މަސްޖިދުލް އަޤްޞާއަކީ މުސްލިމުންގެ ފުރަތަމަ ޤިބްލައެވެ. ކީރިތި ރަސޫލާ ﷺ އިސްރާ އާއި މިއުރާޖުގެ ދަތުރުފުޅު ކުރެއްވި މުޤައްދަސް ބިނާއެވެ. ނަމަވެސް، މިއަދު މި މުޤައްދަސް ބިނާ މިވަނީ ތާރީޚުގައި ނުދެކޭ ފަދަ ނުރައްކާތެރި ދަނޑިވަޅެއްގައެވެ. އެމެރިކާއާއި އިސްރާއީލުން ގުޅިގެން ދަނީ އަޤްޞާގެ މައްޗަށް އޮތް އުރުދުންގެ ބެލެނިވެރިކަން ނައްތާލުމަށް ސިއްރު ރޭވުންތަކެއް ރާވަމުންނެވެ.

އިސްލާމީ ވަންތަކަން ފޮހެލުމުގެ ރޭވުން

Ad
rt

މިއީ ހަމައެކަނި ސިޔާސީ ކުޅިވަރެއް ނޫނެވެ. މިއީ ޤުދުސްގައިވާ އިސްލާމީ ވަންތަކަން ފޮހެލުމަށް ހިންގާ ވަރަށް ނިޒާމީ މަސައްކަތެކެވެ. އިސްރާއީލާއި އެމެރިކާގެ އަމާޒަކީ އުރުދުންގެ ބެލެނިވެރިކަމުގެ ދަށުން ހިނގާ "އިސްލާމިކް ވަޤުފް" އުވާލައި، އިސްރާއީލުން ކަނޑައަޅާ ވަކި އިދާރާއެއްގެ ދަށަށް އަޤްޞާ ގެންދިއުމެވެ.

މި އައު އިދާރާގެ ދަށުން އަޤްޞާއަކީ "އެކި ދީންތަކުގެ މަރުކަޒެއް" ކަމުގައި ކަނޑައަޅައި، ޔަހޫދީންނަށް އެތަނުގައި އަޅުކަން ކުރުމުގެ ފުރިހަމަ ފުރުޞަތު ދޭނެއެވެ. އަދި ހުކުރު ޚުޠުބާތަކުގެ ކޮންޓެންޓް ކަނޑައެޅުމާއި، އިމާމުން އައްޔަންކުރުމުގެ ބާރުވެސް އޮންނާނީ އިސްރާއީލުގެ އަތްދަށުގައެވެ. މިއީ މުސްލިމުންގެ ދީނީ މިނިވަންކަމަށް އަރައިގަނެ، އަޤްޞާގެ އިސްލާމީ ޝަޚްޞިއްޔަތު މަރާލުމަށް ހިންގާ "ސަގާފީ ޤަތުލުޢާއްމެއް" ކަމަށް މުޙައްލިލުން ސިފަކުރެއެވެ.

އަގްސާ މިސްކިތުގެ ގޯތިތެރޭ ފަލަސްތީނު ބަޔަކު 1447 ވަނަ އަހަރުގެ ފުރަތަމަ ރޯދަ ވިލޭރޭ ތަރީހް ނަމާދު ކުރަނީ

ފޯރުވަމުންދާ ނުފޫޒާއި ދަތިކުރުންތައް

އިސްރާއީލުގެ "އިރް އާމީމް" މޮނިޓަރިންގ ގްރޫޕުން 2025 ވަނަ އަހަރު ނެރުނު ރިޕޯޓެއްގައިވާ ގޮތުން، ޔަހޫދީން އަޤްޞާއަށް ވަދެގަންނަ މިންވަރު ވަނީ އިންތިހާއަށް އިތުރުވެފައެވެ. އިސްރާއީލުގެ ފުލުހުންގެ ހިމާޔަތުގައި ހިންގާ މި އަމަލުތަކުގެ ބޭނުމަކީ މަޑުމަޑުން އެތަނުގެ ކޮންޓްރޯލް އަތުލުމެވެ.

