ހިތަށްވީ ތަދުގެ ބަދަލު ހޯދަން އުޅެގެން ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)އަށް ލިބޭނެ ކުރިއެރުމެއް ނެތްކަމަށް، އެ ޕާޓީގެ ގެ ކުރީގެ ޗެއާޕާސަން އަދި ކުރީގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޟު އިސްމާއިލް (ފަޔާ) ވިދާޅުވެއްޖެއެވެ.
އެމްޑީޕީގެ އެތެރޭގެ އިންތިޚާބުގެ ފޯރިގަދަވެ އެއް ބަޔަކު އަނެއް ބަޔަކަށް ބަހުގެ ހަމަލާ ބަދަލުކުރުން ގަދަވެފައިވާއިރު، ފަޔާ އެކްސްގައި ކުރެއްވި ކުރު ޕޯސްޓެއްގައި ވިދާޅުވީ، ހިތަށްވީ ތަދުގެ ބަދަލު ހޯދަން އުޅެގެން އެމްޑީޕީއަށް ލިބޭނެ ކުރިއެރުމެއް ނެތްކަމަށެވެ.'
''އެހެނަސް އެވީތަދުގެ ރިހުން އެބަހުރި، ހަނދާން އެބަހުރި. ބޭނުމީ ކުރިޔައްދެވޭނެ ގޮތެއް. ގައުމު އަނބުރާ ހޯދުން.'' ފަޔާ ވިދާޅުވެފައެވެ.
އެކަން ކުރެވެން އަންނަނީ އެމްޑީޕީގެ ކުރީގެ ރައީސް އަދި އެމްޑީޕީގެ ޗެއާޕާސަން ކަމަށް ވާދަކުރަށްވާ މުހައްމަދު ނަޝީދާއި ފަޔާ ޢިއުލާންކުރަށްވާފައިވާ ''ބޮޑު ބަދަލު'' ޚިޔާރުކޮށްގެން ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ. އަދި ނަޝީދަށް ވޯޓު ދިނުމަށް ވަނީ އެދިވަޑައިގެންފައެވެ.
މީގެ އިތުރުން ފަޔާގެ އިތުރު ޕޯސްޓެއްގައި ވަނީ ފައްޔާމެން ފަޅީގައި ހުންނެވި އުނގޫފާރު ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު ވަހީދު (ވައްޑެ) އެކްސްގައި ކުރެއްވި ޕޯސްޓަކަށް ރައްދު ދެއްވާފައެވެ.
ފަޔާ، ވައްޑެއަށް ރައްދު ދެެއްވީ އެމްޑީޕީ މެމްބަރުންގެ 95 އިންސައްތަ މަސައްކަތުން ގެނައި ސަރުކާރުން 60 އިންސައްތަ ދިނީ ކޯލިޝަނަށް ކަމަށާއި، މަޖިލީހުގެ 55 އިންސައްތަ ވެސް ދޭން އުޅުނީ ކޯލިޝަނަށް ކަމަށާއި، އަދި ދައުރު ނިމުނުއިރު ގައުމީ މަޖިލީހާ ބައްދަލުކޮށްނުލިކަމަށާއި އަދި އެމްޑީޕީފެ ބޮޑެތި ވަޢުދުތައް ފުއްދަން މަސައްކަތްނުކޮށް އެމްޑީޕީ ބަލިކަށިކުރީ ކާކުތޯ ސުވާލުކުރެއްވުންނެވެ.
ވައްޑެގެ މި ބަސްތައް ރައްދުކުރެއްވީ ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ޞާލިޙް (އިބޫ) އަށް ކަމަށް ބެލެވޭއިރު، ފަޔާ އަކީ އެއިރު އެންމެ ބާރުގަދަ ވަޒީރެވެ. ފަޔާ ހުންނެވީ އިބޫ ސަރުކާރުގެ އިކޮނޮމިކް މިނިސްޓަރަކަށެވެ.
''އެމްޑީޕީ ބަލިކަށިކުުރުމުގަ އިސް ރޯލެއް އަދާކުރި އެއް ފަރުދެއް ވައްޑެތީ'' ފަޔާ ވިދާޅުވެފައެވެ.
އެމްޑީޕީ އަށް ލޯޔަލް ގިނަ މެމްބަރުން ގަބޫލުކުރާގޮތުގައި އިބޫގެ އެމްޑީޕީ ސަރުކާރު ބަލިކަށިވެ، 2023 ގެއްލި މަގުމަތިވީ އެއިރު ޕާޓީގެ ތެރެއިން ކުރީގެ ރައީސް ނަޝީދު އިސްވެ ވަކި ސިޔާސީ ހަރަކާތެއް ހިންގަވައި، ވަކި ޕާޓީއެއް އުފައްދަވައި އެމްޑީޕީ ''ރޫޅާލަން'' ކުރެއްވި މަސައްކަތުގެ ނަތީޖާއެއްގެ ގޮތުންނެވެ. އެއިރު ނަޝީދާއެކު އެމްޑީޕީގެ މަޖިލިސް މެމްބަރުންތަކެއް ވެސް ސަރުކާރާއި ދެކޮޅަށް ތެދުވެ، އަމިއްލަ ސަރުކާރަށް ފާޑުކިޔައި ހެދިއިރު ވައްޑެ އަކީ ވެސް އެއިގެ ތެރެއިން އެއް މެމްބަރެވެ.
ފަހަކަށް އައިސް އެމްޑީޕީގެ ބައެއް މެމްބަރުން ނިމިދިޔަ އެމްޑީޕީގެ ސަރުކާރަކީ 95 އިންސައްތަ އެމްޑީޕީގެ މަސައްކަތް ކަމަށް ބުނިނަމަވެސް އެއީ ހަގީގަތްކަމަށް ގަބޫލުނުކުރާ މީހުން މަދެއްނޫނެވެ. އެ ސަރުކާރު އައުމަށް މަގުކޮށި ކަންކަން ފަހިވެގެން ދިޔައީ އެއިރުގެ އިދިކޮޅު އެކުގައި ކުރި މަސައްކަތުގެ ނަތީޖާއިންކަމަށް އެފަދަ މީހުން ބުނެއެވެ. އަދި އެމްޑީޕީގެ ކަންމަތީ ޖަލްސާތަކަށް އެއިރު ދިހަ ވަރަކަށް މީހުން ގޮސް ސިޔާސީ ހަރަކާތް ހިންގަނިކޮށް ދިރުންލިބުނީ އިދިކޮޅު ޕާޓީތައް އެކުވެ ކުރި މަސައްކަތުންކަމަށް ހަގީގަތާއި އެއްގޮތަށް ވާހަކަދައްކާ މީހުން ގަބޫލުކުރެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!