ސީލައިފް ގްލޯބަލްއިން ގިނަ ބައެއްގެ އަތުން ފައިސާ ނެގުމަށްފަހު ފްލެޓް ނުދިން މައްސަލާގައި އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު މޫސާ (އައްމަޓީ) ގެ މައްޗަށް ކުރި ހިޔާނާތުގެ އެއްވެސް ދައުވާއެއް ސާބިތުނުވާ ކަމަށް ނިންމި މައްސަލާގެ ޝަރީއަތް ހައި ކޯޓުގައި މިއަދު ފަށައިފި އެވެ.

ހުޅުމާލޭގައި 3،000 ފްލެޓް އަޅަން ސީލައިފް ގްލޯބަލްއާ 2014 ވަނަ އަހަރު ހަވާލު ކުރުމުން ފްލެޓް އަޅައިދޭނެ ކަމަށް ބުނެ އެ ކުންފުނިން ގިނަ ބައެއްގެ އަތުން ފައިސާ ނެގި މައްސަލާގައި އައްމަޓީގެ މައްޗަށް ހިޔާނާތްތެރިވުމުގެ 42 ދައުވާއެއް ދައުލަތުން ކުރި އެވެ.

Ad
rt

އެކަމަކު ކްރިމިނަލް ކޯޓުން ކުރިން ނިންމާފައިވަނީ އައްމަޓީގެ މައްޗަށް އެ ދައުވާތައް ސާބިތުނުވާ ކަމަށެވެ.

އެ މައްސަލަ ދައުލަތުން އިސްތިއުނާފް ކުރުމުން ހައި ކޯޓުން މިއަދު ވަނީ ޝަރީއަތް ފަށައިފަ އެވެ. އަދި އެ މައްސަލާގެ އިތުރު އަޑުއެހުމެއް ފަހުން ބާއްވާނެކަން ފަނޑިޔާރުންގެ ބެންޗުން އިއުލާން ކުރެއްވި އެވެ.

އެ މައްސަލަ ހައި ކޯޓުން ބައްލަވަނީ ފަނޑިޔާރު މުހައްމަދު ޝަނީޒާއި އިސް ފަނޑިޔާރު އަބްދުالله ޖަމީލް މޫސާ އަދި ފަނޑިޔާރު އަބްދުލްމާނިއު ހުސައިނެވެ. އަދި ބެންޗުގެ ރިޔާސަތަކީ ފަނޑިޔާރު ޝަނީޒެވެ.

ހައިކޯޓުން ކުރިން ވަނީ އެ މައްސަލަ ނިމެންދެން އައްމަޓީގެ ޕާސްޕޯޓް ހިފަހައްޓައިފަ އެވެ.

އެ މައްސަލާގައި އައްމަޓީ ހޯދަނިކޮށް, ރާއްޖެ ނައިސް ކުރިން އޭނާ ރާއްޖެއިން ބޭރުގައި އުޅެނިކޮށް ސްރީލަންކާއިން އޭނާ ހައްޔަރު ކުރުމަށް ފަހު ރާއްޖެ ގެނައީ 2021 ވަނަ އަހަރު އެވެ. އަދި ދުވަސްތަކެއް ވަންދެން އޭނާ ބަންދުގައި ބެހެއްޓުމަށްފަހު އޭނާ ފަހުން ހުރީ ދޫކޮށްލައިފަ އެވެ.