މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމައިގެ ސަބަބުން ރާއްޖެއަށް ފަތުރުވެރިން އަންނަ މިންވަރު ދަށްވުމަށްފަހު، މި މަހުގެ ތެރޭގައި އެ އަދަދު 2.6 އިންސައްތަ މައްޗަށް ޖެހިލާފައިވާކަމަށް ފަތުރުވެރިކަމާ ބެހޭ ވުޒާރާގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
ފަތުރުވެރިކަމާ ބެހޭ ވުޒާރާއިން އާންމުކޮށްފައިވާ އެންމެ ފަހުގެ ތަފާސްހިސާބުތަކަށް ބަލާއިރު، މި މަހުގެ މިހާތަނަށް ޖުމްލަ 122,548 ފަތުރުވެރިން ވަނީ ރާއްޖެއަށް ޒިޔާރަތްކޮށްފައެވެ. މިއާއެކު މިހާރު ރާއްޖެއަށް އެވްރެޖްކޮށް ކޮންމެ ދުވަހަކު 6,286 ފަތުރުވެރިން ޒިޔާރަތްކުރާ ކަމަށް ރަސްމީ ހިސާބުތަކުން ދައްކައެވެ.
މެދުއިރުމަތީގެ ހަމަނުޖެހުންތަކާ ގުޅިގެން ދަތުރުތައް މެދުކަނޑާލި ބޮޑެތި އެއަރލައިންތައް ކަމަށްވާ ގަތަރު އެއަރވޭސް އާއި އެމިރޭޓްސް އިން މިހާރު ވަނީ އަލުން ރާއްޖެއަށް ދަތުރުތައް ފަށާފައެވެ. މިއީ ފަތުރުވެރިން އަންނަ މިންވަރު އިތުރުވުމަށް ދިމާވި މުހިންމު ސަބަބެއްގެ ގޮތުގައި ފާހަގަކުރެވެއެވެ.
ރާއްޖެއަށް މިހާރު އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތްކުރާ ފަސް ގައުމުގެ ތެރޭގައި ހިމެނެނީ:
1. ޗައިނާ: 141,339 ފަތުރުވެރިން
2. ރަޝިއާ: 121,826 ފަތުރުވެރިން
3. އިނގިރޭސިވިލާތް: 79,473 ފަތުރުވެރިން
4. އިޓަލީވިލާތް: 68,906 ފަތުރުވެރިން
5. ޖަރުމަނުވިލާތް: 60,591 ފަތުރުވެރިންނެވެ.
ފަތުރުވެރިން އަންނަ މިންވަރު އިތުރުކުރުމަށްޓަކައި ސަރުކާރާއި ފަތުރުވެރިކަމުގެ ސިނާޢަތުގެ ބައިވެރިން ގުޅިގެން ގިނަ މަސައްކަތްތަކެއް ކުރަމުންދާކަން ފާހަގަކުރެވެއެވެ. މި މަސައްކަތްތަކުގެ ސަބަބުން ކުރިއަށް އޮތް ދުވަސްތަކުގައިވެސް ފަތުރުވެރިންގެ އަދަދު އިތުރުވާނެ ކަމަށް ބެލެވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!