ވަނަ ފަހަރެވެ. މިއާ ހިލާފަށް ދެކުނު އެފްރިކާއަށް މިއީ އެ ގައުމުން ވާދަކުރާ 4 ވަނަ ވޯލްޑް ކަޕެވެ.

މެކްސިކޯގައި ކުޅޭ މެޗުތަކުގައި ޓީމުތަކަށް ކުރިމަތިވާނެ އެންމެ ބޮޑު ގޮންޖެހުމަކީ އުސް ސަރަހައްދުތަކުގައި ކުޅެން ޖެހުމެވެ. މެކްސިކޯ ސިޓީގެ އަޒްޓެކާ ސްޓޭޑިއަމް ހުންނަނީ ކަނޑުގެ ސަތަހައަށްވުރެ 7,300 ފޫޓު އުހުގައެވެ. މިކަމުގެ ސަބަބުން ޒިޔާރަތްކުރާ ޓީމުތަކުން އެ ސަރަހައްދުގެ މާހައުލަށް ހޭނުމަށް ބޮޑެތި މަސައްކަތްތަކެއް ކުރަން ޖެހޭނެއެވެ.

މުބާރާތުގެ ފޯރި ގަދަވެފައިވީ ނަމަވެސް، މެކްސިކޯ ސިޓީގައި ފާއިތުވި ހަފުތާތަކުގައި ބޮޑެތި މުޒާހަރާތަކެއް ވަނީ ބާއްވާފައެވެ. މެކްސިކޯގެ ޓީޗަރުންގެ ޔޫނިއަނުން ވަނީ މަގުތައް ބަންދުކޮށް، ވޯލްޑް ކަޕާ ގުޅޭ ބައެއް ބިނާތަކަށް ގެއްލުންދީ، އެމީހުންގެ އިނާޔަތްތައް އިތުރުކުރުމަށް ގޮވާލާފައެވެ. މީގެ އިތުރުން، އެ ގައުމުގައި ގެއްލިފައިވާ 130,000 އަށްވުރެ ގިނަ މީހުންގެ އާއިލާތަކުން ވެސް ދަނީ ސަރުކާރުން މި މައްސަލައަށްވުރެ ކުޅިވަރު މުބާރާތަކަށް އިސްކަންދޭތީ ފާޑުކިޔަމުންނެވެ.