އެމެރިކާ އާއި އިސްރާއީލުން މިދިޔަ ފެބްރުއަރީ މަހު 28 ގައި އީރާނާ ދެކޮޅަށް ފެށި ހަނގުރާމަ ވަގުތީގޮތުން ހުއްޓިފައި އޮތް ނަމަވެސް އަދިވެސް ހަނގުރާމައިގެ ހާލަތު ތަޖުރިބާކުރަމުންދާ އީރާނުން ދަނީ ވޯލްޑް ކަޕްގައި ބައިވެރިވަމުންނެވެ.
ދަތިކުރުމާއި ހަނގުރާމައިގެ ވިލާގަނޑުގެ ސަބަބުން ފުރިހަމައަށް މުބާރާތައް ތައްޔާރުވުމަށް ފުރުސަތު ނުލިބުނުނަމަވެސް އީރާނު މުބާރާތުގައި ބައިވެރިވަނީ ސުލްހައަށް ގޮވައިލުމަށެވެ.
ބެލްޖިއަމް، ނިއުޒީލެންޑް އަދި މިޞްރާއެކު ގްރޫޕް ޖީ ގައި ހިމެނޭ އީރާނުގެ ބައިވެރިވުން އޮތީ ނުތަނަވަސްކަމެއްގެ ތެރޭގައެވެ. މާރިޗު މަހު މެކްސިކޯ ސިޓީގައި ހުންނަ އީރާނުގެ އެމްބަސީން ބުނެފައިވަނީ، ގްރޫޕް ސްޓޭޖުގެ ތިން މެޗު މެކްސިކޯއަށް ބަދަލުކުރުމަށް ފީފާއާއެކު މަޝްވަރާކުރި ކަމަށެވެ. ނަމަވެސް ދުނިޔޭގެ ފުޓްބޯޅަ އިދާރާއިން ބާރުއަޅަނީ ތާވަލާ އެއްގޮތަށް މެޗުތައް ކުރިއަށް ގެންދިއުމަށެވެ.
އީރާނުގެ ހަނގުރާމައިގެ ކުރިންވެސް، ގްރޫޕް ޖީ ގެ އެއް މެޗަކާ ގުޅިގެން ބޮޑު ބަހުސެއް އުފެދުނެވެ. ޖޫން 26 ގައި ސިއެޓްލްގައި އީރާނާއި މިޞްރު ބައްދަލުކުރާ މެޗު ދިމާވަނީ އެލް.ޖީ.ބީ.ޓީ.ކިއު+ މުޖުތަމައު ފާހަގަކުރާ "ޕްރައިޑް" ހަފްތާއާއެވެ.
ދީނީ އަދި ސަގާފީ ސަބަބުތަކަށްޓަކައި، މި މެޗަށް "ޕްރައިޑް މެޗު" ގެ ނަން ދީފައިވާތީ ދެ ގައުމުންވެސް ވަނީ ފީފާއަށް ޝަކުވާ ހުށަހަޅާފައެވެ. އީރާނުގައި އެއްޖިންސުން ގުޅުން ހިންގާ ފަރާތްތަކަށް މަރުގެ އަދަބު ހިމެނޭހެން ހަރުކަށި އަދަބުތައް ދެއެވެ.
އީރާނު
އީރާނުން ވަނީ ޖެހިޖެހިގެން ހަތަރު ވޯލްޑް ކަޕް އަދި ޖުމްލަ ހަތް ވޯލްޑް ކަޕަށް ކޮލިފައިވެފައެވެ. ނަމަވެސް "ޓީމް މެލީ" އަށް ދުވަހަކުވެސް ގްރޫޕް ސްޓޭޖުން ކުރިއަށް ދެވިފައެއް ނުވެއެވެ. މިހާރު ދުނިޔޭގެ ރޭންކިންގެ 21 ވަނައިގައި އޮތް އަދި ކުރީގެ ކުޅުންތެރިޔާ އާމިރު ގަލެނޮއީ ކޯޗުކޮށްދޭ އީރާނު، އޭޝިއާގެ ކޮލިފައިންގައި ބަލިވީ އެންމެ މެޗަކުންނެވެ.
