ޔުނައިޓެޑް އެރަބް އެމިރޭޓްސް (ޔޫއޭއީ) ގެ ވައިގެ ސަރަހައްދުގައި އަޅާފައިވާ ރައްކާތެރިކަމުގެ ފިޔަވަޅުތައް އުވާލައި، ވައިގެ ދަތުރުފަތުރުތައް އަލުން އާންމު ހާލަތަށް ގެނެސްފައިވާ ކަމަށް އެ ގައުމުގެ ޖެނެރަލް ސިވިލް އެވިއޭޝަން އޮތޯރިޓީ (ޖީސީއޭއޭ) އިން މިއަދު އިއުލާނުކޮށްފިއެވެ.

ޖީސީއޭއޭ އިން ހާމަކުރި ގޮތުގައި، މި ނިންމުން ނިންމާފައިވަނީ ކަމާބެހޭ އިދާރާތަކާ ގުޅިގެން އޮޕަރޭޝަނަލް އަދި ސަލާމަތީ ކަންކަން ފުރިހަމައަށް ވަޒަންކުރުމަށްފަހުގައެވެ. އަދި ވައިގެ ދަތުރުފަތުރުގެ ރައްކާތެރިކަން އެންމެ މަތީ ދަރަޖައިގައި ކަށަވަރުކުރުމަށްޓަކައި، ވަގުތުން ވަގުތަށް ހާލަތު މޮނިޓަރ ކުރަމުންދާނެ ކަމަށްވެސް އެ އޮތޯރިޓީން ބުނެފައިވެއެވެ.

Ad
rt

ވައިގެ ދަތުރުފަތުރަށް ބަދަލުތަކެއް އައި ދުވަސްވަރު ފަސިންޖަރުންނާއި އެއާލައިންތަކުން ދިން އެއްބާރުލުމަށް ޖީސީއޭއޭ އިން ވަނީ ޝުކުރު އަދާކޮށްފައެވެ. އަދި ކުރިމަތިވެދާނެ ކޮންމެ ހާލަތަކަށްވެސް އެ އޮތޯރިޓީގެ ފަންނީ އަދި އޮޕަރޭޝަނަލް ޓީމުތައް ތިބީ ތައްޔާރަށް ކަމަށް އެ އިދާރާއިން އަލުން ކަށަވަރުކޮށްދެއެވެ.

މީގެ އިތުރުން، ވައިގެ ދަތުރުފަތުރާ ގުޅޭ މައުލޫމާތު ހޯދުމުގައި ރަސްމީ މަސްދަރުތަކަށް ބަރޯސާވުމަށް ޖީސީއޭއޭ އިން ވަނީ އާންމުންނަށް އިލްތިމާސްކޮށްފައެވެ.

އީރާނާއި ދެކޮޅަށް އިޒްރޭލާއި އެމެރިކާއިން ގުޅިގެން ފެށި ހަނގުރާމައިގެ ސަބަބުން އެންމެ ސަރަހައްދުން އެންމެ ބޮޑު އަސަރެއްކުރި އެއް ގައުމަކީ ޔޫއޭއީ އެވެ. ހަނގުރާމާގައި ޔޫއޭއީން އެމެރިކާ އަށް ވާގިވެރިވާތީ، އެމެރިކާ އަށް ވާގިވެރިވާ ކޮންމެ ބަޔަކީ އަމާޒު ފަތްގަނޑެއްކަމަށް އީރާނުން ކުރިއްސުރެ ޢިއުލާންކުރި އުސޫލްގެ ދަށުން ޔޫއޭއީ އަށް ވެސް ވަނީ ނުރައްކާ ކުރިމަތިކޮށްފައެވެ.