އީރާނުގެ ތެޔޮ އިންފްރާސްޓްރަކްޗާގެ މައި މަރުކަޒު ކަމަށްވާ ހާރްގް އައިލެންޑް އެމެރިކާގެ ބާރުގެ ދަށަށް ގެނެސް އެކަން ކުރަން ބޭނުންފުޅުވާ ކަމަށާއި، ނަމަވެސް އެމެރިކާއަށް އެކަންކުރަން ކެރޭނެކަމަށް ދަންނަވަން ނޭނގޭކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ބުރާސްފަތި ދުވަހު ވިދާޅުވެއްޖެއެވެ.
ނަމަވެސް، މި ހަނގުރާމަ އިތުރަށް ވަރުގަދަވެގެންދާއިރު، އެމެރިކާގެ ރައްޔިތުން އެފަދަ ބޮޑު ކުރިމަތިލުމަކަށް ތައްޔާރަށް ތިބިތޯ ސުވާލު އުފެދޭ ކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ.
"އަޅުގަނޑު އަބަދުވެސް ބޭނުންވަނީ ހާރްގް އައިލެންޑް ހިފަން. އަޅުގަނޑުގެ އިސްކަމަކީ އެއީ. އެކަމަކު އެމެރިކާއަށް އެކަން ކުރަން ކެރޭނެ ކަމެއް އަޅުގަނޑަކަށް ނޭނގެ،" ފޮކްސް ނިއުސްއަށް ދެއްވި އިންޓަވިއުއެއްގައި ޓްރަމްޕް ވިދާޅުވިއެވެ.
މި ހަނގުރާމައަށް ތިން މަހަށްވުރެ ގިނަ ދުވަސް ވެފައިވާއިރު، އީރާނުން ވަނީ ތެލާއި ގޭސް އުފުލާ މައި މަގެއް ކަމަށްވާ ހޯރްމޫޒް ކަނޑުއޮޅި ބަންދުކޮށްފައެވެ.
ހަމަލާތައް ވަރުގަދަކުރުން
އެމެރިކާއާއި އީރާނާ ދެމެދު ބުރާސްފަތި ދުވަހުވެސް ވައިގެ މަގުން ވަރުގަދަ ހަމަލާތަކެއް ބަދަލުކޮށްފައިވާއިރު، މިއީ ހަނގުރާމަ އަވަހަށް ނިމުމަކަށް އައުމަށް އޮތް އުއްމީދުތަކަށް އެޅުނު ހުރަހެކެވެ. ޓްރަމްޕް ވިދާޅުވީ އެމެރިކާއިން އީރާނަށް ދޭ ހަމަލާތައް އިތުރަށް ވަރުގަދަ ކުރާނެ ކަމަށާއި، ނަމަވެސް ބްރިޖުތަކާއި އިންޖީނުގެތަކަށް ހަމަލާދޭން ބޭނުންފުޅު ނުވާ ކަމަށެވެ.
"މިރޭ އިތުރަށް ބޮން އަޅާނެ. އެ ހަމަލާތައް ވާނީ ކުރިއަށްވުރެ ބޮޑު، އަދި މާ ބާރުގަދަ ހަމަލާތަކަކަށް،" ފޮކްސް އެންޑް ފްރެންޑްސް ޕްރޮގްރާމްގައި ޓްރަމްޕް ވިދާޅުވިއެވެ.
ހަމަލާތައް ވަރުގަދަ ކުރަން ރާވާފައިވީ ނަމަވެސް، އެއްބަސްވުމަކަށް އައުމަށް އީރާނާއެކު އަދިވެސް ވާހަކަދައްކަމުންދާ ކަމަށް ޓްރަމްޕް ވިދާޅުވިއެވެ.
ސުލްހައިގެ ވާހަކަތަކާއި މަޝްރަހު
އީރާނުގެ މަސްދަރުތަކާއި ހުޅަނގުގެ އޮފިޝަލުން ބުނާ ގޮތުގައި، ސުލްހައިގެ ވަގުތީ އެއްބަސްވުމަކަށް އައުމަށް އެމެރިކާއާއި އީރާނާ ދެމެދު ނުސީދާކޮށް ކުރެވޭ މަޝްވަރާތައް ވަނީ ވަރުގަދަވެފައެވެ. ނަމަވެސް، މިދިޔަ އޭޕްރީލް މަހު އެއްބަސްވި ހަމަލާބަދަލުކުރުން ހުއްޓާލުމުގެ އެއްބަސްވުން އަދިވެސް ދެމިއޮތްތޯ ކުރެވުނު ސުވާލަށް ވައިޓް ހައުސްއިން އަދި ޖަވާބެއް ދީފައެއް ނުވެއެވެ.
ފެބްރުއަރީ 28 ގައި އެމެރިކާއާއި އިޒްރޭލުން އީރާނަށް ދޭން ފެށި ވަރުގަދަ ހަމަލާތަކާއެކު ފެށުނު މި ހަނގުރާމައިގައި މިހާތަނަށް އެތައް ހާސް ބަޔަކު ވަނީ މަރުވެފައެވެ. މީގެ ތެރޭގައި ގިނައީ އީރާނާއި ލުބުނާނުގެ މީހުންނެވެ. މި ހަނގުރާމައިގެ ސަބަބުން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގުވެސް ވަނީ ވަރަށް ބޮޑަށް އުފުލިފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!