ޓީމުގެ ކެޕްޓަނަކީ ގައުމީ ޓީމަށް ކުޅުނު 102 މެޗުގައި 57 ލަނޑު ޖަހާފައިވާ ފޯވާޑް މަހްދީ ތާރެމީއެވެ. ޕޯޓޯ އަދި އިންޓަ މިލާނަށް ކުޅުމަށްފަހު އޭނާ މިހާރު ކުޅެމުންދަނީ ގްރީސްގެ ކްލަބް އޮލިމްޕިއާކޯސްއަށެވެ. މިޑްފީލްޑަރު އަލީރޭޒާ ޖަހަންބަކްޝް ކުޅެނީ ބެލްޖިއަމްގެ ޕްރޮފެޝަނަލް ލީގުގައެވެ.
މާރިޗު މަހު ނައިޖީރިއާއާ ދެކޮޅަށް ކުޅުނު އެކުވެރިކަމުގެ މެޗުގެ ކުރިން، ފެބްރުއަރީ 28 ގައި އީރާންގެ މީނާބްގައި ހުންނަ އަންހެން ކުދިންގެ ފްރައިމަރީ ސްކޫލަކަށް ދިން މިސައިލް ހަމަލާއެއްގައި މަރުވި ކުދިންގެ ހަނދާނުގައި، ގައުމީ ސަލާމް ކިޔަމުންދިޔައިރު އީރާނުގެ ކުޅުންތެރިން ތިބީ ފިޔާތޮށި އަދި ދަނބު ކުލައިގެ ކުދި ދަބަސްތަކެއް ހިފަހައްޓައިގެންނެވެ. ހެކިތަކުން ދައްކާ ގޮތުގައި އެއީ އެމެރިކާގެ މިސައިލެކެވެ.
އީރާނުގެ ތަމްރީނު ކޭމްޕް އޮތީ އެރިޒޯނާގެ ޓޫސަންގައެވެ. އަދި ވޯލްޑް ކަޕްގެ ފުރަތަމަ މެޗުގައި ލޮސް އެންޖެލެސް ކައިރީގައި އޮންނަ އިންގްލްވުޑްގައި އެޓީމު ނުކުންނާނީ ނިއުޒީލެންޑާ ދެކޮޅަށެވެ.
ބެލްޖިއަމް
މިއީ ބެލްޖިއަމް ވޯލްޑް ކަޕްގައި ވާދަކުރާ 15 ވަނަ ފަހަރެވެ. އެޓީމުގެ އެންމެ ރަނގަޅު ނަތީޖާއަކީ 2018 ވަނަ އަހަރު ރަޝިއާގައި ބޭއްވި ވޯލްޑް ކަޕްގެ ތިންވަނަ ހޯދުމެވެ. އެފަހަރު ސެމީ ފައިނަލުގައި އެޓީމު ބަލިވީ ޗެމްޕިއަން ފްރާންސް އަތުންނެވެ. 2022 ވަނަ އަހަރު ބެލްޖިއަމް ގްރޫޕް ސްޓޭޖުން ކަޓާފައިވެއެވެ.
ބެލްޖިއަމްގައި މެންޗެސްޓަރ ސިޓީއަށް ކުޅޭ އުއްމީދީ ތަރި ޖެރެމީ ޑޮކޫގެ އިތުރުން، ނަޕޯލީއަށް ކުޅޭ ތަޖުރިބާކާރު ކެވިން ޑި ބްރޭނާ ހިމެނެއެވެ. ފަލަމަސްގަނޑަށް ލިބުނު އަނިޔާއަކުން ދާދި ފަހުން އެނބުރި އައި ޑި ބްރޭނާ ވަނީ ގައުމީ ޓީމަށް 117 މެޗުން 36 ލަނޑު ޖަހާފައެވެ. މިއީ އޭނާގެ ހަތަރުވަނަ ވޯލްޑް ކަޕެވެ. ފޯވާޑް ރޮމެލޫ ލުކާކޫ އަށް ލިބުނު އަނިޔާއެއްގެ ސަބަބުން ކުޅުމާ ދުރުގައި ހުންނަތާ މަސްތަކެއް ވެފައިވާއިރު، އޭނާއަށް ވޯލްޑް ކަޕްގައި ކުޅެވޭނެކަން އަދި ޔަގީނެއް ނޫނެވެ.
މާރިޗު މަހު އެމެރިކާގެ ފަސްގަނޑުގައި ބެލްޖިއަމުން ވަނީ 5-2 އިން އެމެރިކާ ބަލިކޮށްފައެވެ. އެޓީމަކީ ގްރޫޕް ޖީ ގައި އޮތް އެންމެ ވަރުގަދަ ޓީމެވެ.
