ވަކި ފަރާތަކަށް ނުޖެހި ތެދު މައުލޫމާތު ފެތުރުމަކީ ރާއްޖޭގެ ނޫސްވެރިކަމުގެ ދާއިރާ ހަރުދަނާކުރުމަށް ކޮންމެހެން މުހިންމު ކަމެއް ކަމަށާއި، ޒިންމާދާރު ނޫސްވެރިކަމެއް ކުރެވޭނީ ނޫސްވެރިން ''އެކްޓިވިސްޓުން''ގެ ގޮތުގައި މަސައްކަތްކުރުން ހުއްޓާލައިގެން ކަމަށް 18 ވަނަ ރައްޔިތުންގެ މަޖިލީހުގެ ޕީޕީއެމް ޕާލަމެންޓަރީ ގްރޫޕްގެ ލީޑަރުކަން ކުރެއްވި އަހްމަދު ނިހާން ހުސައިން މަނިކު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ޗީފް އޮފް ބިއުރޯގެ މަގާމުގައި މިހާރު ހުންނެވި ނިހާން މިފަދައިން ވިދާޅުވީ، އެމްއެމްޓީވީން ގެނެސްދިން ޚާއްޞަ ޕްރޮގްރާމެއްގައި "ނޫސްވެރިކަމުގެ މިނިވަންކަމުގެ މާނައަކީ ކޮބާ؟" މި މައުޟޫއަށް ކުރިއަށްދިޔަ ޕްރޮގްރާމެއްގައި ވާހަކަދައްކަވަމުންނެވެ.

Ad
rt

ނިހާންގެ ވާހަކާގައި، ނޫސްވެރިކަމަކީ ވަކި އިންތަކާއި މިންތަކެއްގެ ތެރޭގައި ކުރަންޖެހޭ މަސައްކަތެއްކަން ފާހަގަކުރައްވައި، ޒަމާނީ ދުނިޔޭގައި މައުލޫމާތު ފެތުރުމުގެ ހަލުވި މިނާއެކު "މިސް އިންފޯމޭޝަން" ނުވަތަ ނުބައި މައުލޫމާތު ފެތުރުމުގެ ނުރައްކާ ބޮޑުވެފައިވާ ކަމަށް ވިދާޅުވިއެވެ. އޭނާ ވިދާޅުވި ގޮތުގައި، ބަޓަނަކަށް ފިތާލައިގެން މުޅި ދުނިޔެއަށް ބޭނުންހާ ވާހަކައެއް ފަތުރާލެވޭ މި ދުވަސްވަރު، ނޫސްވެރިންނަކީ ޒިންމާދާރު ބަޔަކަށް ވާންޖެހެއެވެ.

މީގެ އިތުރުން، ރާއްޖޭގައި ކުރިން އަމަލުކުރި ނޫސް މަޖައްލާގެ ގާނޫނާއި، މިހާރު ހުރި ގާނޫނުތަކަށް އަލިއަޅުވާލައްވަމުން ނިހާން ވިދާޅުވީ، ކޮންމެ ނޫސްވެރިއަކީވެސް ތިމާ ފަތުރާ ޚަބަރެއްގެ މައުލޫމާތާއި އޭގެ ތެދުދޮގު ކަށަވަރު ކުރަންޖެހޭނެ މީހެއް ކަމަށެވެ. ބައެއް ނޫސްތަކުން ބޭރުގެ ޚަބަރުތައް ތަރުޖަމާކުރާއިރު ކުށްތަކާއެކު ރޯނުބައިކޮށް ޝާއިއުކުރާކަން ފާހަގަކުރައްވައި، އެއީ ނޫސްވެރިކަމުގެ މިންގަނޑުތަކާ ޚިލާފު ކަމެއްގެ ގޮތުގައި އޭނާ ސިފަކުރެއްވިއެވެ.

ނޫސްވެރިކަން "ސިނާއަތަކަށް" ބަދަލުވެގެން ދިޔަ ގޮތާ ބެހޭގޮތުން ވާހަކަދައްކަވަމުން ނިހާން ވިދާޅުވީ، ސިޔާސީ މީހުންނާއި ނޫސްވެރިންގެ މަސައްކަތް ބައެއް ފަހަރު މަސްހުނިވެ، ނުބައި ޓްރެކަކަށް ގޮސްފައިވާ ކަމަށެވެ.

