ރިޕޯޓާސް ވިތައުޓު ބޯޑާސް (އާރްއެސްއެފް) އިން މިއަދު އާއްމުކުރި ވޯލްޑް ޕްރެސް ފްރީޑަމް އިންޑެކްސްގައި ރާއްޖެ ހަތަރު ދަރަޖަ ފަހަތަށް ސޮއްސާލައިފި އެވެ.
ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހާ ގުޅުވައިގެން ކޮންމެ އަހަރު ނެރޭ މި އިންޑެކްސްގައި ރާއްޖެ މިހާރު އޮތީ 108 ވަނަ ދަރަޖައިގަ އެވެ. މިއީ މިދިޔަ އަހަރު ރާއްޖެ އޮތް 104 ވަނަ ރޭންކާ އަޅާބަލާއިރު ހަތަރު ދަރަޖައިގެ ވެއްޓުމެކެވެ.
އާރްއެސްއެފްގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި ރާއްޖޭގެ ޖުމްލަ ސްކޯ ވަނީ 52.46 ޕޮއިންޓުން 49.23 އަށް ދަށަށް ގޮސްފަ އެވެ. މި އިންޑެކްސްގެ މައިގަނޑު ގިނަ މިންގަނޑުތަކަކުން ރާއްޖެ ވަނީ ފަހަތަށް ޖެހިފަ އެވެ. އެގޮތުން ސިޔާސީ މާހައުލުގެ ރޭންކިން 123 އިން 129 އަށް ވެއްޓިފައިވާއިރު، ގާނޫނީ ދާއިރާއިން 23 ދަރަޖަ ދަށަށް ގޮސް ރާއްޖެ މިހާރު އޮތީ 126 ވަނައިގަ އެވެ.
ނޫސްވެރިކަމަށް އޮތް އިގްތިސާދީ ގޮންޖެހުންތައް ވަރަށް ބޮޑަށް އިތުރުވެފައިވާކމަށް އެ ރިޕޮޓުގައި ބުނެފައިވެ އެވެ. އެ ދާއިރާއިން ރާއްޖެ 118 ވަނައިން 157 ވަނައަށް ވަނީ ވެއްޓިފަ އެވެ. މީގެ އިތުރުން ނޫސްވެރިންގެ ސަލާމަތާއި ރައްކާތެރިކަމުގެ މިންގަނޑު 56 އިން 77 އަށް ވެއްޓި، 21 ދަރަޖައިގެ ފަހަތަށް ޖެހުމެއް ވަނީ އައިސްފަ އެވެ. ނަމަވެސް، އިޖުތިމާއީ މިންގަނޑުން ރާއްޖެ ވަނީ 133 ވަނައިން 118 ވަނައަށް، 15 ދަރަޖައިގެ ކުރިއެރުމެއް ހޯދާފަ އެވެ.
ނޫސްވެރިކަމުގެ މިނިވަންކަމަކީ ކޮންމެ ދިމިގްރާތީ މުޖުތަމައެއްގެވެސް އެންމެ މުހިންމު އެއް ތަނބެވެ. ރާއްޖޭގައި ނޫސްވެރިކަމުގެ މިނިވަންކަން އޮތުމަކީ ސަރުކާރާއި ދައުލަތުގެ މުއައްސަސާތައް ޖަވާބުދާރީ ކުރުވުމަށް ލިބޭ ބޮޑު ބާރަކަށް ވާއިރު، މިނިވަންކަމާއެކު މަސައްކަތްކުރެވޭނެ އަމާން މާހައުލެއް ގާއިމުކުރުމަކީ މިއަދު ކުރަންޖެހިފައިވާ މުހިންމު މަސައްކަތެކެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!