ރޫޑީ ގާސިއާ ކޯޗުކޮށްދޭ ބެލްޖިއަމްގެ ފުރަތަމަ މެޗު އޮންނާނީ ޖޫން 15 ގައި ސިއެޓްލްގައި މިޞްރާ ދެކޮޅަށެވެ.
މިޞްރު
މިޞްރުން ވާދަކުރި ތިން ވޯލްޑް ކަޕްގައިވެސް އަދި މެޗަކުން މޮޅުވެފައެއް ނުވެއެވެ. އެންމެ ފަހުން ވާދަކުރީ 2018 ގައެވެ. އެފަހަރު އެންމެންގެ ސަމާލުކަން ކެޕްޓަން މުޙައްމަދު ޞަލާޙަށް ހުއްޓުނު ނަމަވެސް، ޗެމްޕިއަންސް ލީގު ފައިނަލުގައި ކޮނޑަށް ލިބުނު އަނިޔާއެއްގެ ސަބަބުން އޭނާއަށް ފުރަތަމަ މެޗު ގެއްލުނެވެ.
ޓީމުގެ ކޯޗަކީ މިޞްރުގެ ތާރީޚުގައި އެންމެ ގިނަ ލަނޑު (69 ލަނޑު) ޖަހާފައިވާ ހުސާމް ހަސަނެވެ.މި ފަހަރުގެ ވޯލްޑް ކަޕްގައިވެސް ސަލާހަށް ގިނަ ބައެއްގެ ސަމާލުކަން ހުއްޓޭނެއެވެ. އެއީ ނުވަ ސީޒަނަށްފަހު ލިވަޕޫލް ދޫކޮށްލާނެކަން އޭނާ އިޢުލާންކޮށްފައިވާތީއެވެ. މުބާރާތް ފެށުމާ ހަމައަށް، އޭނާގެ ކްލަބް ކެރިއަރު ދެން ބަދަލުވާނީ ކޮން ޓީމަކަށްތޯ ބެލުމަށް ގިނަ ބަހުސްތަކެއް ކުރެވޭނެކަން ކަށަވަރެވެ.
މާރިޗު މަހު މިޞްރާއި ސްޕެއިން ބައްދަލުކުރި މެޗު ލަނޑެއް ނުޖެހި އެއްވަރުވިއިރު، އެ މެޗުގައި ބައެއް ސަޕޯޓަރުންގެ ފަރާތުން އިސްލާމްދީނާ ދެކޮޅު އަޑުތަކެއް ވަނީ އިވިފައެވެ. ޗެމްޕިއަންސް ލީގުގައި ގަލަތަސަރާއީއާ ދެކޮޅަށް ލިވަޕޫލް ކުޅުނު މެޗުގައި ލިބުނު ކުޑަ މަސްގަނޑުގެ އަނިޔާއެއްގެ ސަބަބުން ސަލާހު އެ މެޗުގައި ކުޅެފައެއް ނުވެއެވެ.
ނިއުޒީލެންޑް
ނިއުޒީލެންޑަކީ މި ގްރޫޕުގައި ހިމެނޭ ރޭންކިންގްގެ އެންމެ ދަށް ޓީމެވެ (85 ވަނަ). "އޯލް ވައިޓްސް" އަށް ކޯޗުކޮށްދެނީ 2022 ވަނަ އަހަރުން ފެށިގެން އެ މަގާމުގައި ހުރި ޑަރެން ބޭޒްލީއެވެ.
މިއީ 1982 އަދި 2010 ވަނަ އަހަރަށްފަހު ނިއުޒީލެންޑް ވޯލްޑް ކަޕަށް ކޮލިފައިވި ތިންވަނަ ފަހަރެވެ. އެ ޓީމަށް އަދި ދުވަހަކުވެސް ގްރޫޕް ސްޓޭޖުން ކުރިއަށް ދެވިފައެއް ނުވެއެވެ.
ކެޕްޓަން ކްރިސް ވުޑް ވަނީ ނިއުޒީލެންޑަށް 45 ލަނޑު ޖަހައިދީފައެވެ. ނަމަވެސް، އިނގިރޭސި ޕްރިމިއާ ލީގުގެ ނޮޓިންހަމް ފޮރެސްޓަށް ކުޅެނިކޮށް ލިބުނު އަނިޔާއެއްގެ ސަބަބުން ފަސް މަސް ދުވަހު ކުޅުމާ ދުރުގައި ހުރުމަށްފަހު، އޭނާ އަންނަނީ ވޯލްޑް ކަޕަށް ފިޓްވުމަށް މަސައްކަތް ކުރަމުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!