ހުޅުމާލެ ފޭސް 2 ގައި ބާރު ސްޕީޑުގައި ދުއްވާފައިދިޔަ ސައިކަލެއް ކޮންޓްރޯލް ނުވެ ކަހާލައިގެން ގޮސް، ކަފިހިހުރަހުން މަގު ހުރަސްކުރަމުންދިޔަ މީހެއްގެ ގައިގައި ޖެހި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފިއެވެ.
މި ހާދިސާ ހިނގާފައިވަނީ ހުޅުމާލެ ފޭސް 2 ގެ ހިތިގަސް މަގުގައެވެ.
ފުލުހުންގެ އިދާރާއިން މައުލޫމާތު ދެއްވާ ގޮތުގައި، ހިތިގަސް މަގުން އުތުރުން ދެކުނަށް ދުއްވާފައިދިޔަ ސައިކަލެއް ކޮންޓްރޯލް ނުވެ ކަހާލައިގެން ގޮސް މީހެއްގެ ގައިގައި ޖެހިފައިވާ ކަމުގެ ރިޕޯޓް ލިބިފައިވަނީ 2026 ޖޫން 7 ވަނަ ދުވަހުގެ ރޭ 21:26 އެހައިކަންހާއިރުއެވެ.
މި އެކްސިޑެންޓްގައި އަނިޔާވެފައިވަނީ ކަފިހިހުރަހުން މަގު ހުރަސްކުރަން އުޅުނު މީހަކަށެވެ. އެއީ ދިވެހި ފިރިހެނެއް ކަމަށާއި، އޭނާއަށް އެކި ވަރުގެ އަނިޔާތައް ލިބިފައިވާ ކަމަށް ފުލުހުން ބުނެފައިވެއެވެ. އަނިޔާވި މީހާއަށް މިހާރު ދަނީ އައިޖީއެމް ހޮސްޕިޓަލުގައި ފަރުވާ ދެމުންނެވެ.
މި ހާދިސާއާ ގުޅިގެން ބަލަންޖެހޭ ކަންކަން ބަލައި، މި މައްސަލަ ފުލުހުން ގެންދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!