ކުރިން އެތައް ހާސް ބަޔަކު ހުކުރު ނަމާދަށް އެއްވި މި ބިމުގައި، މިއަދު އިސްރާއީލުގެ ހަރުކަށި ފިޔަވަޅުތަކުގެ ސަބަބުން ނަމާދުކުރަން ތިބެނީ މަދު ބައެކެވެ. މި އަހަރުގެ ތެރޭގައި އެކަނިވެސް 600 އަށްވުރެ ގިނަ ފަލަސްޠީނު މީހުން އަޤްޞާއަށް ވަނުން މަނާކޮށް، ވަޤުފްގެ 30 މުވައްޒަފެއްގެ ހުއްދަ ވަނީ ބާޠިލުކޮށްފައެވެ. އަޤްޞާގެ އިސް އިމާމު، އިކްރިމާ ޞަބްރީ ވިދާޅުވާ ގޮތުގައި، މިއީ މީގެ ކުރިން ދުވަހަކުވެސް ފެނިފައިނުވާ ފަދަ އިސްތިޢުމާރީ ބާރުވެރިކަން ދެއްކުމުގެ އަމަލުތަކެކެވެ.

ބެން-ގަވީރު އަގްސާމިސްކިތު ގޯތިތެރޭ ފޮޓޯ ނަގަނީ، ފޮޓޯ: އަލްއަރަބިއާ

މުސްލިމް އުންމަތުގެ ޒިންމާ

މި ނުރައްކާތެރި ދަނޑިވަޅުގައި، އިސްލާމީ ދުނިޔެއަށް އޮތް އެންމެ ބޮޑު ގޮންޖެހުމަކީ ހަމައެކަނި އިސްރާއީލުގެ އުދުވާނެއް ނޫނެވެ. އެއަށްވުރެ ބޮޑު ނުރައްކަލަކީ މުސްލިމުންގެ މެދުގައި އޮތް ބައިބައިވުމާއި، ފަރުވާކުޑަކަމާއި، އަދި ހިމޭންކަމެވެ. ބައެއް އިސްލާމީ ޤައުމުތަކުން ހަމައެކަނި ބަޔާނެއް ނެރެލުމުން ފުދުނީ ކަމަށް ދެކޭއިރު، އިސްރާއީލުން ދަނީ ޢަމަލީ ގޮތުން އަޤްޞާގެ ބިން ފޭރެމުންނެވެ.

އަޤްޞާ މިސްކިތް

އަޤްޞާއަކީ ހަމައެކަނި އާސާރީ ބިނާއެއް ނޫނެވެ. އެއީ ދެ ބިލިއަނަށްވުރެ ގިނަ މުސްލިމުންގެ އީމާންތެރިކަމާ ގުޅިފައިވާ މުޤައްދަސް ތަނެކެވެ. އެތަނަށް އަރައިގަތުމަކީ މުޅި އިސްލާމީ ތާރީޚާއި ޙަޟާރަތަށް ދޭ ހަމަލާއެކެވެ.

މިހާރު މިއީ އެންމެ ފަހު ވަގުތެވެ. އިސްލާމީ އުންމަތާއި، އިސްތިޢުމާރާ ދެކޮޅު އެންމެހައި ފަރާތްތަކުން ޑިޕްލޮމެޓިކް، އިޤްތިޞާދީ އަދި ޤާނޫނީ ހުރިހާ ވަޞީލަތެއް ބޭނުންކޮށްގެން އަޤްޞާ ދިފާޢުކުރަން ޖެހެއެވެ. މިއަދު އަޅުގަނޑުމެން ހިމޭނުން ތިބެއްޖެނަމަ، މާދަމާ ތާރީޚުގެ ފަތްފުށްތަކުން އަޤްޞާގެ އިސްލާމީ ނަން ފޮހެވިގެންދާނެއެވެ. ހިމޭންކަމަކީ އަނިޔާވެރިކަމަށް ދެވޭ އެއްބާރުލުމެކެވެ. އެހެންކަމުން، އުންމަތް ހޭލާންވީ ވަގުތަކީ މިއީއެވެ.