''އަޅުގަނޑުމެން އަޅާ ދަމާލަންވީ ރޮނގަކީ ފަތުރާ މައުލޫމާތު، މީގަ ނޫސްވެރިން އެކަންޏެއްނޫން، ނޫސްވެރިން ލިޔާ އެއްޗެއް ބަލައިގަނެ އެއަށް ސަޕޯޓްކޮށް، ޗަންދާ ދައްކާ އެ ބަލަން ފޯރިއަރުވައި އެކަމަށް ތަރުހީބުގައި އެއަށް ހިތްވަރުދޭ ސިޔާސީ ޕޯޑިއަމްތައް ވެސް މީގައި ކުށްވެރިވުން ކުޑައެއްނޫން، މިދެބައި މީހުންގެ މަސައްކަތުން މީތި ނުބައި ޓްރެކްގައި މިއުޅެނީ'' ނިހާން ވިދާޅުވެފަވެއެވެ.

އޭނާ ވަނީ "ނޫސްވެރިން އެކްޓިވިސްޓުންވުން ހުއްޓާލައި، ހިތުހުރި ގޮތަކަށް ޚަބަރުތައް ލިޔުން ހުއްޓިގެން ނޫނީ ޒިންމާދާރު ނޫސްވެރިކަމެއް ނުފެންނާނެ،" ކަމަށް ވިދާޅުވިއެވެ.

ނިހާން އިތުރަށް ފާހަގަކުރެއްވި ގޮތުގައި، ސިޔާސީ ޕޯޑިއަމްތަކުގައި މީހުންގެ އަބުރު ކަތިލާއިރު، ނޫސްވެރިން އެކަންކަން ގެނެސްދެނީ ވަކި ފަރާތަކަށް ތާއީދުކުރާ ފަދަ ގޮތަކަށެވެ. މިކަމުގެ ސަބަބުން މުޖުތަމައުގައި ފިތުނަ އުފެދޭކަން ފާހަގަކުރައްވައި، ކީރިތި ޤުރުއާނުގެ ޙުޖުރާތު ސޫރަތުގެ އާޔަތްތަކުން މިސާލު ދައްކަވަމުން ވިދާޅުވީ، އިވޭހާ ޚަބަރެއް ކަށަވަރުނުކޮށް ގަބޫލުކޮށްގެން ނުވާނެ ކަމަށެވެ.

''މީހުންގެ އަބުރާ ބެހުމާއި ބުލީ ކުރުމުގެ ވާހަކައާއި އިންސާނީ ހައްގުތަކުގެ ވާހަކައާއި ކަރާމަތުގެ ވާހަކަ ދުވާލުހަތަރު ދަމު ދައްކާފައި އެރޭބާއްވާ ސިޔާސީ ޖަލްސާގައި ކޮންމެވެސް މީހެއްގެ އަބުރުކަތިލަނީ، ހަމަ އެ ނިމޭތަނުން ނޫސްވެރިޔާ ހަބަރުގެންނާނެ ހަމަ އެއިންގޮތަށް، އޭނާ ފެންނަ ގޮތަށް ފޮނިތޮށި ކާފޫރުތޮޅި އިތުރުކުރުމަށްފަހުގައި، އޭނާ އަށް އެސަޕޯޓްދޭ ބައެއްގެ ގޮތަށް، އެހެންވީމަ މީގައި ކުރުކޮށްލަންވީ ލައިނަކީ ނޫސްވެރިން އެކްޓިވިސްޓުންވުން ހުއްޓާލަންވީ، އެމީހުން ހިތުހުރިގޮތަކަށް ޚަބަރުތައް ލިޔުން ހުއްޓިގެންނޫން ގޮތަކަށް ޒިންމާދާރު ނޫސްވެރިކަމެއްނުކުރެވޭނެ'' ނިހާން ވިދާޅުވެފަވެއެވެ.

މި ޕްރޮގްރާމުގައި ނިހާން ވަނީ ޔޫރަޕިއަން މީޑިއާ ފްރީޑަމް އެކްޓް ފަދަ ބައިނަލްއަގުވާމީ މިންގަނޑުތަކަށް ބަލައި، ރާއްޖޭގެ ނޫސްވެރިކަންވެސް އެފަދަ ހަމަތަކަކަށް ފެއްތުމުގެ މުހިންމުކަން ފާހަގަކުރައްވާފައެވެ.